ކޮވިޑް-19އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު އަނެއްކާވެސް 1000 އިން މައްޗަށް ޖެހިލައިފިއެވެ.
ޕޮޒިޓިވްވާ މީހުންގެ އަދަދު 1000 އިން މަތީގައި ހުންނަތާ ދެ ހަފްތާއަށްވުރެ ގިނަ ދުވަހަށްފަހު އިއްޔެ ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ ދަށްވެފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކުރި އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00އިން ހުކުރު ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އިތުރު 1،062 މީހުންވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.
މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 699 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 353 މީހުންނާއި ހަދަމުންދާ ރިޒޯޓްތަކުން ޕޮޒިޓިވްވި 9 މީހުންނާއި، ހަދަމުންދާ ރަށަކުން ޕޮޒިޓިވްވި މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 62،906 އަށް އަރާފައެވެ.
މިއާއިއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު މިހާރުވަނީ 24،507 އަށްއަރާފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 240 މީހުންނަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 1،371 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދުވަނީ 38،233 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓްކުރުމަށް 4،832 ސާމްޕަލެއްވަނީ ނަގާފައެވެ.
ކޮވިޑް-19 ބަލީގައި ފަރުވާ ހޯދަމުންދަނިކޮށް ރާއްޖެއިން މިހާތަނަށް 157 މީހުންވަނީ ނިޔާވެފައެވެ.

