ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ގޭގެއަށް ގޮސް ކުނި ނަގާނެ ކަމަށް ބުނާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
ވެމްކޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑުން ރައްކާތެރިވުމަށްޓަކައި މިދިޔަ އަހަރުގެ އޭޕްރިލް 16 ވަނަ ދުވަހުން ފެށިގެން ކުނި ނަގަނީ ގެތަކުގެ ތިރިން ކަމަށެވެ. އަދި އެކުންފުނިން ކުނި ނެގުމުގައި ކަންތައް ކުރާ ގޮތަށބަދަލުގެނެސްފައިވާކަމަށް ބުނެ ދައްކަމުންގެންދާ ވާހަކަތަކަކީ ދޮގުވާހަކަތަކެއް ކަމަށެވެ.
ހަމައެހެންމެ އެފަދަ ބަދަލެއް އެކުންފުނިން ގެންނަނަމަ، އިސް އިދާރާތަކާއި މަޝްވަރާކޮށް ރައްޔިތުންނަށް އަންގައި އިއުލާނުކުރާނެކަމަށް އެކުންފުނިން ބުނެއެވެ.
We haven’t decide any changes yet but, will announce the changes after consulting the govt and HPA. https://t.co/kdqFRl5w6d
— Adam Mohamed (@AdamMhmd_) August 14, 2021
ވެމްކޯ އިން މިފަދައިން ބުނީ މީގެ ކުރިން މާލޭ ސިޓީގައި ކުނި ނަގާ އުސޫލަށް ގޭގެއަށް ގޮސް ކުނި ނަގާގޮތަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވެ މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު މިފަދައިން ވިދާޅުވުމާއި ގުޅިގެންނެވެ.
ވެމްކޯއިން އިތުރަށް ބުނީ ވެމްކޯގެ އެއްވެސް މުވައްޒަފަކު އިމާރާތެއްގެ ވަކިވަކި ފަންގިފިލާތަކުން ކުނި ނެގުމުގައި ހަރަކާތްތެރިއެއް ނުވާނެ ކަމަށެވެ. އަދި ކޮވިޑުގެ މިފަދަ ސިއްހީ ނުރައްކަލުގެ ހާލަތުގައި ކުނި ނެރުމަށް ހަމަޖެހިފައިވާ ގަޑިތަކުގައި ކުނި ނެރުމަށް ފަރުވާތެރިވުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
މިފަދައިން އަމަލު ނުކުރާނަމަ މަގުތައް ގޮނޑުވެ، އިތުރު މައްސަލަތައް ދިމާވުންވެސް އެކަށީގެންވާކަމަށާއި، އެފަދައިން އަމަލު ނުކުރުމަށްވެސް އެކުންފުނިން ވަނީ ގޮވާލާފައެވެ.

