ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ޕްރެސްގެ ތަރުޖަމާ: އަލުން ކޮވިޑް ފާލުން ނެއްޓުނީ ރައީސް ނަޝީދާއިހެދި!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދި ރައީސް ނަޝީދު -- ވަން ފޮޓޯ: މުހައްމަދު އައުޒަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 ގެ ހާލަތު ރާއްޖޭގައި 2020 ވަނަ އަހަރުގެ ފަހުކޮޅަށް ދިޔައިރު ކޮންޓްރޯލްވެ، ސަރުކާރުން ދިން “ލުއި”ތަކުގެ ސަބަބުން 2021 މިއަދަށް އައިރު ރާއްޖޭގެ ކޮވިޑް ހާލަތު މިވަނީ ފާލުން ނެއްޓި “ރެކޯޑް މުގުރަން” ފަށާފައެވެ. މަސް ތަކަކަށްފަހު ރައީސް ސޯލިހު މީޑިއާއާއި ބައްދަލުކުރައްވާ ވިދާޅުވީ މިއީ “މިއަހަރު އެޕްރީލް މަހު ދެވުނު ލުއި ތަކުގެ ސަބަބުންވީ ކަމެއް ކަމަށް ގަބޫލު” ކުރައްވާކަމަށެވެ. އެޕްރީލްމަހު އޮތީ ލޯކަލް ކައުންސިލް އިންތިހާބެވެ. އިދިކޮޅު ޕީޕީއެމް ޕީއެންސީންވެސް ގޮވަމުން ދިޔައީ އިންތިހާބް ފަސްކުރުމަށެވެ. ސަރުކާރުގެ ބަސްމަގާއި ރާގުވެސް ހުރީ އިންތިހާބް ލަސްކުރުމާއި ދިމާއަށެވެ. އިލެކްޝަންސް ކޮމިޝަންއިންވެސް ތިބީ އިންތިހާބް ބޭއްވޭނެ ހާލަތެއް ނެތްކަމަށް ބުނަމުންނެވެ. އެޗްޕީއޭއާއި ހެލްތްގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާގެ ރާގުވެސް ހުރީ އެމޭރުމުންނެވެ. ދޭތިން އެކައްޗަށްވެސް އިންތިހާބް ބާއްވަން މަގު ކޮށާ، އެމަގަށް ކަންކަން ސާފުކޮށް، ވާހަކަދައްކާ ވަކާލާތުކުރީ ރައްޔިތުންގެ މަޖިލީހުންވެ، ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މިރިޕޯޓްގައި މިބަލާލަނީ “ރައީސް ނަޝީދުގެ ނަން ވިދާޅުނުވެ” ރައީސް ސޯލިހު ދެއްކެވި ވާހަކަ އަޅުގަނޑަށް ތަރުޖަމާކުރެވުނު ގޮތަށެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިފައިވާ އަދަދު އުޅެނީ 58000 އަށްވުރެ މަތީގައެވެ. މިއަދު މިހާތަނަށް މަރުވި އަދަދު އުޅެނީ 150 އިން މަތީގައެވެ. މިއީ މިފަހުގެ ތާރީހުގައި ދިވެހިންނަށް އެންމެ ބޮޑު ހިތާމައެއް ކުރިމަތިވި ސުނާމީ ކާރިސާގައި އަޅުގަނޑުމެންނާއި ވަކިވެދިޔަ މީހުންނަށްވުރެ އިތުރު އަދަދެކެވެ. އަޅުގަނޑު މިރިޕޯޓް ލިޔަމުންދާއިރުވެސް މީހުން ދަނީ މަރުވަމުންނެވެ، އެޗްޕީއޭއިން ދަނީ އެމައުލޫމާތުތައް ހިއްސާކުރަމުންނެވެ.

މިދިޔަ އަންގާރަ ދުވަހުގެރޭ ނޫސްވެރިންނާއި ބައްދަލުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވަނީ ކޮވިޑްގެ ކޮންޓްރޯލް ދިވެހިރާއްޖޭގައި ނެއްޓިގެން ދިޔުމުގައި ދައުލަތުގެ އިހުމާލު އޮތްކަމަށް ފުރުތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފައެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ނުރައްކާވީ އޭޕްރީލް މަހުގެ ތެރޭގައި ދިން ލުއިތަކުގެ ސަބަބުން ކަމަށެވެ. ރައީސް ވިދާޅުވީ އޭޕްރީލް މަހު ތެރޭދިން ލުއިތަކަކީ ރަނގަޅަށް ދެވުނު ލުއިތަކެއް ނޫން ކަމަށާ ނަމަވެސް އެކަމާއި ގުޅިގެން ވަކި ބަޔަކު ކުށްވެރި ކުރައްވާ ވާހަކަދައްކަވަން ބޭނުންފުޅުނުވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގައި ކޮވިޑް މެނޭޖްކުރަމުން އައީ ވަރަށް ރަނގަޅަށް ކަމަށާ ކޮވިޑް މެނޭޖު ކުރުމުގައި އެމަނިކްފާނާއި ސަރުކާރު ފެއިލްވެފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ މިހާރު އޮތީ ހާއްސަ ހާލަތެއް އައިސްފައި ކަމަށެވެ. ރައީސް އާއި ސަރުކާރު ފެއިލްނުވާ ވާހަކަވެސް ރައީސް ތަކުރާރުކުރެއްވިއެވެ.

ސާބިތުވެ ހުންނަވާ ތިމަންމަނިކްފާނާއި ސަރުކާރު މިކަމުގައި ފެއިލްނުވާކަމަށް ރައީސް ވިދާޅުވުމުން، މިކަމުގައި ކޮންމެވެސް ބޭފުޅެއް ފެއިލްވިކަމަށް ރައީސްވެސް ގަބޫލުފުޅުކުރައްވައެވެ، ނަމަވެސް ނަމެއް ވިދާޅުކަށް ބޭނުމެއް ނުވެއެވެ. ނިއުސް ކޮންފަރެންސްގައި ރައީސް މިވާހަކަ އެކި ގޮތްގޮތަށް ތަކުރާރުކުރެއްވިއެވެ. އަޅައިގަތް ތަންކޮޅަކީ “އެޕްރީލް މަހު ދެވުނު ލުއި” ތަކާއި “ވަކި ބަޔަކު ކުށްވެރިކުރަން ބޭނުން ނޫން” ކަމަށް ވިދާޅުވި ވިދާޅުވުމެވެ. އޭޕްރީލް މަސް ހާއްސަ ވަނީ ކޮން ކަމަކަށްތޯއެވެ. އޭޕްރީލްގައި ދެވުނީ ކޮން ލުއިތަކެއްތޯއެވެ. އެ ލުއި ދެވުނީ ކޮން ބަޔަކަށްތޯއެވެ. އެ ލުއި ހޯއްދަވަން ވަކާލާތު ކުރެއްވީ ކޮން ބައެއްތޯއެވެ. އެ ލުއި ދަމައިގަތީ ކޮން ބައެއްތޯއެވެ. އެހާ ހިސާބުން ރައީސް ވިދާޅުނުވިނަމަވެސް، ރައީސްގެ ފޮތުގައި މިކަމުގައި “ކުށްވެރިވާ ފަރާތުގެ ނަން” ހޯދާލާކަށް އުދަގުލެއް ނުވާނެއެވެ.

ރައީސް އެ ވިދާޅުވާ އެޕްރީލް 2021 ގައި އޮތީ ލޯކަލް ކައުންސިލް އިންތިހާބެވެ. މި އިންތިހާބަކީ 2020 ވަނަ އަހަރު އެޕްރީލް މަހު ބާއްވަން ކަނޑައެޅި އިންތިހާބެކެވެ. ނަމަވެސް ކޮވިޑްގެ ބަލި މަޑުކަމާއިހެދި ގާނޫނަކުން އިންތިހާބް ފަސްކުރީ 2021 މެއި މަހާއި ހަމައަށެވެ. ލޯކަލް ކައުންސިލް އިންތިހާބް ބޭއްވީ 10 އެޕްރީލް 2021 ގައެވެ.

އިންތިހާބާއި ހަަމައަށް ދިޔުމުގެ ކުރިން، އިންތިހާބަށް ދިއުމާއި ހަމައަށް ކަންކަން އޮލަނބުވަމުން، އޮލަނބުކުރައްވަމުން ރައީސް ނަޝީދު ގެންދެވި ގޮތާއި އެމަނިކްފާނުގެ ބަސްމަގަކީ މުހިއްމު ކަމެކެވެ. ރައީސް މިދިޔަ އަންގާރަ ދުވަހުގެތެރޭ ދެއްކެވި ވާހަކައިގެ ތަރުޖަމާ ސާފުވާނީ އޭރުންނެވެ، އަދި ރައީސް ސޯލިހު “ވިދާޅުވުނުވި” ފަރާތުގެ ނަންވެސް ސާފު ވާނީ އޭރުންނެވެ.

19 މޭ 2020

ޓޫރިޒަމަށް ބަރޯސާވެފައިވާ ޖަޒީރާ ގައުމުތަކަށް ބޮޑެތި މުއްސަނދި ގައުމުތަކުން އެހީވާންވީ ވަގުތަކީ މިއީ ކަމަށާއި އެ ގައުމުތަކުގެ ބޯޑަރުތައް ޖަޒީރާ ގައުމުތަކަށް ހުޅުވާލުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވީ 19 މޭ 2020 ގައެވެ.

ކޮމަންވެލްތު އެންޓަޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލުން ބޭއްވި ޓޫރިޒަމް ވެބިނާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޖަޒީރާ ގައުމުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ 80 ޕަސެންޓް ގުޅިފައި ވަނީ ޓްއަރިޒަމާއި ދަތުރުފަތުރުގެ މައްޗަށް އެހެން ކަމުން، މުއްސަނދި ގައުމުތަކުން، ކުދި ގައުމުތަކަށް އެ މީހުންގެ ބޯޑަރުތައް ބަންދުކޮށް ހަރުކަށި ފިޔަވަޅުތައް އެޅުމަކީ މިދަނޑިވަޅުގައި ހައްލު ލިބޭނެ ކަމެއް ނޫން ކަމަށެވެ.

“މިފަދަ ދަތި ވަގުތުތަކަކީ މުއްސަނދި ގައުމުތަކުން ކުދި ގައުމުތަކަށް އަޅާލަންވީ ވަގުތު. މިއީ އެއް ގައުމު އަނެއް ގައުމަށް އެއްބާރުލުން ދީ ހާރިޖީ ގުޅުންތައް ބަދަހި ކުރަންވީ ވަގުތު … ކޮވިޑް-19 އިން ރައްކާތެރިވުމަށް ގައުމުތައް ލޮކްޑައުންކޮށް، ބޯޑަރުތައް ބަންދު ކުރުމަކީ އެންމެ މުހިއްމު ފިޔަވަޅުކަމަށް ހީވެފައި އޮތް ނަމަވެސް، އެކަން އެގޮތަށް ކޮންގެން އެއްވެސް ގައުމަކަށް ސަލާމަތެއް ނެތް،”

25 މޭ 2020

ކޮވިޑް-19 ގެ ބަލިމަޑިކަމުގެ ހާލަތުގެ ސަބަބުން 2020 ވަނަ އަހަރު މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ބޭއްވީ ވެބް ކޮންފެރެންސް މެދުވެރިކޮށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އެ މަޖިލީހުގެ ތަޅުމަށް މެންބަރުން އެއްވެ ބާއްވާ ގޮތަށް މަޖިލީހުގެ އިދާރާއިން ހަމަޖެއްސެވީ 26 މޭ 2020 ގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ރައީސް ނަޝީދު ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކަން ކުރަން (ލޮކްޑައުން އަށް ލުއިތަކެއްދޭން) އޮތީ މޭ މަހުގެ 28 ވަނަ ދުވަހުގައި ކަމަށާއި ނަމަވެސް އެ ދުވަސް ޖެހެންދެން މަޑު ނުކުރެވޭނެ ކަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައުމޫނާ އަބޫބަކުރަށް އަންގާފައިވާނެކަމަށެވެ. 26 އިން 28 އަށްވެސް މަޑުކޮށްލަން ރައީސް ނަޝީދު ބޭނުންފުޅެއް ނުވިއެވެ. ދައުލަތުގެ ތިން ބާރުގެ ތެރެއިން ގާނޫނު ހެދުމުގެ ބާރުން މައިމޫނާއަށް ގޮން ޖެއްސެވެ، މައިމޫނާއަށްވެސް ޖެހިވަޑައިގަތީ ހަތިޔާރު ބަހައްޓާ އަމާންދޭންށެވެ.

19 ޖުލައި 2020

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ލޮކްޑައުންކޮށް، ބޯޑަރުތައް ބަންދު ކުރުމަށް ފަހު އަލުން ހުޅުވީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. އެކަމަކު ރާއްޖެއިން އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފެށުމުން ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަކުރަން ސަރުކާރުން ނިންމިއެވެ. މިކަމާއިގުޅުވާ ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ބޯޑަރުތައް އަލުން ބަންދު ކުރުމަކީ ދިވެހިންނަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެ “ހުޅުވާފައި ބާއްވާ” “ކޮވިޑާއެކު އުޅެން” ދަސްކުރާށެވެ.

އެކަމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައިވަނީ ރާއްޖެ އަލުން ބަންދު ކުރުމަކީ ދިވެހިންނަށް ފައިދާ ހުރި ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ކޮވިޑް-19 އާ އެކު އުޅެން ދަސްކުރަން ޖެހޭ ކަމަށެވެ. އަދި އެ ބަލިން ސަލާމަތްވުމަށްޓަކައި ގައުމު ބަންދުކޮށް، ވިޔަފާރިތައް ބަނގުރޫޓްވާން ޖާގަ ދީފި ނަމަ ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ވެސް އެމަނިކުފާނުގެ ޓްވީޓްގައިވެ އެވެ.

މިފާހަގަކޮށްލީ 2020 ގެ ވާހަކައެވެ. އޭރުވެސް ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވީ ހަރުކަށި ފިޔަވަޅުތައް ދޫކޮށްލުމަށެވެ. 2021 ފެށުނީ ރަސްމީ ލޯކަލް ކައުންސިލް އިންތިހާބު ކެމްޕެއިނަށެވެ. 2020 ގައި ދެއްކެވި ވާހަކަ ފަސް ވަނަ ގިއަރަށް ވައްޓާލީ 2021 ގައެވެ. 

31 ޖެނުއަރީ 2021

އޭޕްރީލް މަހުގެ 10 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާ އެކަން އިއުލާންކުރިއެވެ. ނަމަވެސް އައު އަހަރަށް ދެވުނު އިތުރު ލުއިތަކާއެކު އަދަދުތައް ދިޔައީ މަތިވަމުނެވެ. ދުވާލަކު 100 މީހުން ޕޮޒިޓިވްވަމުން އައިސް، އަދަދުތައް 200 އަށް މައްޗަށް ދިޔައެވެ. ދުވާލަކަށް 200 މީހުން ޕޮޒިޓިވްވުން އެއީ އޭރު ރެކޯޑް އަދަދެކެވެ، އޭރު އެއީ ވަރަށް މަތީ ނަންބަރެކެވެ. އެއާއެކު އިންތިހާބް ފަސްކުރަންޖެހޭކަމުގެ އަޑުތައް ގަދަވާން ފެށިއެވެ.

އެމްޑީޕީ އޮފީޙުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެވެ. ލޯކަލް ކައުންސިލް އިންތިހާބްގެ ތާރީހާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ، ވޯޓު ދިނުމަށް “ކޮންމެ ދުވަހަކީ ވެސް ރަނގަޅު ދުވަހެއް” ކަމަށާއި ކޮންމެ ފަތިހެއްގައި ވެސް ވޯޓުލާން ދަންނަވައިފިނަމަ ވޯޓު ފޮއްޓަށް ވޯޓުލާން ވަޑައިގަންނަވާނެ ކަމަށެވެ.

2 ފެބްރުއަރީ 2021

ކުރިންވެސް ފާހަގަކޮށްލިހެން ބަލަބަލާ ތިއްބާ އަދަދުތައް ދިޔައީ މައްޗަށެވެ. ރަށްތައް މޮނިޓަރިންގ އަށް އަލުން ލާން ފަށައިފިއެވެ. ސިއްހީ މާހިރުން ގަބޫލުކުރިގޮތުގައި މިއީ ކޮވިޑްގެ ތިން ވަނަ ރާޅެވެ. އެޕްރީލް 10 ގެ އިންތިހާބްގެ ކެމްޕެއިންވެސް ފޯރީގައި ކުރިއަށްދަނީއެވެ. ނަމަވެސް މިހައްސާސް ދަނޑިވަޅުގައިވެސް ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް ކޮވިޑުގެ ތިން ވަނަ ރާޅެއް އައިސްފައިވާއިރު، މިއީ އެޗްޕީއޭ އާއި ހެލްތު މިނިސްޓްރީން އިތުރު އިޖުރާތު އުފައްދަން ވީ ވަގުތު ނޫން ކަމަށާއި މިއީ ވެކްސިން ޖަހައިގެން ކޮވިޑް ކޮންޓްރޯލް ކުރަން ވީ ވަގުތު ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ކޮވިޑް ޖެހޭ މީހުންގެ އަދަދު 200 އިން މައްޗަށް ދިޔުމާއި ގުޅިގެންނެވެ. ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްކޫލްތަކާއި ރާއްޖޭގެ ބޯޑަރު އަލުން ބަންދު ކުރުމަކީ އެންމެ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ. އަދި އަވަހަށް ވެކްސިން ޖަހައި ކޮވިޑް ކޮންޓްރޯލް ކުރުން ވަރަށް ބޭނުންތެރި ކަމަށާއި މިއީ އެޗްޕީއޭ އާއި ހެލްތު މިނިސްޓްރީން އިތުރު އިޖުރާތުތައް އުފއްދަން ވީ ވަގުތު ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

15 ފެބްރުއަރީ 2021

އެޗްޕީއޭގެ ގައިޑްލައިނާ ގުޅިގެން އިއުލާންކޮށްފައިވާ އޭޕްރީލް 10 އެއްގައި އިންތިހާބު ބޭއްވުމަށް ދަތިވާތީ އެ ތާރީހު ފަސްކުރުމަށް މަޖިލީހުގެ ލަފަޔަކަށް އީސީން އެދުނީ 15 ފެބްރުއަރީ 2021 ގައެވެ. މިދުވަހު ރައީސް ނަޝީދު، އިލެކްޝަންސް ކޮމިޝަނަށް ދިނީ “ކުރު ދޮށިން”ނެވެ. އިލެކްޝަން ކޮމިޝަނުން އެދުނު ގޮތަށް ލޯކަލް ކައުންސިލް އިންތިހާބު މިހާރު އިއުލާންކޮށްފައިވާ ތާރީހަށް ވުރެ ލަސްކުރެވެން ނެތް ކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދު މިއަދު އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާ ފައްޓަވަމުން އީސީން ފޮނުވި ސިޓީއާ ގުޅިގެން ނަޝީދު އެކަމުން މިސާލު ނެންގެވީ ދަރިފުޅުގެ ހޯމްވޯކް ނުހެދުމަށް ދައްކާ އުޒުރުތަކާއި ޝަކުވާ އާއި ބޮޑާހޭކުމާ ގުޅުވައިފައެވެ. އެމަނިކުފާނު ސިފަ ކުރެއްވި ގޮތުގައި އިންތިހާބު ނުބޭއްވުމަށް އީސީން ދައްކަނީ އެކި އެކި އުޒުރުތަކެވެ. އެކަމަކު ނަޝީދު ވިދާޅުވީ، “އީސީއަށް އެ ވަނީ ހޯމްވޯކް ދީފައި” ކަމަށާއި “ދެން އެ ހޯމްވޯކް ނިންމައިގެން އައުން ނޫން ގޮތެއް ނެތް” ކަމަށެވެ.

