ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުތައް މާނަ ކުރަން ޖެހޭ، އަވަސް އަރުވާލުން ރަނގަޅެއް ނޫން: ޕީޖީ

ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުތައް ރަނގަޅަށް މާނަ ނުކޮށް އަވަސް އަރުވާލައި، ފަހަށް ވިސްނުމެއް ނެތި މަސައްކަތް ކުރުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ގެންގުޅެ، މުޖްތަމައުއަށް ގެއްލުމެއް ކުރިމަތި ކުރުވަފާނެ ވިސްނުން ގެންގުޅޭ 1،300 މީހަކު މުޖްތަމައުގެ ތެރެއަށް ދޫވެފައި އެބަތިބިކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެ މީހުން މުޖްތަމައުއަށް ދޫވެފައި ތިބޭ ސަބަބާއި ގުޅޭގޮތުން ސުވާލު އުފެއްދުމުން ދާދި ފަހުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ މިހާރު މި އޮތް ގާނޫނުގެ ދަށުން އެ މީހުން ހައްޔަރު ކުރިޔަސް ގިނަ ދުވަހު ބަންދުގައި ނުބެހެއްޓޭނެ ކަމަށެވެ. އެހެންވެ، އެކަން ހައްލު ކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އިމްރާން ވިދާޅުވެފައި ވެއެވެ.

އެންމެ ފަހުން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައީ 2019 ގައެވެ. އެ ގާނޫނުގެ ދަށުން ފުލުހުންނާއި ތަހުގީގީ އިދާރާތްތަކަށް ބޮޑެތި ބާރުތަކެއް ލިބިފައި ވީ ނަމަވެސް ހެއްކާއި ބެހޭ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލު ހިންގާ މީހުންގެ މައްޗަށް އެކަން ސާބިތު ކުރުން އުނދަގޫ ވެއެވެ. އަދި އެ މީހަކީ ބޭރުގެ ދާހިލީ ހަނގުރާމައެއްގައި ބައިވެރިވެފައި އެނބުރި އައި މީހަކަސް، ނުވަތަ ދާން މަސައްކަތް ކުރި މީހަކަސް އޭނާ ކޯޓުން ދޫވެ އެވެ.

ޓެރަރިޒަމްގެ ބޮޑެތި ކުށްތައް ހިންގި ގިނަ ބަޔަކު މުޖްތަމައުގެ ތެރެއަށް ދޫވަނީ އެ ސަބަބާއި ހުރެއެވެ. މިހާރު މި އޮތް ގާނޫނުގެ ސަބަބުން ކުށް ސާބިތު ކުރަން އުނދަގޫވޭތޯ “ސަންގު” އިން އަމާޒު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ ޓަރަރިޒަމްގެ ކުށްތަކާއި ބެހޭ ޝަރީއަތްތައް ހިންގުމަކީ މުޅި ދުނިޔެއާއި ރާއްޖެއަށް ވެސް އާ ދާއިރާއެއް ކަމަށެވެ. އަދި ހެއްކި ހޯދުމާއި ހެކި ހޯދުމުގައި ގޮންޖެހުންތައް އަންނަކަމަށް ޝަމީމް ވިދާޅުވި އެވެ.

ގާނޫނު ތަންފީޒު ކުރާ އިދާރާތްތަކަށް ދިމާވާ އެންމެ ބޮޑު ޖޮންޖެހުމަކީ ޝަމީމް ވިދާޅުވި ގޮތުން އާއްމުންގެ ފަރާތުން އަންނަ އުންމީދުތައް ކަމަށެވެ. މިސާލެއް ނަންންގަވާ ޝަމީމް ވިދާޅުވީ ކަނޑުގެ އަޑިން ނަގާ ސިމަކުން ޑީއެންއޭ ނެގޭނެކަމަށް ބައެއް ބޭފުޅުން ގަބޫލު ކުރާ ކަމަށެވެ.

ޝަމީމް މައްސަލައެއް ސާބިތުނުވާ ހިސާބުން ދެން ވިސްނަން ޖެހެނީ އެއީ ގާނޫނުގެ މައްސަލައެއްތޯ ނުވަތަ ނިޒާމުގައި ހުރި ގޯހެއްތޯ ބެލުމަށް ކަމަށެވެ. ގާނޫނެއް ހަދާއިރު އެ ގާނޫނަކުން ދެވަނަ މީހާއަށް ނާޖާއިޒް ފައިދާއެއް ނެގޭނެ އުސޫލެއް އޮވެގެން ނުވާނެކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ ގާނޫނުތައް މާބޮޑަށް ފަސޭހަ ކުރުމުން ތަހުގީގީ އިދާރާތްތައް ކަންނެތް ކުރުވާކަމަށެވެ.

“އަޅުގަނޑުމެން ހަދައިގެން ނުވާނެ ނިޒާމެއް، އެހާ ފަސޭހައިން ކަންކަން ސާބިތުވާ ގޮތަކަށް ވެސް. މިދެންނެވީ ކޮންމެ މީހަކީ ސާބިތުވެ ގާނޫނަކުން އަދަބު ލިބޭ މީހެއްހެން ގާނޫނު ހަދައިގެން ވެސް ނުވާނެ. މީގެ ބެލެންސްއެއް ގެންގުޅެންޖެހޭ…. މާ ފަސޭހަކޮށްލައިފިއްޔާ ވެސް ކަމަކު ނުދާނެ.. އޭރުން އަޅުގަނޑުމެން ވެސް ކަންނެތް ވާނެ ފުލުހުން ވެސް ކަންނެތް ވާނެ. އޭގެ ބެލެންސްއެއް ގެންގުޅެން މިޖެހެނީ… ޝަމީމް

މީގެ އިތުރުން ޝަމީމް ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުތައް ކޯޓުތަކުގައި ޓެސްޓު ކުރުމަކީ ރަނގަޅުކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އޭގެއިން ދިމާވާ މައްސަލަތައް ދެނެގަނެ، ގާނޫނު އިސްލާހު ކުރުމުން އަސްލު ނަތީޖާއެއް ނެރެވޭނެކަން ޕީޖީ ފާހަގަ ކުރެއްވި އެވެ.

ކަމެއް ދިމާވުމާއި އެކު އެންމެ އަވަސް ވެގަންނަނީ ގާނޫނުތައް އިސްލާހު ކުރުމަށްކަމަށާއި އޭގެ ސަބަބުން ގޯސް ކަންތަކެއް ނުވަތަ “ހެއްވާ” ވާހަކަތައް ލިޔެވިފައި ހުންނަކަމަށް ޝަމީމް ވިދާޅުވި އެވެ.

“އަޅުގަނޑުމެން ކޯޓަށް މައްސަލައެއް ހުށަހަޅާފައި އެ މާއްދާ ޓެސްޓު ނުކުރެވެނީސް އަނެއްކާ ބަދަލު ގެނައީމަ ހަމައެއް ނުޖެހޭނެހެން އަޅުގަނޑަށް ހީވަނީ. އެހެންވީމަ އެއީ ދެކޮޅަށް ވެސް ވަރަށް ވިސްނައިގެން ނިންމަންޖެހޭ ކަމެއް.” ޝަމީމް

ޝަމީމް ވިދާޅުވީ ގާނޫނު ހެދުން މިއީ ވަރަށް ޓެކްނިކަލް މައްސަލައެއް ކަމަށެވެ. އަދި ވިދާޅުވީ މުސްތަގުބަލަށް ނުވަތަ އޭގެއިން ނިކުންނާނެ ނަތީޖާއެއް، އަދި ފައިދާއެއް ބެލުމެއް ނެތި އަވަސް އަރުވާލައިގެން ގާނޫނުތައް ވުޖޫދު ކުރުން އެއީ ރަނގަޅުކަމެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: