އެމެރިކާ އިން ރެޕިޑް ޑައިގްނޮސްޓިކް ޓެސްޓް (އާރްޑީޓީ) ގެ 100،000 ކިޓު ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
އެމެރިކާގެ ފަރާތުން ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމަށްޓަކައި ފޯރުކޮށްދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުމުގެ ދަށުން ރާއްޖޭގެ ހެލްތު މިނިސްޓްރީއަށް މި ޓެސްޓު ކިޓުތައް ފޯރުކޮށްދީފައި ވަނީ ޔޫއެސްއެއިޑް މެދުވެރިކޮށެވެ.
ޔޫއެސްއެއިޑްގެ އެހީތެރިކަމާއެކު ރާއްޖެއަށް ހަދިޔާކޮށްފައިވާ 100،000 ރެޕިޑް ޓެސްޓް ކިޓުތަކުގެ ސަބަބުން ކޮވިޑް-19 ވައިރަސް ހުރިތޯ ބެލުމަށްޓަކައި ހާއްސަ ޓެސްޓުތަކެއް ނުހަދާވެސް ޓެސްޓު ނަތީޖާ ފަސޭހަކަމާއެކު ކުޑަ ވަގުތުކޮޅެއްގައި ލިބިގެންދެއެވެ.
އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އަލައިނާ ޓެޕްލިޓްޒް ވިދާޅުވީ ސިއްހީ ހިދުމަތް ދިނުމުގައި ދުނިޔޭގެ އެންމެ ކުރީގައިވާ ގައުމުގެ ހައިސިއްޔަތުން، އެމެރިކާ އިން އަންނަނީ ރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި އެހީވަމުން ކަމަށެވެ.