“އަމީންއާންމުގެ އަރިހުގައި ދަންނަވައިފިން، މިހާރު އަޅުގަނޑު ދަރިފުޅުގެ ހޯމްވޯކްއެކޭ މިއެކޭ އެއްވަރޭ. އެވެސް ނުހަދާން ވެގެން، ނުހެދޭ އެތައްގޮތެެއް ދަރިފުޅު ކިޔައިދޭ އަޅުގަނޑަށް. ބައެއް ދުވަސް ދުވަހު ފަންސޫރަށް ވެފައިވާ ގޮތެއް، އަނެއް ދުވަހު ގޮޑިއަށްވެފައިވާ ގޮތެއް، ކޮޓަރިއަށް ވެފައިވާ ގޮތެއް، ފުރާޅުމަތީގައިވާ ކަމެއް، ބޭރުގައިވާ ކަމެއް، މިހެން ގޮސް ކިތަންމެ ކަމެއް ކިޔައިދޭ… އަޅުގަނޑު ކޮމިޝަނާ އޮފް އިލެކްޝަންސްއަށް ވެސް އަދި ހޯމްވޯކް ހަދާ ކުދިންނަށްވެސް ދަންނަވަން އޮތް ވާހަކައަކީ، މިހާރު އެއޮތީ ހޯމްވޯކް ދީފައޭ ދެން އެ ނިންމައިގެން އަންނާށޭ. އެ ނޫން ގޮތެއް މިއަކު ނެތޭ. މި އިންތިހާބު މި އޮތް ދުވަހު އިރާދަކުރެއްވިއްޔާ އޮންނާނެ. އަޅުގަނޑުމެން އެއަކަށް އިރާދަކުރެއްވިޔާ ބަދަލެއް ނުގެންނާނެ” މަޖިލިސް ރައީސް ވިދާޅުވި

ރައީސް ނަޝީދު ވިދާޅުވީ، އިންތިހާބު މިހާރު އޮތް ދުވަހަށް އޮންނާނެ ކަމަށެވެ. އަދި އެ ތާރީހަށް ވުރެ އިންތިހާބު މަޖިލީހުން ފަސް ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މާރިޗް 2021

އިންތިހާބް ފަސްކުރެވޭނެ އެއްވެސް މަގެއް ރައީސް ނަޝީދު ނުދެއްކެވުމުން އިންތިހާބަށް އެންމެންވެސް ތައްޔާރުވިއެވެ. އެހެންކަމަށްވާނަމަ ކެމްޕެއިނަށް ރަށްރަށަށްވެސް ވަޑައިގެންނެވެން ޖެހެއެވެ. އެކަމުގެ ޝަކުވާ، ކެމްޕެއިންކުރުމުގެ ހަމަހަމަ ފުރުސަތު ނެތް ވާހަކަ އެންމެ ބޮޑަށް ދެއްކީ އިދިކޮޅު ޕީޕީއެމް ޕީއެންސީއިންނެވެ. ޖަވާބުގައި މާރިޗް 2021 ގައި ފެށުނުތަނާހެން ބޭއްވުނު ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ކެމްޕެއިން ކުރަން ބޭނުންވާ މަޖިލިސް މެންބަރުން، އެ ބޭފުޅުންގެ ދާއިރާއަށް ވީވަރަކުން ފޮނުއްވައިދެއްވާނެ ކަމަށެވެ.

11 މާރިޗް 2021

އެޗްޕީއޭއާއި މައިމޫނާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، ސިޔާސީ ފަރާތްތަކަށް ރަށްރަށަށް ކެމްޕެއިނަށް ދެވޭނެ ލުއިގޮތެއް ހޯއްދެވުމު މަސައްކަތް ރައްޔިތުންގެ މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދު ފެއްޓެވިއެވެ. ދެ އިރު ދެ ދަޅައަށް ސިއްހީ މާހިރުން ހާޒިރުކުރުމުގެ ނަތީޖާއަކީ، ކަރަންޓީނު ނުވެ ފަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް، ރަށްތަކަށް ދެވޭ އުސޫލެއްގެ ދަށުން ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމަށް ފުރުސަތު އެޗްޕީއޭއިން ދިނުމެވެ. ނަމަވެސް މި ހުއްދަ ދިންތާ 24 ގަޑިއިރު ނުވަނީސް ރައީސް ސޯލިހުގެ ސަރުކާރުންވަނީ އެޗްޕީއަށް “އަންގާ” އެ ދިން ހުއްދަ ވަގުތުން ބާތިލްކޮށްފައެވެ.

15 މާރިޗް 2021

މާރިޗް މަހުގެ މެދެއްހާ ތާނގައި ރައީސް މުހައްމަދު ނަޝީދު ސައި ހޮޓަލަށް، ހަވީރު ސަޔަށް ވަޑައިގެންނެވިއެވެ. އެއް ބަޔަކު ބުނާގޮތުން އެތަނުގައި ސައި ބޯން ތިބި ބަޔަކު ރައީސް ނަޝީދާއި ދިމާކޮށްލިއެވެ، ސަބަބަކީ ހޮޓާ ރެސްޓޯރަންޓްތަކަށް އަަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުންނެވެ. ޖެހިގެންއައި ދުވަހު މަޖިލިސް ޖަލްސާގައި ރައީސް ނަޝީދު އެކަމަށް އެޓެންޑް ކުރެއްވިއެވެ، ސަބަބަކީ ލޯކަލް ކައުންސިލް އިންތިހާބަށް މަސް ދުވަސްވެސް ނެތުމެވެ. ގެއްލޭ ކޮންމެ ވޯޓަކީ ދެރައެއްތާއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ބޭނުންވާނެ ވަސީލަތްތައް މިހާރު ހުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެހެންކަމުން މިވަގުތު މަސައްކަތް ކުރަންވީ ވިޔަފާރިތަކަށް ފަހިވާނެ ގޮތަކަށް ކަމަށެވެ. އަދި އެޗްޕީއޭގެ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

21 މާރިޗް 2021

އިންތިހާބަށް ދިޔައީ ވަގުތު ކުޑަތަންވަމުންނެވެ. ވޯޓަށް، އާއްމުން ހިތް އެދޭ ކިތަންމެ ވާހަކައެއް ރައީސް ނަޝީދު ގެންދެވީ ތަކުރާރުކުރައްވަމުންނެވެ. ބައެއް ފަހަރު ރައީސް ނަޝީދަކީ އިދިކޮޅު ލީޑަރޭ ހީވާ ވަރަށް ކަންކަން ދިޔައެވެ. މިގޮތުން 21 މާރިޗް 2021 ގައި ރައީސް ނަޝީދު ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު ބޭނުންވަނީީ “މުޅިން ދޫކޮށްލަން” ކަމަށެވެ. ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ ކޮވިޑާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

އޭޕްރީލް 2021

ދެން އައީ ރައީސް އެ ވިދާޅުވި އެޕްރީލް މަހެވެ. އިންތިހާބް އޮތީ އެޕްރީލް 10 ގައެވެ. އެމްޑީޕީއަށް ނިސްބަތްވާ ހުރިހާ ފަރާތްތަކުން ތިބީ “ރަސްމީ މަސައްކަތެއްގައި” ކޮވިޑް ތެރޭގައި “އެކަހެރިވުމެއްނެތި” އެހެން ގޮތަކަށް ދަންނަވަނީނަމަ “ކޮވިޑް ޕްރޫފް” ވެގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމްވެގެންނެވެ. އެމްޑީޕީގެ ކެމްޕެއިން ނިންމުމުގެ ރަސްމިއްޔާތުވެސް އޮތީ އެއްވެސް ގައިދުރުކަމެއް ނެތި އއ. ރަސްދޫ ފަޅުތެރޭގައެވެ. ނެށުމާއި މަޖަލާއި ސަކަރާތުގައި ހިނގައިދިޔަ ކެމްޕެއިން ނިންމާ، އެޕްރީލް 10 ގައި މީހުންގަނޑު ތޮއްޖެހިގެން މަކުކަޒުތަކުގައި ވޯޓް ލާފައި ގެއަށް ވައިންއިރު މިއޮތީ ވާނެ ހަތަރެއްޗެއް ވެފައެވެ. އޭރު 300 މީހުން ޕޮޒިޓިވްވުން އެއީ ބޮޑުކަމެކެވެ. އެއީ ރެކޯޑެކެވެ. ރައްޔިތުން ތިބީ ބިރުން ފިއްކަޑައިގެން ގޮހެވެ. މިއަދު އެހެންތޯއެވެ. 300 ގެ ރެކޯޑް އޭގެ ފަހުން ކޮންމެ ދުވަހަކު މިހާރު މިއަންނަނީ މުގުރަމުންނެވެ، ޕޮޒިޓިވްވާ އަދަދު މިހާރު އުޅެނީ 2000 އިން މަތީގައެވެ، އޭރު މަހަކު މީހެއް މަރުވުމުން ގައުމު ނާމާންވިއިރު މިއަދު މީހަކު މަރުނުވާ ދުވަހެއް ނުދެއެވެ، އެކެއް ދޭން ނޫނެވެ، ދިހަ ބާރަ މީހުން ދުވާލެއްގެ މައްޗަށް އެބަ މަރުވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ވިދާޅުވި ވާހަކައިގެ ތަރުޖަމާއަކީ މިއީއެވެ. ތިމަން މަނިކްފާނުގެ ސަރުކާރެއްވެސް ތިމަންމަނިކްފާނެއްވެސް ފެއިލް ނުވެއެވެ. ގައުމު މިހިސާބަށް ދުއްވާލީ އެޕްރީލް މަހު ދެވުނު ލުއިތަކުންނެވެ. ރައީސް ވިދާޅުނުވި ވާހަކައަކީ އެޕްރީލް 10 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިހާބްގެ ވާހަކައެވެ. ތިމަންމަނިކްފާނު ފެއިލް ނުވެއެވެ، ވަކި ބަޔަކު ކުށްވެރިކޮށް ނަން ކިޔަން ބޭނުންނުވާކަމަށް ރައީސް ވިދާޅުނުވިނަމަވެސް ރައީސް ތިޔަ ފާހަގަކުރައްވާ ނަން އަޅުގަނޑު ދަންނަވާލާނަމެވެ، އެއީ އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

ވަރަށް ގަދަ
77%ވަރަށް ގަދަ 3%ވަރަށް ގަޔާވޭ 16%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 5%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

11 Responses

  1. ސަރުކާރުގެ ދޮޅުދިޔާ ސިޔާސަތުގެ ސަބަބުން ރައްޔިތުންގެ އެތަށްބަޔަކު ދުނިޔެދޫކޮށްފަ މިދަނީ މިކަމުގެ ޒިންމާ ނަގަންޖެހޭނެ؟

  2. ދޭތި ކުޅޭ ޑްރާމާ އެއްވެސް ރީއްޗެއް ނޫން. ވަރަށް ފަކުރު. ވެރިކަން ދެމެހެއްޓެން އޮތީ ކަނޑިއާކަނޑި ކަމަށް ރައްޔިތުންނަށް ދައްކައިގެން. އިރުކޮޅަކުން ރާޓީވީ އަރާ ހިނިގަނޑެއް ޖަހާލާފަ ބުނާނެ ނާ ހަމަ ތެދެއްހެއްޔޭ. ދެމީހުން ދެކޮޅުވެރިހެއްޔޭ.

  3. ކިރުބޯ ކުސްޖާއަށްވެސްް އެނގޭ ގައުމަށ ޖެހިފަހުރ މުސީބާތެއްކަނ އލކސ

  4. ގައުމު މިހާލަތައް ވެއްޓުނީ ސަރުކާރުން މިހާލަތައް ވައްޓާލީމަ
    ހުރިހާ ބާރެއް ސަރުކާރަށް ލިބިފައި އޮވެ، އެއްވެސް ވަރަކަށް މިބަލިމަޑުކަމުން ރައްޔިތުން ސަލާމަތް ކުރުމުގެ ވިސްނުން ދައުލަތުގެ އެއްވެސް ބާރަކުން ބޭނުންނުވީ. މިނިސްޓަރ އޮފް ހެލްތު ކެރަފާ ނަސީމުގެ ވާހަކަތައް ބަލާލީމަ މިކަންއެނގޭ މުޅި ދުނިޔޭން 1 ވަަނަ ކޮވިޑް-19 އިން ރާއްޖެ މިވަނީ ހޯދާފައި.
    އިބޫ އިސްތިއުފާ
    އަންނި އިސްތިއުފާ
    އިންޑިޔާ އައުޓު

  5. ކޮވިޑްގެ ކަންތައް މިހާލަތަށް ދިޔައީ ކައުންސިލް އިންތިހާބަށް ލުއިދީގެންނެއްނޫ، މިހާލަތަށް ދިޔައީ އިންޑިޔައިންނާއ ޕާކިސްތާނުން ޑައިރެއްޓު ފުލައިޓް ނުބާވާ ގޮތަށް ޑުބާއީންނާއި ސައުދީން ހަމަޖައްސުމުން، ޑުބާއީއަށާއި ސައުދީއަށް އެރެވެވޭނި 14 ދުވަހު ކަރަންޓީނުވުމަށްފަހު 48 ގަޑި އިރު ހަމަނުވާ ސީޕީއާރު ނެގެޓިވް ލިޔުމެއްހިފައިގެން ކަމަށްވުމުން. ޑުބާއީންނާއި ސައުދީއިން ޕީސީއަރު ޓެސްޓު ގަބޫލުކުރާ ގައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނެއެވެ. އިންޑިޔައިން ނާއި ޕާކިސްތާނުން ޑުބާއީއަށާއި ސައުދީއަށް ދިއުމަށް ރާއްޖެ އައިސް ހުޅުމާލޭ އާއި މާލެ ކައިރީ ސަރަހައްދުގެ ގެސްޓުހައުސްތަގައި އުޅުމުން މިހާލަތައްދިޔައީ، މިހާރުވެސް އިންޑިޔާއާއި ޕާކިސްތާނު ރައްޔިތުން ރާއްޖޭ އައިސ އެމީހަކުއުޅޭނެތަނެއެގައި އުޅެފަ ޑުބާއީއަށާއި ސައުދީއަށް ފުރަމުންދަނީ، ދެންކިހިނެއްތޯ ކޮވިޑް ކޭސްތަށް މަދުވާނީ މިއީ ސަރުކާރުގެ ދޯދިޔާ ސިޔާސަތުގެ ސަބަބުން ރައްޔިތުންގެ އެތަށްބަޔަކު ދުނިޔެދޫކޮށްފަ މިދަނީ މިކަމުގެ ޒިންމާ ނަގާނެބަޔަކުނެތް

    1. ހަސަދަވެރިކަމާއި ފިތުނައުފެދޭފަދަ ރިޕޯޓް ހެދުމަކީ ވަރަށް ދެރަކަމެއް

    2. ފިތުނަ ކިޔަން އެގުނީ އަދި ކިރިޔާ ދޯ؟ 2003 ން ފެށިގެން މި ގައުމުގައި ފިތުނަ އުފައްދާ އިޖްތިމާއީ ފޭރާން ވީދާ ސުންނާފަތިކުރީ ކާކުބާ؟ ކޮންބައެއްބާ؟
      1. މިގައުމަށް ކޮވިޑް ވެއްދީ ކާކުބާ؟ އިޓސލީ ވިލާތުގަ ބިރުން މީސްތސކުން ރޮނިކޮށް ޑޮލަރ ނަމުގަ، ކޮވިޑަކީ އުޅޭ އެއްޗެއް ނޫން ކަމަށް ހަދަެިގެން ވާހަކަ ދެއްކީ ކާކުބާ؟ އޭނާގެ އަޅުންތައް ކީ ކޭބާ؟
      2. ކޮވިޑް ފެތުރީ ކާކުބާ؟ ރިޕޯޓުގަ ރައީސްމީހާ ލިއުންތެތިޔާ އެ ކިޔަނީ އެކައްޗެއް. އިންތިހާބެއް ނުބޭއްވިގެން މަކުނެއް އުޅުނުހެން ދެފައި އެއްތާ ނުޖެހި އުޅުނީ ކާކުތޯ؟ ނުވިތާކަށް ކޮވިޑްޖެހިގެން ތިބި މީހުން ގައުނުލައްވައިގެން ވޯޓުލާންވެސް ނެރުނީ؟ ކޮންގައުމެއްގަ އިންސާނުން ކުރާޒާތުގެ ކަންކަންތޯމީ؟ނަތީޖާއަކަށްވީ މުޅިރާއްޖެއަާް ފެތުރުން.
      3. މިހާލަތަށް ދިޔައީ ކިހިނެއްވެގެންތޯ؟ ސުރުހީ ކިތަންމެހާވެސް އަދުލުވެރި. ތަހުލީކުތައް ރަގަޅު.
      ދެންވެސް އެންމެން އަތގުޅާލަެިގެން މިއީ ބޮޑު ވަބާއެއްކަން ދަނެގެން މަސައްކަތްކުރަންވީ ސިޔާސީ ބެޖް ނުޖަހާ. އެކަން ބާއްވާނީ 2023 އަށް.
      ޥަރަށް ސަލާން…

  6. މިކަމުގެ މައިި ޒިންމާާ ނަގަންް ޖެހޭނީީ ރައީސްް. ޜައްޔިތުންގެެ މަޖިލީހަށްް މިފަދަަަ ސިއްހީ ކަންކަމުގަ އޮތްް ބާރުު ކުޑަވާނެެ. ރައީސްގެެ ބެކްބޯނެއްް ނެތިި ހަދާނެެ ގޮތެއްް ނޭންގިި ލުއިތައްް ގެނެސްް ގެއްލުމެއްް ނުލިބުނުމަަ އެކަމުގ ކުރެޑިޓްް ނަގައިި ގެއްލުންވާާ ހިންދަކުު އެހެންމީހެއްގެެ ބޮލަށްް ޖެހޭނެެ ގޮތަށްް ސިޔާސަތުު ކަންޑައަޅަންޔާާ އެހެންވާނީީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: