ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަހުގީގުގެ ބޭނުމަށް ހައްޔަރު ކުރުމަކީ ޤާނޫނު ދަންނަ ކަމެއް ނޫން: ޕީޖީ ޝަމީމް

ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުށެއްގެ ތުހުމަތެއް ކުރެވިފައިވާ މީހަކު ހައްޔަރުކުރުން ހުއްދަ ސަބަބުތައް ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނިކޮށް “ތަހުގީގުގެ ބޭނުމަށް” އެ މީހާ ހައްޔަރު ކުރުމަކީ ޤާނޫނު ދަންނަ ކަމެއް ނޫންކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ މިހެން ވިދާޅުވީ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސައަށް އަމާޒުވެފައިވާ ގެވެށި އަނިޔާގެ މައްސަލާގެ ތަހުގީގަށް އޭނާ ހައްޔަރު ކުރުމަށް ގޮވާލަމުންދާ ވަގުތެއްގަ އެވެ. މިކަމާއި ބެހޭ ތަފްސީލީ ލިޔުމެއް ޝަމީމް ހިއްސާ ކުރީ، އޭނާގެ އަމިއްލަ ބްލޮގުގަ އެވެ.

ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމާއި، ދެ އަހަރު ނުވާ ތުއްތު ދަރިފުޅަށް އަނިޔާކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ އީސާގެ ހަބަރުތައް މީޑިއާތަކުގައި ފެންމަތިވީ ނިމިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ.

މައްސަލައިގައި އީސަ ހައްޔަރުކޮށްދޭން އެދުމުން ކްރިމިނަލް ކޯޓުން އަމުރު ނެރެނުދޭން ނިންމާ ބުނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާގައި، ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރުމުގައި ނުވަތަ ބަންދުގައި ބެހެއްޓޭނެ ސަބަބުތަކުގެ ތެރޭގައި ތަހުގީގުގެ ބޭނުމަށް ބަންދުގައި ބެހެއްޓުން ނުހިމެނޭ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ދީބަނާޖް ފަހުމީގެ ނިންމުމަށް ތާއީދުކޮށް ޝަމީމް ވިދާޅުވީ، ތަހުގީގުގެ ބޭނުމަށް ހައްޔަރު ކުރުމަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ދަންނަ ކަމެއް ނޫން ކަމަށެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމަކީ، އޭގެ ޒާތާއި މަސައްކަތުގެ ގޮތުން، މީހުންގެ އަސާސީ ހައްގުތައް ހަނިކުރުމުގެ ބާރު، ގާނޫނު ތަންފީޒުކުރާ މީހުންނަށް، އެކި މަރްހަލާތަކުގައި ލިބިދޭ ނިޒާމެއްގެ ގޮތުގައި ފާހަގަކޮށް ޝަމީމް ވިދާޅުވީ ގާނޫނުތައް ހަދާފައި ހުންނަނީ، މި ބާރުތައް ނަހަމަ ގޮތުގައި ބޭނުން ނުކުރެވޭނެކަން ކަށަވަރު ކުރުމަށް ކަމަށެވެ. އަދި މީހަކު ކުށެއް ކުރިކަމަށް ތުހުމަތު ކުރެވުމާއެކު، ކުރިޔަށް ގެންދަންޖެހޭ އެންމެ ފުރަތަމަ މަރުހަލާއަކީ އެ މައްސަލައެއްގެ ޖިނާއީ ތަހުގީގެއް ހިންގުންކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޖިނާއީ ތަހުގީގެއް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ ފުލުހުންގެ މުވައްސަސާއިން ކަމަށެވެ. އަދި ބައެއް ހާއްސަ މައްސަލަތަކުގެ ތަހުގީގުތަކުގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި އެންޓި ކޮރަަޕްޝަން ކޮމިޝަން (އޭސީސީ) އަދި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި، ސިފައިން ބައިވެރިވާ ކަމަށެވެ. މި އިދާރާތަކުގެ ބައިވެރިވުމާއި އެކު ޖިނާއީ ތަހުގީގެއް ހިންގިޔަސް ފުލުހުންނަށް ނޫން އިތުރު ބަޔަކަށް ކުށުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރުމުގެ ބާރެއް ނޯންނާނެކަމަށް ޝަމީމް ވިދާޅުވިއެވެ. ވަރަށް މަދު އަދި ހާއްސަ ހާލަތުތަކުގައި އެ ބާރު ސިފައިންނަށް ލިބިގެންވާކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް އޭނާގެ އަމިއްލަ ބްލޮގުގައި ޝާއިއު ކުރި ލިޔުމުގައި މީގެ ކުރިން އަމަލު ކުރަމުން އައި “ނޫ ގާނޫނު އަސާސީ” ގައި ކުށުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރުމުގައި އަމަލު ކުރަމުން އައި ގާނޫނުތައް ހިމެނުއްވި އެވެ. އޭރު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރުމާއި، ދިފާއަށް ވާހަކަ ދެއްކުމުގެ އެއްވެސް ފުރުސަތެއް ހައްޔަރުގައި ހުންނަ މީހާއަކަށް ނުލިބެ އެވެ.

