މިވަގުތު ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ އަތުގައި ހުރިހާ ބާރެއް އޮވެ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅޭގޮތުން އާންމުން ކުރަމުންދާ ސުވާލުތަކަށް ޖަވާބު ނުދެވެނީ ކިއްވެތޯ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސުވާލު އުފައްދަވައިފި އެވެ.
ޓެރަރިޒްމް މަނާކުރުމުގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކަށް ބަހުސް ކުރައްވަމުން މެމްބަރު ސައީދު ވިދާޅުވީ ރާއްޖެއަކީ ތަފާތުކޮށް އުފެދިފައި އޮތް ތަނެއްކަމަށާއި ރާއްޖޭގައި ޓެރަރިޒްމް ހުއްޓުވުމަކީ މުހިންމުކަމެއް ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ހަރަކާތްތައް ގިނަ، ކަނޑުދަތުރުފަތުރުކުރުން ބޮޑު ހިސާބަކަށް ރާއްޖެ ވާއިރު ޓެރަރިޒްމް ހުއްޓުވުމަށް މަސައްކަތްކުރުމަކީ މުހިންމުކަމެއްކަމަށް ސައީދު ވިދާޅުވިއެވެ.
އެހެން ނަމަވެސް ޓެރަރިޒްމް މަނާ ކުރުމުގެ ގާނޫނަށް މިވަގުތު ހުށައަޅާފައިމިވާ އިސްލާހުތަކަކީ ތާއީދު ކުރެވޭ ކަމެއް ނޫންކަމަށް ސައީދު ވިދާޅުވިއެވެ. ޓެރަރިޒްމްގެ އަމަލެއް ހިންގަން އުޅޭކަމުގެ ޝަކުވާ ލިބި، އެފަދަ ކަމެއް ހިންގަން އުޅޭކަމަށް ފުލުހުންނަށް ނުވަތަ ސަރުކާރުގެ އިސްވެރިއަކަށް ގަބޫލު ކުރެވިއްޖެ ޙާލަތުގައި މީހުން ހައްޔަރުކޮށް އުޅޭ ތަން ބަލައި ފާސް ކުރުމުގެ ބާރު ދިނުން ބިލުގެ އެއް މާއްދާއަށް ވުރެ ގިނަ މާއްދާގައި ފާހަގަކޮށްފައިވާ ކަމަށާއި މިކަމަކީ ތާއީދުކުރެވޭ ކަމެއް ނޫންކަމަށް ސައީދު ވިދާޅުވި އެވެ.
މި ކަންމަށް ބާރު ދީފަިނަމަ، ސިޔާސީ ވިސްނުމެއްގައި ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު މީހުން ހިފައި ހައްޔަރު ކުރަން ފަށާނެކަމަށް ސައީދު ވިދާޅުވިއެވެ. އަދި މިހާރުވެސް މިފަދަ އަމަލުތައް ހުއްޓުވިފައި ނުވަނީ ބާރުތަކެއް ނެތިގެން ނޫން ކަަމަށާއި މިވަގުތު ހުރިހާ ބާރެއް އޮތީ ސަރުކާރު ހިންގާ ބޭފުުޅުންގެ އަތުގައިކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް، ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާގެ ތަހުގީގާއި ގުޅުންހުރި ސުވާލުތަކަށް ވެސް ޖަވާބު ނުދެވޭކަމަށް ސައީދު ވިދާޅުވިއެވެ. ސައީދުގެ ވާހަކައިގައި ވަނީ ރައީސް ޔާމީނަށް އަމާޒުކޮށް 2015 ވަނަ އަހަރު ދިން ހަމަލާއަށްވެސް މިހާތަނަށް އައިއިުރ އިންސާފު ލިބިފައިނުވާކަން ފާހަގަކުރައްވާފައެވެ.
”ހުރިހާ ބާރެއް އޮވެ، ރައްޔިތުންނަށް ޖަވާބެއް ނުދެވޭ. ރައީސް ޔާމީނަށް އަމާޒުކޮށް ދީފައިވާ ހަމަލާވެސް ނުބެލޭ. ދާހިލީ ކަންކަމަށް މާބޮޑަށް ބޭރު ދުނިޔެ ބައިވެރިކުރުމަކީ އަމިއްލަވަންތަކަށް ގެއްލޭނެ ކަމެއް. މިހާރުވެސް ފުލުހުންނަށާއި އިންޓެލިޖެންސަށް ބާރު އެބައޮތް. ބާރު ނެތިގެނެއް ނޫން މިއުޅެނީ“ ސައީދު
މީގެ އިތުރުން ސައީދު ވިދާޅުވީ އިންޓެލިޖެންސްގެ މިހާ ބޮޑު ފެއިލިޔަރ އަކާއި ވާދަވެރިކަމެއް އޮތް ތަނެއްގައި މިފަދަ ބާރުތަކެއް ދޫކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށެވެ. އަދި މިބިލުގެ އިތުރަށް ފޮރިން ސާވިސްގެ ބިލުގައިވެސް ދާހިލީ ކަންކަމުގެ ވާހަކަތައް ހިމަނާފައިވާއިރު މިފަދަ ބިލުތައް ފާސްކުރަންވާނީ މިއަށްވުރެ ފުޅާކޮށް މިކަންކަމަށް ބަހުސްކުރެވިގެންކަމަށް ވިދާޅުވިއެވެ. މިކަންކަމަކީ އަކުރުން އަކުރަށް ބަލަންޖެހޭނެ ކަންކަން ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ފޮރިން ސާވިސްގެ ބިލުގައި ހިމަނާފައިވާ ކަންކަމަށް އަލިއަޅުއްވާލައްވައި ބޭރުގެ ނުފޫޒެއް ނެތި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ގައުމީ މަސްލަހަތު ކުރިއަށް ނެރެ، އާންމުން ބޭނުންވާ އަސާސީ ކަންކަން ފުރިހަމަކޮށްދެވޭނެ ގޮތްތައް ބަލަން ޖެހޭކަމަށް ވިދާޅުވިއެވެ.
މެމްބަރު ސައީދުގެ ވާހަކަ ކުރިއަށްދިޔަ ވަގުތު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ނިޒާމީ ނުކުތާ ނަަންގަވައި ސައީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން، މެމްބަރު ސައީދަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސިޔާސީ މީހުން ހިފައި ހައްޔަރު ކުރިއިރު ކެބިނެޓްގައި އިންނެވި ބޭފުޅެއް ކަމަށާއި މި ބިލަށް ބަހުސް ނުކުރެއްވުމަށް ސައީދު އަރިހުން އެދިވަޑައިގަންނަވާކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މި އިސްލާހުގެ ބޭނުމަކީ ބޭނުން ބަޔަކު ހިފާ ހައްޔަރުކުރުން ނޫންކަމަށާއި މީހުން ހައްޔަރުކުރާނީ އެކަށީގެންވާ އިންޓެލިޖެންސް ނުވަތަ މައުލޫމާތު ލިބިގެންކަމަށް އޭނާ ވިދާޅުވިއެވެ.
ޓެރަރިޒަމްގެ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ހުށަހަޅާފައިވާނީ، ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވައި 2019 ވަަނަ އަހަރު ގެނައި އިސްލާހުތަކަށް ބަދަލު ގެންނަންޖެހޭކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެފައިވަނިކޮށެވެ. ރާއްޖޭގައި ޓެރަރިޒަމްގެ ކުށްތައް ހިންގާ މީހުންނާއި، ހަރުކަށި ފިކުރުގެ ވިސްނުން ހުރެ ހަމަލާތައް ދިނުމުގެ ތަމްރީނު ލިބިފައިވާ މީހުން ދިގު މުއްދަތަކަށް ބަންދުކޮށް ޝަރީއަތް ހިންގާ ރިހިބިލިޓޭޓު ކުރުމުގެ ފުރުސަތު މިހާރުގެ ގާނޫނުގެ ދަށުން ނެތްކަމަށް އިމްރާން ވަނީ ވިދާޅުވެފަ އެވެ.

