އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި މުދައްރިސުންގެ މުސާރައާއި އިނާޔަތްތައް ބޮޑު ކުރަން ހިމަނާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވައުދުވެއްޖެ އެވެ.
ދިރާސީ އާ އަހަރު ފަށައި، ސްކޫލުތަކުގެ ކިޔެވުންތައް މިއަދު ފަށާފައިވަނީ ދަރިވަރުން ހާޒިރުވެ ފިލާވަޅު ނަގައިދޭ ގޮތަށެވެ. އަހަރަކަށް ވުރެ ގިނަ ދުވަހު އޮންލައިންކޮށް ކުލާސްތައް ކުރިޔަށް ގެންދިއުމަށް ފަހު ދިރާސީ އާ އަހަރު ފަށާފައި ވަނީ ގިނަ އުންމީދުތަކާއި އެކު އެވެ.
ރެހެންދި ސްކޫލުގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވަނީ ކޮވިޑުގެ ތެރޭގައި އެންމެ ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހުނީ ތައުލީމީ ދާއިރާކަން ފާހަގަ ކުރައްވާފަ އެވެ. ދަރިވަރުންގެ ހަޔާތުން އަހަރެއް ގެއްލިގެން ދިޔައިރު، އެ ދުވަސްތައް އަލުން އިޔާދަ ކުރުމަށް ކުރަންޖެހޭ މަސައްކަތް ބޮޑުވެފައި ބުރަކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ސްކޫލުތައް ހުޅުވައި، ކިޔެވުންތައް ކުރިޔަށް ގެންދިއުން ރައީސް ސިފަ ކުރެއްވީ ގޭ ބަންދެއްގައި ތިބެން ޖެހުމުން ދިމާވަމުން ދިޔަ ދަތިތައް ހައްލުކޮށް އެކަކު އަނެކަކާއި ވާހަކަ ދައްޖަން ލިބޭ ފުރުސަތެއްގެ ގޮތުގަ އެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާއަށް މުދައްރިސުން ކުރައްވާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، މިދިޔަ އަހަރު އެންމެ ބޮޑު ބުރައެއް އުފުލަން ޖެހުނީ ޓީޗަރުން ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ހިދުމަތްތެރިން ކުރާ މަސައްކަތާއި، ހޭދަ ކުރާ ވަގުތުތަކަށް އެކަށޭނެ ގޮތަކަށް މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ. އަދި އެކަމުގެ މަސައްކަތް ފަށައި، 2022 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށް ވިދާޅުވި އެވެ.
”އެބޭފުޅުން ކުރައްވާ ބުރަ މަސައްކަތާއި ހޭދަކުރައްވާ ގިނަ ވަގުތުތަކާ އެކަށޭނަ ގޮތުން، މިއަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން، ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން މިއަންނަނީ ކުރަމުން.“ ރައީސް ސޯލިހު
މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ޓީޗަރުން ލިބުން ދަތި ބައެއް މާއްދާތައް ކިޔަވައިދިނުމަށްޓަކައި، އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި ވަޒީފާ އަދާކުރާ ދިވެހި ޓީޗަރުންނަށް، އެފަދަ މާއްދާތައް ކިޔަވައިދިނުމުގެ ފުރުސަތު ތަނަވަސްކޮށްދީ، އެކަމަށް ލިބެންޖެހޭ އިނާޔަތްތައް ވެސް މި ސަރުކާރުން ހަމަޖައްސައިދެއްވާނެ ކަމަށެވެ.
މީހުން ބިނާ ކުރުމުގައި މުހިންމު މަސައްކަތަތަކެއް ކުރަންޖެހޭއިރު، އޭގެ އަމަލީ ސިފަ ގެނެސް ދެއްވަނީ މުދައްރިސުންކަމަށް ރައީސް ވިދާޅުވި އެވެ. ހާއްސަކޮށް ރާއްޖެއަށް ތަފާތު އެކި އިޖްތިމާއީ މައްސަލަތައް ދިމާވެފައިވާއިރު ތައުލިމީ ނިޒާމުގެ ތެރެއިން އެކަންކަން ހައްލު ކުރުމުގެ ފުރިހަމަ ބާރު ޓީޗަރުންނަށް އޮންނާނެ ކަމަށެވެ. އެކަމަށް އިޝާރާތްކޮށް ރައީސް ވިދާޅުވީ، ދައިރާގެ ހިދުމަތްތެރިންނަށް ބޭނުންވާ އެހީއާއި ރަނގަޅު ގޮތްތައް ހަމަޖައްސައިދިނުން މުހިންމު ކަމަށެވެ.
ރައީސްގެ ވާހަކައިގައި ހަރުކަށި ފިކުރާއި، މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރަން ތައުލީމީ ނިޒާމުގެ ތެރެއިން މަސައްކަތްތައް ކުރަންޖެހޭކަމަށް ވިދާޅުވި އެވެ.
”ހަގީތުގައި ޓީޗަރުންނަކީ، ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދު ކަމަށްވާ، މީހުން ބިނާކުރުމުގެ އަމަލީ މަސައްކަތް ތަންފީޒުކޮށްދެއްވާ ބޭފުޅުން. އޭގެ އިތުރުން، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށްޓަކައި ވެސް، ތައުލީމީ ދާއިރާގެ ހިދުމަތްތެރިންނަށް ރަނގަޅު ގޮތްތައް ހަދައިދިނުމަކީ ވަރަށް ބޭނުންތެރި ކަމެއް. މުޖްތަމަޢަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދެ މައްސަލަ ކަމަށްވާ، ހަރުކަށި ފިކުރު ފެތުރުމާއި، މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ތަޢުލީމީ ނިޒާމުގެ ތެރެއިން.“ ރައީސް ސޯލިހު
ކޮވިޑާއި ގުޅިގެން، ވޭތުވެ ދިޔަ ދޮޅު އަހަރެއްހާ ދުވަސް ހޭދަކުރަން ޖެހުނީ ދަތިތަކާއި އުނދަގޫގެ ތެރޭގައިކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ އެ އުނދަގުލުގައި ވެސް ދަރިވަރުންގެ ކިޔެވުން މުޅިން ހުއްޓާނުލައި ކުރިއަށް ގެންދިއުމުގައި، ތައުލީމީ ދާއިރާގެ ހިދުމަތްތެރިން، އަގު ނުކުރެވޭހާ އުނދަގޫ އެތައް މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