“އޭރު އޮތް ގޮތުން، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު، އެއްވެސް ސުވާލަކާ ނުލައި ހަތް ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމުގެ މުޠްލަގު ބާރު ފުލުހުންނަށް ލިބެއެވެ. އެއަށްފަހު، ތަހުގީގުކުރާ އިދާރާގައި އޮންނަ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 3 މެމްބަރުންގެ ކޮމިޓީއަށް ހުށަހަޅައިގެން އިތުރު 15 ދުވަހަށް (ޖުމްލަ 23 ދުވަހަށް) ޖަހަނީއެވެ. މިކަމަށް އޭރު ގެންގުޅޭ ފޮތަށް ކިޔަނީ “ކޮމިޓީއަށް ދަންނަވާ” ފޮތެވެ. ކޮމިޓީން ދެއްވާ 23 ދުވަސް ނިމުމުން، ރައީސް ޢައްޔަންކުރާ ފަނޑިޔާރަށް ލިޔުންތައް ފޮނުވައިގެން، އިތުރު 30 ދުވަސް (ޖުމްލަ 53 ދުވަހަށް) ޖެހެއެވެ. 30 ދުވަސް ހަމަވުމުން، “ވާނުވާ” (ޝަރީޢަތް ނިމެންދެން ބަންދު) ވެސް ޖެހެއެވެ.” ޝަމީމް ލިޔުއްވާފައި ވެއެވެ.

ޝަމީމް ވިދާޅުވެފައި ވަނީ ޖިނާއީ މައްސަލަތައް ބެލުމަށް، ޖިނާއީ ކޯޓެއް ހުރި ނަމަވެސް އޭރު ބަންދާމެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ އައްޔަނު ކުރައްވަން އޭރުގެ ރައީސަށް ފެނިވަޑައިގަތީ އައިލާއާއި ބެހޭ ކޯޓުގެ ފަނޑިޔާރެއްކަމަށެވެ. ޝަމީމް ވިދާޅުވެފައިވާ ގޮތުގައި އަދި އޭރު އާއިލާއާއި ބެހޭ ކޯޓުގެ ފަނޑިޔާރު އެކަން ކުރެއްވިއިރު، ބަންދު މީހާ ހާޒިރެއް ނުކުރެއެވެ. ހަމައެކަނި ގެންނަނީ މައްސަލަތަކެއް ލިޔުންތަކެކެވެ. އެއަށްފަހު ލިޔުންތަކުގައި “ތައްގަނޑު” ޖަހަނީ އެވެ.

މި ލިޔުން ޝާއިއު ކުރުމަށްޓާ ކުރި ދިރާސާތަކާއި ގުޅޭގޮތުން ޝާމީމް ވިދާޅުވީ، ފުލުހުން މުއްދަތު އިތުރު ކުރަން ގެނައި އެއްވެސް މީހެއްގެ ބަންދަށް މުއްދަތު ޖަހައި ނުދޭކަން ފާހަގަވެފައި ނެތް ކަމަށެވެ.

“އަދި އޭރު ބަންދުގައި ތިބި މީހުން، އެ ދެފަނޑިޔާރުންގެ ނަމުގެ ކުރިއަށް “ތައްގަނޑު” ގެ ނަމުން ކިޔާކަމަށް މަޝްހޫރު ވެފައި އޮވެއެވެ.” ޝަމީމް ލިޔުއްވާފައި ވެއެވެ.

މުއްދަތު ނުވަތަ ބަންދު ޖެހުމުގެ މަސައްކަތް ޖިނާއީ ކޯޓަށް ބަދަލުކޮށް، ކުށުގެ ތުހުމަތުގެ ހައްޔަރުގައި ހުންނަ މީހާ ކޯޓަށް ހާޒިރު ކުރުމަށްފަހު އޭނާއަށް ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތުތައް ދޭން ފެށީ މާ ފަހުންކަމަށް ޝަމީމް ވިދާޅުވިއެވެ.

“މީގެ ކުރިން ނަމަ ތަހުގީގަށް ބަންދުކުރާ މީހެއްގެ ބަންދާމެދު އެއްވެސް މަރުހަލާއެއްގައި ނިންމާ ގޮތަކާއިމެދު ހިތްހަމަ ނުޖެހިގެން ބަންދުގައި ހުރި މީހާއަށް ކުރެވޭނެ ހަމަ އެއްކަމެއްވެސް އޭރަކު ނޯވެއެވެ. އެނިންމުން އަލުން މުރާޖަޢާ ކޮށްދެއްވުން އެދިގެން ހުށަހަޅާނެ ތަނެއްވެސް، އިޖުރާއާތެއްވެސް އޭރަކު ނޯވެއެވެ. އިސްތިއުނާފު ކުރެވޭނެ ގޮތެއްވެސް ނޯވެއެވެ. ކުރުކޮށް ބުނާނަމަ، ފުލުހުން، ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކޮށްފިނަމަ، އެމީހަކު އެކަމާބެހޭ ގޮތުން ދެކޭ އެއްޗެއް ބުނުމުގެ ފުރުސަތެއް ނެތި، (“މިނިވަން މުސްތަޤިއްލު”) ފަނޑިޔާރަކާ ހަމައަށް އެމައްސަލަ ދާންވެސް 23 ދުވަސް ނަގައެވެ. އޭރު އޮތް ގޮތުން، ޖުޑީޝަރީގެ ވެރިއަކީވެސް ރައީސުލްޖުމްހޫރިއްޔާއެވެ. ފަނޑިޔާރު ނިންމައިގެން، ޖުމްލަ 53 ދުވަސް ބަންދުގައި ބެހެއްޓެއެވެ. އެއަށްފަހު “ވާނުވަ” ވެސް ޖެހެއެވެ. މިއިން އެއްވެސް މަރްޙަލާއެއްގައި ބަންދު މީހާ ބުނާ އެއްޗެއް އަޑުއެހުމުގެ ފުރުސަތެއް ނޯވެއެވެ. ބަންދުގެ ކަންކަމުގައި އޮތީ، މުއްތަހަމުގެ މަސްލަހަތަށް އެއްވެސް ވަރަކަށް އަޅާލާ އުސޫލުތަކެއް ނޫނެވެ.” ޝަމީމް ލިޔުއްވި އެވެ.

