ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުގެ ތެރޭގައި ނުފޫޒު ގަދަ މީހުން ތިބިއިރު، ހަރުކަށި ފިކުރު ވެސް ފެތުރުމުގައި!

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ޕޮލިހުން ހިންގި އޮޕަރޭޝަންގައި މީހަކު ހައްުޔަރު ކުރަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ތަފާތު އެކި ކުށްތަކުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުންގެ ތެރޭގައި ހަރުކަށި ފިކުރުގެ ވިސްނުން ހުންނަ މީހުން ހިމެނޭއިރު، އެ މީހުން ޖަލުގެ ތެރޭގައި ވެސް އެ ވިސްނުން ފެތުރުމުގެ މަސައްކަތް ކުރާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން، ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު ފުލުހުންނާއި ސިފައިން ގުޅިގެން ކުރިޔަށް ގެންދިޔަ އެކި އޮޕަރޭޝަންތަކުގެ ތެރެއިން މިހާތަނަށް 14 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ޓެރަރިޒަމަށް ހިއްވަރު ދިނުމާއި، ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތް ކުރާކަމުގެ ތުހުމަތަށް އައްޑޫއިން މި މަހުގެ 15 ވަނަ ދުވަހު ފުލުހުން ހައްޔަރު ކުރި 09 މީހުންގެ ތެރެއިން، 03 މީހެއްގެ ބަންދަށް 15 ދުވަސް، އަދި 04 މީހެއްގެ ބަންދަށް 07 ދުވަސް އަދި 02 މީހަކަށް 05 ދުވަސް ކޯޓުން ވަނީ ދީފަ އެވެ. އެހެން ނަމަވެސް ބަންދަށް 05 ދުވަސް ޖެހި މީހުންގެ ތެރެއިން އެކެއްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމުން އޭނާ ކޯޓުން ދޫކޮށްލީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިމްރާން ހާޒިރުކޮށްފައި ވަނީ ތ. ތިމަރަފުށި، އަދި ތ. ވޭމަންޑޫގައި ފުލުހުންގެ މަރުކަޒެއް ގާއިމް ކުރެވޭނެ ދުވަހާއި ބެހޭ ގޮތުން ސުވާލު ކުރުމަށެވެ. އަދި ސުވާލު ކުރުމުގެ ވަގުތުގައި އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ސުވާލު ކުރެއްވީ ޖަލުތަކުން ނިކުންނަ މީހުންގެ ވިސްނުން ހަރުކަށި ފިކުރަށް ބަދަލުވާ ސަބަބާއި ގުޅޭ ގޮތުންނެވެ. އަދި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި އެކަކު، މީގެ ކުރިން ޖަލު ބަންދުގައި ހުރިއިރު އޭނާގެ ނުފޫޒު ގަދަކަމުގެ މައުލޫމާތުތައް މީޑިއާ މެދުވެރިކޮށް ލިބިފައިވާކަން އިލްޔާސް ފާހަގަ ކުރެއްވި އެވެ. އެގޮތުން އޭނާ ނުރުހޭ އެއްވެސް ކަމެއް، ނުކުރުމާއި ބައެއް ޖަލު އޮފިސަރުން ވެސް އޭނާގެ “ނަސޭހަތް” އަޑު އަހާ ކަމަށެވެ. ޖަވާބުގައި އިމްރާން ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާފައި ޖަލުން ރެކްރޫޓު ކުރި މީހެއް ނުހިމެނޭ ކަމަށެވެ.

އިލްޔާސް ވަނީ ރައްޔިތުންގެ މަޖިލީހުން ޓެރަރިޒަމްގެ ގާނޫނެއް ފާސްކޮށްފައި ވަނިކޮށް، އެ ގާނޫނަށް އަމަލު ނުކުރެވޭ ސަބަބާއި މެދު ސުވާލުކޮށްފަ އެވެ. އަދި ޖަލުތަކަކީ އެންމެ ބޮޑަށް ހަރުކަށި ފިކުރު ފަތުރާ، “ޖަރީމާތައް” ހިންގާތަންކަން އިމްރާނަށް އެނގިވަޑައިގަންނަވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ، ޖަލުގައި ކުށްވެރީންގެ ގޮތުގައި ނުފޫޒު ގަދަ މީހުން އުޅޭ ފަހަރުތައް އަންނަ ކަމަށެވެ. ނަމަވެސް، އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިމްރާން ވިދާޅުވި އެވެ. އިމްރާން ތަކުރާރުކޮށް ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ޖަލުގެ ތެރޭ މިވަގުތު ހުރި މީހަކާއި ގުޅުމެއް ނެތް ކަމަށެވެ.

ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނު އިސްލާހު ކުރީ، އިމްރާންގެ ވެސް އެދުމުގެ މަތިންކަމަށްވާއިރު މުޖްތަމައުގެތެރޭގައި ހަރުކަށި ފިކުރުގެ ވިސްނުމާއި އެކު އަމިއްލަ ފުރާނަ ދުއްވާލައިގެން އެގެން ބަޔަކަށް ގެއްލުމެއް ދީފާނެ ވިސްނުން ހުރި 1،300 މީހުން ހައްޔަރު ނުކުރެވެންވީ ސަބަބާއި މެދު ސުވާލު އުފައްދައި އިލްޔާސް ނުރުހުން ފާޅު ކުރެއްވި އެވެ.

ޖަވާބުގައި އިމްރާން ވިދާޅުވީ، ޓެރަރިޒަމްގެ ގާނޫނު އިސްލާހު ކުރެވިފައިވާކަން އޭނާ ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް، އެ ގާނޫނުގެ ދަށުން އަދިވެސް މީހުން ހައްޔަރުގައި ބޭތިއްބުމުގެ ހައްލެއް ލިބިފައި ނުވާކަމަށް ވިދާޅުވި އެވެ. އޭގެ މިސާލެއްގެ ގޮތުގައި މިނިސްޓަރު ނެންގެވީ، އައްޑޫއިން ދޫކޮށްލަން ޖެހުނު މީހާ އެވެ.

މައްސަލައިގެ ހައްލެއްގެ ގޮތުގައި އިމްރާން ވިދާޅުވީ، ރަނގަޅަށް އިންތިޒާމު ކުރެވިފައިވާ ރިހެބިލިޓޭޝަން ޕްރޮގާރްމެކެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި އެ މީހުން ބައިތިއްބައިގެން ޕްރޮގްރާމް ކުރިޔަށް ގެންދެވޭނެ އިންތިޒާމު ގާނޫނުގެ ދަށުން ލިބިދޭންޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ. އިމްރާން ވަނީ ދިވެހި މި މުޖްތަމައުގެ ތެރޭގައި އައިއީޑީތައް ހަދައި، ޓެރަރިޒަމްގެ ހަމަލާތައް ދިނުމުގެ ތަމްރީނާއި އެ ގާބިލުކަން ހުރި މީހުން ތިބިކަން ފާހަގަ ކޮށްފައެވެ.

“މުޖުތަމައުގެ ތެރޭގައި އައިއީޑީ ހެދުމުގެ ގާބިލުކަން ހުރި މީހުން އެބަ ތިބި” އިމްރާން

މިފަދަ މީހުންނަކީ މިއީ އެ ގާބިލުކަން ހުރި މީހުންނަކަސް، އެ މީހުން ހަމައެކަނި ގާނޫނެއް އޮވެގެން ހައްޔަރެއް ނުކުރެވޭނެކަމަށް އިމްރާން ވިދާޅުވި އެވެ. އެފަދަ މީހުން ހައްޔަރުކޮށް ބަންދުގައި ބޭތިއްބޭނީ، ލިބޭ އިންޓެލް މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ނުވަތަ ހަމަލާއެއް ދޭން ރާވަމުންދާ ނަމަކަމަށް އިމްރާން ވިދާޅުވި އެވެ. އެހެންވެ، ގާނޫނުތައް އިސްލާހު ކުރުމުގެ މަޝްވަރާ ބަންޑާރަ ނައިބުގެ އޮފީހާއި ދެމެދު ކުރިޔަށްދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: