ހައްޖު ދުވަހު އަރަފާތު ގަޑީގައި ވެސް އިންނަން ޖެހުނީ މަރު ކޮމިޝަނުގައި ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.
ހުސެން ވަހީދު މިދިޔަ އަންގާރަ ދުވަހު ރިޔާސީ ކޮމިޝަނަށް ހާޒިރު ކޮށްފައިވާއިރު، ރޭ އޭނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް ހަފަހަރެއްގެ މަތިން އޭނާ ރިޔާސީ ކޮމިޝަނަށް ހާޒިރު ކޮށްފައިވާ ކަމަށެވެ.
”ހައްޖު ދުވަހު އަރަފާތު ގަޑީގައި ވެސް އިނީ ކޮމިޝަނުގައި.“ ހުސެން ވަހީދު ވިދާޅުވިއެވެ.
ނަމަވެސް ކޮމިޝަނުގެ އެއްބާރުލުން ކުޑަ ކަމާއި އެ ބޭފުޅުންގެ ވެރިންގެ ފަރާތުން އައިސްފައިވާ އޯޑަރު ތަކުގެ ސަބަބުން ދެ ފަރާތުން ރަނގަޅަށް ވާހަކަ ދައްކާ ނުލެވޭ ކަމަށް ހުސެއިން ވަހީދު ވިދާޅުވިއެވެ.
”ހަބަރު ހަދާލުމާއި ރިޕޯޓެއް ނެރެލުމަށް ވުރެ ރަނގަޅަށް ކުރެވުނީސް. އެބޭފުޅުން ވަރަށް ބޮޑު މަޖުބޫރު ކަމެއްގައި ތާށީވެފައިވާ ކަން ފާހަގަވި. ވަކި ތާރީހަކަށް ވަކި ގޮތަކަށް ރިޕޯޓެއް ނެރެން ޖެހިގެން އުޅުނުކަން ފާހަގަ ކުރެވުނު. ވެރިކަމުގެ ފުރަތަމަ 24 ގަޑިއިރު ތަންކޮޅެއް ލަސްވެއްޖެ“ ހުސެއިން ވަހީދު ވިދާޅުވިއެވެ.
މީގެއިތުރުން ހުސެއިން ވަހީދު ވަނީ އޭނާ ޕޮލިސް ކޮމިޝަނަރު މަގާމުގައި ހުންނެވިއިރު ރިލްވާން ހޯދަން ކުރެއްވި މަސައްކަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ފުލުހުންގެ ފަރާތުން ލިބުނު އެހީތެރި ކަމާއި އެއްބާލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
”އަޅުގަނޑުގެ އެދުމަކީ ރިލުވާނުގެ މަންމަ އާއި ވީ އެންމެ އަވަހަކަށް ގުޅާލާ އާއިލާއާއި ސަލާންގަލާން ކޮށްލެވޭނެ ގޮތެއް ވުން. ރިލުވާނުގެ އާއިލާއިން ވަރަށް ހިތާމަކޮށްފި“ އޭނާ ވިދާޅުވިއެވެ.