ހައްޔަރު ކުރުމާއި ބެހޭ ނިޒާމަށް އިންގިލާބެއް ގެނައީ ޝަމީމް ވިދާޅުވީ ގޮތުން 2008 ގައި އަމަލު ކުރަން ފެށި ފެހި ގާނޫނު އަސާސީންނެވެ. އެ ގާނޫނުގެ ދަށުން ކުށެއް ކުރަނިކޮށް ފެނިއްޖެ ހިނދެއްގައި މެނުވީ، ކޯޓު އަމުރަކާއި ނުލާ މީހަކު ހައްޔަރެއް ނުކުރެވޭނެކަމަށް ލިޔެފައި ވެއެވެ. އަދި ކުށެއްގެ ތުހުމަތެއްކޮށް މީހާ ހައްޔަރު ކުރާތާ، 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަންޖެހޭނެކަމަށް ގާނޫނުގައި ލިޔުނެވެ. އޭގެ އިތުރުން ހައްޔަރު ކުރާތާ 24 ގަޑިއިރު ވެސް ނުވަނީސް، އެ މީހާގެ ބަންދުގެ ކަންކަން ބަލައިދޭން އެދި “ހޭބިއަސް ކޯޕަސް” ރިޓަކަށް އެދުމުގެ ފުރުސަތު އޮންނާނެ އެވެ.

“ބަންދު މީހާ ކުރެން ހޭވެސް އަހައި ނުލައި، 53 ދުވަހަށް ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ ނިޒާމަކުން، 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުގެ ނިޒާމަކަށް ޖިނާއީ ޢަދުލުގެ ނިޒާމު ހިޖުރަކޮށްފިއެވެ. ހައްޔަރުކުރުން ހުއްދަ ސަބަބުތައް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި އޮތް އިރު، ‘”ތަހުގީގުގެ ބޭނުމަށް” ހައްޔަރު ކުރުމަކީ ޤާނޫނު ދަންނަ ކަމެއް ނޫނެވެ.” ޝަމީމް

ޕީޖީ ޝަމީމް އޭނާގެ އަމިއްލަ ބްލޮގުގައި މި ލިޔުން އާއްމުކުރި އިރު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އީސާގެ މައްޗަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލައެއްގައި އޭނާ ހައްޔަރުކުރުމުގެ އަމުރެއް ހޯދައިދިނުމަށް އެދި ފުލުހުން ވަނީ ޕްރޮސިކިއުޓާ ޖެރަލަށް ހުށަހެޅީ އިމްތިޔާޒުތަކާއި ބެހޭ ގާނޫނުގެ ދަށުންނެވެ. މައްސަލައިގައި އަމުރަކަށް އެދި ހުށަހެޅުމުން، ކްރިމިނަލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ކަމުން، އެ ކޯޓުގެ އެ ނިންމުމާ މެދު ޕީޖީން އަމަލުކުރާ ގޮތެއް އަދި ހާމައެއް ނުކުރެ އެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތް ގޮތުން ވަކި ހާލަތްތަކެއްގައި ޝަރީއަތް ނިމެންދެން ބަންދުކުރުން ލާޒިމްވާ ކަމަށް ހައި ކޯޓުން ކުރިން ކަނޑައެޅީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ހުކުމް ވެސް ކޮށްފަ އެވެ.

އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ފުލުހުން އެދިފައިވަނީ، މައްސަލައިގައި ހެކި ބަސް ދޭންތިބި މީހުންނަށް ނުފޫޒު ފޯރުވަފާނެތީ އެވެ. އެކަމަށް ކޯޓުގެ ނިންމުމުގައި ބުނީ، އީސަ ހެއްކަ ނުފޫޒު ފޯރުވަފާނެކަމަށް ބުނާ ބުނުމަށް ބާރު ލިބޭ އެއްވެސް ކަމެއް ހުށަހަޅާފައި ނެތް ކަމަށެވެ. އީސަ ހައްޔަރުކުރުމަށް ފުލުހުންނާއި ޕީޖީން އެދިފައިވަނީ ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ގާނޫނުގެ ކުރިމަތީގައި އަދި އެ މީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަ ވެގެންވާނެ މީހެއް ކަމަށް އޮންނަ އޮތުމާ ހިލާފަށްކަން ބުރަރެވޭކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: