ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާގައި ބޮޑުވާ ކުދިންނާއި މެދު މުޖްތަމައު ދެކޭ ގޮތް ބަދަލުވާން ޖެހޭ: ނިއުމަތު

ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ، ނިއުމަތު ޝަފީގު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިން އަލުން އަނބުރާ މުޖްތަމައުއަށް ނިކުތުމުން އެ ކުދިންނާއި މެދު ބައެއް މީހުން ދެކޭ ގޮތް ތަފާތުކަމަށާއި، މިއީ ބަދަލުވާންޖެހޭ ކަމެއްގެ ގޮތުގައި ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު ވިދާޅުވެއްޖެ އެވެ.

“ސަންގުޓީވީގެ” ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނިއުމަތު ވިދާޅުވީ މިހާތަނަށް އޮމްބަޑްސްޕާސަން އޮފީހުން ކުރި މަސައްކަތްތަކުން އެންމެ ބޮޑަށް ފާހަގަ ކުރެވިގެން ދިޔައީ ކުޑަކުދިންގެ އަދުލުގެ ގާނޫނާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނަށް މުޖްތަމައު ހޭލުންތެރި ނުވުން ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށްޓަކާ މަސައްކަތް ކުރާ އިދާރާތްތައް ވެސް ހިމެނޭކަން ނިއުމަތު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ އޭގެ ސަބަބުން އުސޫލުތައް ހެދި، އެ ވަކިން ލިޔެވިފައި ހުރި ނަމަވެސް އެއަށް އަމަލު ނުކުރެވޭ ކަމަށެވެ.

ނިއުމަތު ވިދާޅުވީ އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އެކި އިދާރާތްތަކުގައި ތަފާތު އެކި އުސޫލުތައް ލިޔެވިފައި ހުރުން ކަމަށެވެ. އެހެން ނަމަވެސް އޭގެ ތެރޭގައި ކޮންމެހެން ހުންނަންޖެހޭ އުސޫލުތަކެއް ނުހުންނަ ކަމަށެވެ. މިސާލެއް ނަންގަވާ ނިއުމަތު ވިދާޅުވީ އަނިޔާގެ ޝިކާރައަކަށްވާ ކުއްޖާ ހޮސްޕިޓަލަކާއި ހަމައަށް ގެންދާއިރު، އޭގެ ފަހުން ތަނުގެ ތެރެއިން އަމަލު ކުރަންވީ ގޮތް ލިޔެވިފައި ނެތް ކަމަށެވެ. އެކަން ނިއުމަތު ފާހަގަކުރީ ހެކި ނެގުމުގެ ބައިތައް އެންމެ ފުރިހަމަ ގޮތުގައި ކުރިޔަށް ނުގެންދެވޭ އެއް ސަބަބެއްގެ ގޮތުގައެވެ.

“ދެން ހަމަ އެގޮތަށް އުސޫލުތަކެއް ހެދި ގަވައިދުތައް ހެދިފައިހުރި ތަންތަނުގައި ވެސް އެންމެ ރަނގަޅަށް އަހުލުވެރިވެފައި ނުހުރޭ ކުޑަކުދިންނާއި އެކު މަސައްކަތް ކުރާ ފަރާތްތަކަށް. އެއީ ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ފާހަގަ ކުރެވިގެންދާ ކަމެއް” ނިއުމަތު

ނިއުމަތު ވިދާޅުވީ މިއީ މުޖްތަމައުގެ ވަރަށް ގިނަ ފަރުދުންގެ ޒިންމާއެއް ކަމަށެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުން އެއީ ހަމައެކަނި ގާނޫނެއްގެ އަތްމައްޗަށް ދޫކުރުމަށްވުރެ ފުޅާދާއިރާއެއްގައި ކުރަންޖެހޭ މަސައްކަތްތަކެއްކަން ފާހަގަކޮށް ނިއުމަތު ވިދާޅުވީ އޭގެ ތެރޭގައި ކަމާއިބެހޭ އިދާރާތްތަކާއި، އާއިލާތައް، ކައުންސިލްތައް އަދި ސިއްހީ އިދާރާތްތަކުގެ އިތުރުން ކޮންމެ މުވައްސަސާއެއްގެ ވެސް ޒިންމާއެއް ކަމަށެވެ. އަދި ހަމައެކަނި އެއް ބައެއްގެ މައްޗަށް ފޯކަސްކޮށްގެން މައްސަލަތައް ހައްލު ނުކުރެވެނީ އެހެންވެކަމަށް ވެސް ވިދާޅުވިއެވެ.

ކުޑަކުދިންގެ ހިޔާގައި ވަރަށް ބޮޑެތި މައްސަލަތަކެއް ހުރި އިރު ތަނުގެ ތެރޭގައި ކައިރިކައިރީގައި ބޮޑެތި ހާދިސާތައް ހިނގުމުން އެކަމަށް ވެސް ނިއުމަތު އަލިއަޅުއްވާލެއްވި އެވެ. އަދި ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުގެ ފަރާތުން މި އަހަރުގެ މިހާތަނަށް ހަ ފަހަރެއްގެ މަތީން ހިޔާއަށް ޒިޔާރަތް ކުރިއިރު، އެތަނަކީ އެއީ ކުދިން ބައިތިއްބަން ހިޔާއަކީ އެންމެ ރައްކާތެރި މާހައުލެއް ނޫންކަން ފާހަގަކޮށް 17 ރެކަމަންޑޭޝަނެއް ފޮނުވާފައިވާނެކަމަށް ވިދާޅުވި އެވެ. މިއީ އެއްވެސް އޮޑިޓު ކުރުމެއް ނެތި، ހަމައެކަނި ކުރި ފުރަތަމަ ޒިޔާރަތުން ފެނި ފާހަގަ ކުރެވުނު މައްސަލަތަކެެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ނަގަނީ، އެއްގޮތަކަށް ވެސް އެކުދިން ކުށްވެރިވެގެން ނޫންކަން ފާހަގަކޮށް، ކުދިންނަކީ އެއްގޮތަކަށް ވެސް ތަނުގައި ބަންދުކުރެވިފައި ތިބެގެން ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުއްޖާ އާއިލާގެ ބެލުމުގެ ދަށުން ނަގައި، ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދޭން ފެށުން އެއީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި އެ މަގްސަދު ގެއްލިގެން ނުވާނެކަމަށެވެ.

މިއީ ކޮވިޑުގެ ހާލަތު ނަމަވެސް، ގާނޫނެއް ތަންފީޒު ކުރުމަށް ނުވަތަ ރަނގަޅު ގޮތުގައި މަސައްކަތް ކުރުމަށް އެއީ ހުތްޖަތެއް ނޫންކަން ނިއުމަތު ފާހަގަ ކުރެއްވި އެވެ.

ނިއުމަތު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގާބިލި ބަޔަކު އައްޔަން ނުކުރެވުން ކަމަށެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ގިނަ ކުދިންނަކީ އަނިޔާތަކެއް ތަހައްމަލުކޮށް، އެ އަނިޔާގެ ތެރެއިން ގެންނަ ކުދިންނަށްވުމާއި އެކު ވަރަށް ބޮޑު އަޅާލުމަކާއި އެހީތެރިކަން ބޭނުންވާނެކަމަށް ނިއުމަތު ވިދާޅުވި އެވެ. އެހެންކަމުން ކޮވިޑުގެ ނަމުގައި ކުއްޖަކަށް ލިބޭ އަނިޔާއަކަށް އިންސާފު ހޯދައިދީ، އެކަމަށް ފިޔަވަޅު އެޅުން އެއްވެސް ވަރަކަށް ލަސްވެގެން ނުވާނެކަމަށެވެ.

މީގެ އިތުރުން ނިއުމަތު ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދިންގެ އަހުލާގީ މައްސަލަތަކެއް އުޅޭކަމަށް ބުނެ އަބަދުވެސް ވާހަކަ ދައްކާ ކަމަށެވެ. އެ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދީ، ރަނގަޅު މާހައުލަކަށް ގެންދިއުމުގެ ގޮތުން ދާދިފަހުން ރާއްޖޭގެ ރަށަކަށް ގެންދިއުމުން އެ ރަށުން ދިމާވީ މައްސަލަތައް ފާހަގަކޮށް ނިއުމަތު ވިދާޅުވީ، ޖެންޑާރ މިނިސްޓްރީން ވެސް ރަށުގެ އާއްމުންނަށް ކުދިންނާއި ބެހޭ މައުލޫމާތު ދޭންޖެހޭ ކަމަށެވެ. އަދި އެ ކުދިންނާއި މެދު މުޖްތަމައު ދެކޭ ގޮތް ރަނގަޅުވެ، އެއީ ކުށްވެރިންގެ ގޮތުގައި ދެކުން ހުއްޓާލަންޖެހޭކަމަށް ވިދާޅުވިއެވެ.

ނިއުމަތު ވިދާޅުވީ މީގެ ކުރިން އިސްލާހިއްޔާ ހިންގިއިރު އެ ތަނުން ނިކުންނަ ކުދިންނާއި މެދު ބައެއް މީހުން ޖެހިލުންވި ކަމަށާއި، ކުޑަކުދިންގެ ހިޔާއިން ނިކުންނަ ކުދިންނާއި މެދު އެކަން ތަކުރާރުވެގެން ނުވާނެ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: