ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްގެ އަތުގައި ހިފައިގެން ނޫންގޮތަކަށް އެއްވެސް މީހަކަށް އިންތިހާބެއް ނުލިބޭނެ: އަލީ ސޯލިހު

ސްޓޭޓް މިނިސްޓަރ އަލީ ސޯލިހު ސަންގު ޓީވީގެ ޕްރޮގްރާމެއްގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބެއްގެ ދެވަނަ ބުރަކާއި ހަމައިން ކާމިޔާބީއާއި ހަމައަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަތުގައި ހިފައިގެން ނޫން ގޮތަކަށް ދެވޭނެ އެއްވެސް މަގެއް ނޯންނާނެކަމަށް އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވެއްޖެ އެވެ.

”ސަންގުޓީވީ“ ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަލީ ސޯލިހު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރަނީ ގާސިމްގެ ތާއީދު ލިބޭ ބޭފުޅެއް ކަމަށެވެ. އަދި ގާސިމް ވެފައިވަނީ އިންތިހާބުގައި ގޮތް ނިންމާ ބޭފުޅެއްގެ ގޮތުގައިކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި 2008 ވަނަ އަހަރު މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން ބޭއްވި ފުރަތަމަ އިންތިހާބަށް އިޝާރާތްކޮށް އަލީ ސޯލިހު ވިދާޅުވި، އޭރު ވެސް ގާސިމް ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯދައި އެކަށީގެންވާ ނަތީޖާއެއް ހޯއްދެވި ކަމަށެވެ. އެއަށްފަހު އިންތިހާބުގެ ދެވަނަ ބުރަކަށް ގޮސް، ރައީސް މުހައްމަދު ނަޝީދު އިންތިހާބު ކާމިޔާބު ކުރެއްވީ ގާސިމްގެ ތާއީދާއިއެކުކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ފަހުން ޖެހިގެން އައި ރިޔާސީ އިންތިހާބުގައި ވެސް ޖޭޕީއަށް ފުރުސަތު ގެއްލުނީ، ދެހާހެއް ހާ ވޯޓުގެ ތަފާތަކުންކަން ފާހަގަކޮށް އަލީ ސޯލިހު ވިދާޅުވީ އެ ފަހަރު ގާސިމް ނިންމެވީ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ތާއީދު ކުރެއްވުމަށް ކަމަށެވެ.

އަލީ ސޯލިހު ވިދާޅުވީ ގާސިމް ވާދަކުރެއްވި ދެ އިންތިހާބުގައި ވެސް، ފުރުސަތު ގެއްލިގެން ދިޔައީ ވަރަށް ކުޑަތަފާތަކުން ކަމަށެވެ. އަދި ޖޭޕީގެ މެމްބާޝިޕްގެ އަދަދު ދަށްކަމަށް ގަބޫލު ކުރެވުނަސް، ގާސިމް ގައުމަށް ކުރެއްވި ހިދުމަތް ހިތުގެ އަޑިން ބަލައިގަންނަ އެތައް ބަޔަކު މުޖްތަމައުގެ ތެރޭގައި އެބަތިބި ކަމަށެވެ.

”ގާސިމް ނިކުންނަވާ ކުރެއްވި މަސައްކަތުގެ ނަތީޖާއަކަށް ވެގެން ދިޔައީ ވަރަށް މަދު ވޯޓުކޮޅެއްގެ ތަފާތަކުން އެމަނިކުފަނަށް ދެވަނަ ބުރުގެ ފުރުސަތު ގެއްލިގެން ދިޔައީ.. ދެވަނަ ބުރުގެ ފުރުސަތު ގެއްލުނު ނަމަވެސް އެމަނިކުފާނު ބުރަވާކޮޅަކީ އެއީ ރާއްޖޭގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކޮޅުކަން އެވެރިންނަ އިނގޭ..“ އަލީ ސޯލިހު

މީގެ އިތުރުން އަލީ ސޯލިހު ވިދާޅުވީ ގާސިމް ސިޔާސީ ގޮތުން ކުރިޔަށް ދިއުމަށް ކޮންމެ މީހަކަށް ވެސް އެ މަގު ކޮށައިދޭ ކަމަށެވެ. އެގުން އިންތިހާބުތައް ކާމިޔާބު ވެ، ޖޭޕީއަށް އެ ލިބިގެން ދާ ފުރުސަތުތަކުގައި ހިންގުމުގެ ދާއިރާއަށް ޕާޓީގެ ސްލޮޓުގައި ދަނީ ތަޖުރިބާ ހުރި އިލްމީ ގާބިލު ބައެއް ކަމަށެވެ. އަދި އޭގެ ނަތީޖާއަކީ މިއަދު ވެސް އެންމެ ފާހަގަކުރެވޭ، ބޭފުޅުންގެ ތެރޭގައި ޖޭޕީގެ ސްލުޓުގައި މަގާމުތައް ފުރުއްވަމުން ދާ ބޭފުޅުން ހިމެނޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިޔާސީ މައިދާނުގައި ކޮންމެ މީހަކަށް ވެސް ކުރިޔަށް ދިއުމަށް ޖޭޕީގެ ތެރެއިން ފުރުސަތު އޮންނާނެކަމަށް ތަކުރާރުކޮށް އަލީ ސޯލިހު ވިދާޅުވުމުން، ޕާޓީގެ ލީޑަރެއްގެ ގޮތުގައި އެހާ ގިނަ ދުވަސް ހުންނަވަން ވީ ސަބަބާއި އަދި އެ ޖާގަ އެހެން ބޭފުޅަކަށް ދޭން ޖެހޭ ނޫންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެކަން ނިންމާނީ ޕާޓީގެ ކޮންގްރެސްއަކުން ކަމަށެވެ. އެހެން ކަމުން ގާސިމް އަމިއްލަފުޅަށް ދުރަށް ޖެހިވަޑައިގެން ލީޑަރުގެ މަގާމު އެހެން ބޭފުޅަކަށް ދޭން ބުނުމުން އަލީ ސޯލިހު ވިދާޅުވީ އޭނާ ގަބޫލު ކުރާ ގޮތުން ގާސިމް ސިޔާސީ މައިދާން ދޫކޮށްކަން ޖެހޭ ވަގުތު ނާންނަ ކަމަށެވެ.

އަލީ ސޯލިހު ވިދާޅުވީ މަލްޓިޕާޓީ ސިސްޓަމްގެ ދަށުން ބާއްވާ ކޮންމެ އިންތިހާބެއްގެ ވެސް ދެވަނަ ބުރާއި ހަމައިން އެންމެން ގާސިމްގެ އަރިހަށް ވަޑައިގަތުމަށް އަވަސް ވެގަންނަނީ އެ ސަބަބާއި ހުރެ ކަމަށެވެ. އަދި ގާސިމްގެ އަރިހުން ޕާޓީން ނިކުންނަ ބަޔަކީ ވެސް އެއީ ހަމަ ކުރިއަރަމުން އަންނަ ސިޔާސީ ބައެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.

”އެންމެ ފުރަތަމަ މާފަންނުވިލާ ދޮށުގައި ބަނޑިޔާ ޖައްސަވަން އުޅުއްވި މުހައްމަދު ނަޝީދު…. ދެން ފެނިގެން ދިޔައީ ރައީސް ޔާމީނު.. ހަމަ ހުރާގައި ބެރު ޖަހާފައި ނަށާފަ އެތާގައި ގާސިމްގެ އަތުގައި ހިފައިގެން ނޫންގޮތަކަށް ނުވެގެން އުޅުނުތަން.. މާފަންނު ކުނޫޒާއި އެތަންތަނުން އެތާރީހު އެބަ ދައްކާ..“ އަލީ ސޯލިހު

އަލީ ސޯލިހު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާއިން އެތައް ޒުވާނުންނަކަށް ގާސިމް ފުރުސަތު ހޯއްދަވައިދެއްވި ކަމަށެވެ. އަދި އެއީ ދިވެހިން ބިނާ ކުރުމަށް ވެސް އެތައް މަސައްކަތެއް ވެސް ކުރެއްވި ކަމަށެވެ.

ވަކި މީހެއްގެ ވަށައި ޕާޓީތައް އެނބުރުން އެއީ ހުއްޓުންޖެހޭ ސިޔާސަތެއްގެ ގޮތުގައި ފާހަގަކުރުމުން އަލީ ސޯލިހު ވިދާޅުވީ، ބައެއް ހާލަތްތަކުގައި އެކަން އޭނާ ގަބޫލެއް ނުކުރާ ކަމަށެވެ. އެހެން ކަމުން، އެފަދަ ގޮތަކަށް މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްގެ ވަށައި ބަޔަކު ދިއުމަކީ މައްސަލައެއް ނޫންކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: