ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން ރާއްޖޭގެ އަތޮޅުތަކަށް، ބުނީ ގައުމު މިނިވަން ކުރާނެކަމަށް!

އިދިކޮޅުން ޕީޕީއެމް ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިފަހުން އެންމެ ގިނައިން ސިޔާސީ މަޝްރަހުން ދެކެވުނު ވާހަކަތަކަކީ، ސިޔާސީ ގޮތުން އެންމެ ދޮށީ ޕާޓީކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދެބައިވެ، ހިޔާލުތަފާތުވުންތަކެއް އުފެދުނު ވާހަކަތަކެވެ. ޕާޓީގެ ރައީސާއި ލީޑަރުގެ ދެ ފެކްޝަނެއް އުފެދި މެންބަރުން ވަނީ އެ ދެ ފެކްޝަނަށް ބެހިފައެވެ. މެމްބަރުންގެ ކޯޅުންތަކަކީވެސް މިއަދު އާދައިގެ މަތިން ފެންނަމުންދާ މަންޒަރެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މިކަމުގެ ފައިދާ ބޮޑީ އިދިކޮޅައްށެވެ. އިދިކޮޅުން އެޕާޓީއަށް ބޭނުންވާ މެޖޯރިޓީ ހޯދުމަށް މިއީ ރަނުގެ ފުރުސަތަކަށް ވާނެތާއެވެ. އެހެންނަމަވެސް ގިނަ ބައެއްގެ ދުލުން އިވިގެންދިޔައީ، ސަރުކާރު ދެބައިވެ، ކުޅެމުންދާ ރާޒުވާގައި ވާނުވާ އެއްވެސް ކަމެއް ބެލުމަށް އިދިކޮޅުން ނޫޅޭކަމެވެ. މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންގެ ހިމާޔަތަށް އިދިކޮޅުން އެއްވެސް ކަމެއް ނުކުރާކަމަށް ގިނަ ބަޔަކު ވާހަކަ ދައްކައެވެ.

މިވާހަކަ އެހުމުން އިދިކޮޅަކުންވެސް އިންކާރެއް ނުކުރެއެވެ. ބުނީވެސް ހަމަ އެހެންނެވެ. ރައްޔިތުންގެ ގިނަ އުންމީދުތަކެއް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަށް ކުރިނަމަވެސް، އުންމީދުތަކާއި އެއްވަރަށް މަސައްކަތް ނުކުރެވޭކަމަށެވެ. އެކަން އެޕާޓީން ގަބޫލުކުރާކަމަށެވެ. މިއީ ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން ގެންދާ ދަތުރަށް ފުރައި ވަޑައިގަންނަމުން އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވި ބަސްފުޅެކެވެ.

އެހެންނަމަވެސް މެމްބަރ ޝިޔާމްވެސް ވިދާޅުވީ މިއަދު ގިނަ ދިވެހީންގެ ހިތްތަކުގައި ބިރުވެރިކަން ފެތުރިފައިވާ ކަންތަކުގެ ވާހަކަތަކެވެ. މި ސަރުކާރު، ވެރިކަން ކުރުމަށްޓަކައި، އަވަށްޓެރި އިންޑިޔާއާއި އެކީ އެއްބަސްވާ އެއްބަސްވުންތަކެއް އެޕާޓީއަކަށާއި، ސަރުކާރުގެ އިސްވެރިން ފިޔަވައި އެހެން އެއްވެސް މީހަކަށް ނޭނގޭކަމަށާއި، އެނގޭހާވެސް އެއްޗަކީ އިންޑިޔާ އާއި ރާއްޖެއާ ދެމެދު ވަނީ ދިވެހި ރާއްޖޭގެ މިނިވަންކަމަށް ހުރަސްއެޅޭފަދަ ގޮތް ނޭނގޭ އަނދިރި ދައުލަތެއް ކަމަށެވެ.

ޝިޔާމް ވިދާޅުވީ އިންޑިޔާ ސަރުކާރާއި ރާއްޖެއާއި މެދުގައި ސިއްރިއްޔާތުގައި ހިނގަމުންދާ ކަންކަމުގައި ރައްޔިތުންގެ ޕްރެޝަރު އެ ޕާޓީއަށް ވެސް ކުރާކަމަށެވެ. އަދި ރައްޔިތުންގެ ޕްރެޝަރާއި އެއްވަރަށް މަސައްކަތް ނުކުރެވުނު ނަމަވެސް، ވާދަވެރި ޕާޓީގެ ހައިސިއްޔަތުން، ރައްޔިތުންގެ އުންމީދުތައް ހާސިލްކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހައި މަސައްކަތްތަކެއް ކުރުމަށް މަސައްކަތް ކުރާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިޔާޅުވި ވާހަކައަކީވެސް އޭގައި ބުރަދަނެއްވާ ވާހަކަތަކެއް ކަމުގައި ގަބޫލުކުރުމަށް މިއަދު ދިވެހިންނަށް މިވަނީ މަޖުބޫރުވެފައެވެ. އިންޑިޔާ ސަރުކާރާއި ރާއްޖޭއާއި ދެމެދު ހިނގަމުންދަނީ ކޮންކޮން އެއްބަސްވުން ތަކެއް ކަމެއް ނުވަތަ މިވަނީ ކީއްކަމެއް އެނގޭ އެއްވެސް ބައެއް ނެތެވެ. އެހިޔަސް ޖަވާބެއް ނެތެވެ.

އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބުމާއި ގުޅިގެން އެކަން ސާފުކޮށްދިނުމަށް އެދުމުން ޖަވާބެއް ނުލިބުމަކީ މިކަމުގެ ހެއްކެކެވެ. ޑިފެންސް މިނިސްޓްރީއިންވެސް މިހާތަނަށް އެވާހަކަ ދޮގުކޮށްފައެއް ނެތެވެ. އިންޑިޔާ ސިފައިންގެ ތެރެއިން ރާއްޖޭގައި ތިބީ ކިހާ އަދަދެއްގެ ސިފައިންތޯ ތަކުރާރުކޮށް އަހަމުންދާއިރު، އެސުވާލަށްވެސް މިވީހާތަނަށް ޖަވާބެއް ދީފައެއްނުވެއެވެ. އެމައުލޫމާތު ހާމަނުކުރުމުން، މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައެޅުމުން އެމައްސަލައިގެ އަޑުއެހުމުގައި އިވުނު ޖަވާބަކީ އެމައުލޫމާތު ހާމަކޮށްފިނަމަ ދެގައުމުގެ ގުޅުމަށް ބުރޫ އަރައި، ރާއްޖޭގެ ސަލާމަަތަށް ނުރައްކާވެދާނެ ކަމަށެވެ.

މިހާހިސާބުން އުފެދޭ ސުވާލަކީ، ސިފައިންގެ އަދަދު ހާމަކުރުމާއެކު ރާއްޖޭގެ ސަލާމަތަށް ހުރީ ކޮން ނުރައްކަލެއްތޯ އެވެ. ކޮންމެ ގައުމެއްގައިވެސް، ހާމަކުރެވެނޭ މައުލުމާތުތަކާއި ނުކުރެވޭނެ މައުލޫމާތުތައް ހުންނާނެއެވެ. އެހެންނަމަވެސް، މިއަދަދު ހާމަކުރުމުން ގައުމަށް އޮތީ ކޮން ނުރައްކަލެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. މިހެން މިކަން ވީނަމަވެސް ދިވެހިންގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުރުން އެންމެ ބުއްދިވެރިކަމަކީ އިންޑިޔާއާއެކު ވިސްނައި، އިންޑިޔާއާއެކު ކަންކަން ކުރުންކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ކޯޅުންތަކާއިއެކު، އިދިކޮޅު ޕީޕީއެމް ޕީއެންސީންނާއި އާންމުން ދަނީ ސަރުކާރަށް އެކި ގޮތްގޮތުން ފާޑުވިދާޅުވަމުންނެވެ. މިގޮތުން މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވަމުން ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ފެނިގެންދަނީ ފެއިލްވެފައިވާ ސަރުކާރެއް ކަމަށެވެ. އަދި މިފަދައިން ސަރުކާރު ހިންގަމުން ގެންދާނަމަ ރައްޔިތުން އެދޭފަދަ ވެރިކަމެއް ހިންގިދާނެކަމަށް ހީނުކުރައްވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އިދިކޮޅުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާއިރު، އެޕާޓީތަކުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް، ކެމްޕެއިން ކުރަމުންނެވެ. އިދިކޮޅުން ބުނާގޮތުގައި ސަރުކާރުން ސިއްރީޔާތުގައި ކުރަމުން ގެންދާ ކަންކަމާއި ގުޅިގެން އެމްޑީޕީއަށް ކުރާ އިތުބާރާއި އެޕާޓީއާއި މެދުގައި ރައްޔިތުން ދެކޭގޮތް ދަނީ ބަދަލުވަމުންނެވެ. އަދި މިއާއިއެކު އައު ބަދަލެއް ގެނައުމަށް އެޕާޓީންވެސް މަސައްކަތް ކުރާނެކަމަށް އިދިކޮޅުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: