ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރަނީ ޖިންސީ ގޯނާގެ ތުހުމަތު، އަދި ވެސް ވަޒީފާގައި!

ޖިންސީ އަނިޔާއާއި ދެކޮޅަށް ހިންގުނު މުޒާހަރާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މައިން ބަފައިން އެމީހުންގެ ލޮލުގެ ކޮއެ ފަދަ ދަރިން ބަލައި ބޮޑުކުރަނީ، އެކުދިންގެ ހިމާޔަތަށްޓަކައި އެތަކެއް ގުރުބާނީއެއް ވެގެންނެވެ. ކުޑަ ދަރިފުޅު ހީލުމުން އެމީހުންގެ ހިތް އުފަލުން ފުރިގެންދެއެވެ. އެދަރިފުޅަށް އަނިޔާވުމުން އެމީހުންގެ ހިތް ފުނޑުފުނޑުވެއެވެ. އެކުދިންގެ މުސްތަގުބަލާއި ދޭތެރޭގައި ފޮނި ހުވަފެންތަކެއް ދެކެއެވެ. އެމީހުންނަށް ވެގެންވާނަމަ ދުވަހަކުވެސް އެދަރިފުޅުގެ ހަންގަޑު މަށައިގެންދިޔަވެސް ނުދިނީހެވެ. އެފަދަ ބަޔަކަށް ރަހުމުކުޑަކޮށް އެމީހުންގެ ލޮލުގެ ނޫރު ފަދައިން ވާ މައުޞޫމު ދަރިންގެ އިތްފަތްތެރިކަން ފޭރިގަތް ވާހަކަ އަޑުއިވުމުން ވާނެ ގޮތް ތަޞައްވަރު ކުރެވޭނެހެއްޔެވެ؟

ކިޔަވަންދާ މަދަރުސާއާއި، މަދަރުސާގައި ކިޔަވައިދޭ މުދައްރިސުންނަކީ ކުޑަކުއްޖެއްގެ ހަޔާތުގައި އެކުދިން ބޮޑުވެ، ފޯދެމުން އަންނައިރު، އެމައުޞޫމްކަމަށް ހިޔާވަހިކަމާއި ރައްކާތެރިކަން ޔަގީންކޮށްދޭނެ ތަނަކާއި ބައެއްކަން އެންމެންވެސް ގަބޫލުކުރާނެއެވެ. ޓީޗަރުންނަކީ ދަރިވަރުންގެ ދެވަނަ މައިން ބަފައިންނޭ ކިޔާއަޑުވެސް އަހައި އުޅެމެވެ. އެހެންނަމަވެސް މިއީ ދަރިއެއް ދެކެ ލޯބިވާ މައިންނާއި ބަފައިން ކުރާނެ ކަންކަން ބާވައޭ ހިތަށް އަރައެވެ. އެތަކެއް ގުރުބާނީތަކެއް ވެގެން ބޮޑުކުރާ ދަރިފުޅަށް މީހެއްގެ ފަރާތުން ޖިންސީ ގޯނާއެއް ނުވަތަ އެއްވެސް ބާވަތެއްގެ އަނިޔާއެއް ލިބޭތަން ލޮލުން ދުށުމަކީ މައި ލަނގޮޑިއަކަށް ކެތް ވާނެ ކަމެއް ނޫނެވެ.

މިފަދައިން އުތުރުގެ ރަށަކަށް ނިސްބަތްވާ މަންމައަކާއި ބައްޕައަކު ދަނީ ނުހަނު ލޯބިން ބޮޑުކުރި އަންހެން ދަރިފުޅަށް ޓީޗަރެއްގެ ކިބައިން ލިބުނު ޖިންސީ އަނިޔާގެ ސަބަބުން ހިތްދަތި ދުވަސްތަކެއް ގުނަމުންނެވެ. ތަހައްމަލް ކުރަން ޖެހުނީ ވޭން އޭގެ އެންމެ އިންތިހާއަށްށެވެ. އަނިޔާ ލިބުނު އާއިލާއިން ”ސަންގު“ އާއި މިކަން ހިއްސާކުރީ ފުން އަސަރާއި އެކުގައެވެ. 

އުމުރުން އެންމެ 14 އަހަރުގައި ލިބުނީ ހަނދާނުން ފިލުވަން ދަތި އުނދަގޫ އަނިޔާތަކެކެވެ. އެހީއަށް އެދި ގޮވިނަމަވެސް އެހީތެރިވެދިން އެންމެ އަތެއްވެސް ނެތެވެ. ވެއްޔާއި މޮޑެވުނީ އަމިއްލަ ހިތްހަމަޖެހުމާއި އަމާންކަމެވެ. ރޭގަނޑުގެ އަރާމު ނިންޖާއި އަލްވަދާއުކިޔައި، ބިރުވެރި ހުވަފެންތަކަކަށް މަރުހަބާ ކިޔަންޖެހުނެވެ. އެހެންނަމަވެސް މިކަން ދަންނާނީވެސް ވަކި ކާކުބާވައެވެ.

ޓީޗަރު ބުނެގެން ކްލާސް ކުދިންނާއިއެކު ބޭއްވި މީޓިން ނިންމައި މަޑުކޮށްލުމަށް ބުނުމުން ޓީޗަރުގެ ބަސްއަހައި މަޑުކުރިއެވެ. އަދި ހުރިހައި ކުދިން ގެއަށް ދިއުމުން ސައިކަލަށް އެރުމަށް ބުނެ ގެއަށް ލާދޭނަމޭ ވެސް ބުންޏެވެ. އެއަށްފަހު ގެންދިޔައީ ބޯޅަ ދަނޑުގެ ކައިރީގައި ހުރި ކުއްޔަށް ދޭ ގެސްޓް ހައުސް އަކަށްށެވެ. ޓީޗަރުގެ އިތުރުންވެސް ބަޔަކު ތިއްބެވެ. މިއީ ކުއްޖާގެ ހެކިބަހެވެ.

ދޭންވާ ހުރިހައި އިދާރާއަކަށް ކުއްޖާގެ ހެކިބަސް ދިނެވެ. އެހެންނަމަވެސް އެކުޑަކުއްޖާ އަށް އިންސާފު ލިބުމަށް އެދި ގިސްލައި ކުރި އާދޭހުގެ އަޑު ހަމަ އެކަކުވެސް އަހައި ނުލީއެވެ. އަނިޔާލިބުނު ފަރާތުގެ ބަހަށް ވުރެއް ބޮޑު ހެއްކެއް ވަކި އޮންނާނެ ބާއޭ ހިތަށް އަރައެވެ. އެހެންނަމަވެސް މިމައްސަލައާއި ގުޅިގެން ފުލުހުން ބުނީ، މައްސަލާގައި ވަކި މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ހެއްކެއް ނުލިބޭކަމަށްށެވެ.

ތުހުމަތު ކުރެވުނު ޓީޗަރަށް ހުރިހައި ކަމެއްވެސް ހެކިދެއެވެ. ސްކޫލްގެ ބައެއް ދަރިވަރުން ސިފަކުރާގޮތުންނަމަ މިއީ ހައިރާންވެސް ވާވަރު ކަމެއް ނޫނެވެ. އަދި އެފަދަ ނަޒަރުން ބެލުމާއި، ދަރިވަރުންގެ ގައިގައި އަތްލުމާއި، ހަޑި ހުތުރު އިބާރާތުގެ އެއްޗިސް ދަރިވަރުންނާއި ދިމާލަށް ކިޔައި އެކުދިންނަށް ވައްބަހުން ޖެހުމަކީ ”ސޯގެ“ މިޒާޖެވެ.

މުޅި ރަށުގެ އެންމެންކަހަލަ ގޮތަކަށް އަނިޔާލިބުނު ކުއްޖާއާއި އެއްކޮޅަށް އަޑު އުފުލިއެވެ. މުޒާހަރާކޮށް އިންސާފު ހޯދައިދިނުމަށް އެދި އާދޭސްކުރިއެވެ. އެކަމުގެ ނަތީޖާ ނިކުތީ އަދި މާ މޮޅުގޮތަކަށްށެވެ. ތުހުމަތު ކުރެވޭ ޓީޗަރު 3 މަސްދުވަސްވަރު ސަސްޕެންޑް ކުރުމަށްފަހު އަނެއްކާވެސް ސްކޫލަށް ދިއުމަށް އެންގިއެވެ. މިކަމާއި ގުޅިގެން ބެލެނިވެރިންގެ ކަންބޮޑުވުން ވެސް އިންތިހާއަށް އޮތެވެ. އެހެން ނަމަވެސް ސަރުކާރުގެ މުއައްސަސާތަކުން ހިމާޔަތްކޮށްފައިވާ ބަޔަކާއި ކުޅެވިދާނެހެއްޔެވެ؟

މިކަމާއި ގުޅިގެން ”ސަންގު“ އިން ކުރި ސުވާލަކަށް ޖަވާބުދެމުން ނަން ހާމަ ނުކުރުމަށް ޝަރުރުތުކޮށް އެދި ސްކޫލްގެ އިސްމަގާމެއް އަދާކުރައްވާ ބޭފުޅެއް ވިދާޅުވީ، ތުހުމަތު ކުރެވޭ ޓީޗަރު މިހާރު ސްކޫލަށް އައިސް ދަރިވަރުންނަށް ކިޔަވައިދެމުން ގެންދާކަމަށެވެ. އެހެންނަމަވެސް މިކަމާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅޭނެ ބާރެއް ނެތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އޭނާ ސްކޫލަށް އަންނަން ފެށީ އެޑިއުކޭޝަން މިނިސްޓްރީން އެންގުމުގެ މަތިންކަމަށެވެ.

ނަމަވެސް މިނިސްޓްރީގެ މި ނިންމުމާއިއެކުގައި އުފުލެނީ އާންމުންގެ ކަންބޮޑުވުންތަކެކެވެ. އަނިޔާ ލިބުނު ކުއްޖާގެ ކުރިމަތީގައި ކްލާހުގައި ކިޔަވައިދޭންހުރެ، ވައްބަހުން ޖެހުމަކީ ދަރިވަރަކު ކިޔެވުމަށް އެންމެ އެކަށޭނެ، ނުވަތަ ރައްކާތެރި ތަނެއްތޯ މިނިސްޓްރީން ބެލުމަކީ މިއަދު އިންތިހާއަށް ބޭނުންޖެހިފައިވާ ކަމެކެވެ. މިކަމާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ގޅިނަމަވެސް، ފޯނަށް ޖަވާބު ނުދިނުމާއި ގުޅިގެން ބަހެއް ލިބޭގޮތެއް ނުވެއެވެ.

ޝައްކެއްވެސް ނެތެވެ. ރާއްޖޭގައި ޖިންސީ އަނިޔާ ލިބޭ މީހުންނަށް އޮތީ ބަދުނާމު ކުރުމުގެ ސަގާފަތެވެ. އަދި އަނިޔާދިން މީހުންނަށް ލިބެނީ ހިތްވަރެވެ. މުދައްރިސަކު އެފަދަ ހަޑި މުޑުދާރު އަމަލެއް ކުރުމުން އޭނާ ނުހުއްޓުވުމަކީ ޔަގީނުންވެސް އޭނާގެ އަމަލުތަކަށް ލިބޭ ކުރިއެރުމެކެވެ. މާދަމާވެސް ޝިކާރައަށް ނިކުމެދާނެއެވެ.

މިފަދަ ސަގާފަތެއް އޮންނަ މުޖުތަމައެއްގައި އިންސާފާ ގާތަށް ވެސް ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ މީހާ ދާނެބާއެވެ؟ މީގެ ސަބަބުން ކުށް ރިޕޯޓުކުރުމަށް މީހަކު ބޭނުންވާނެބާއެވެ؟ އޭނާގެ ހިމާޔަތުގައި މުޖުތަމައު ނެތްކަން އޭނާއަށް ސާބިތުވީމާ އޭނާއަށް އެފަދަ މުޖުތަމައަކަށް، ނުވަތަ ނިޒާމަކަށް އިތުބާރެއް ކުރެވޭނެ ބާއެވެ؟ ފެންނަނީ ހައްތާހައިވެސް އިހުމާލެވެ. މިފަދަ ކަންކަމަކީ ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނަށް ވީތީ ނުވަތަ ސިޔާސީ ނުފޫޒުގެ ބޭނުންހިފައި އިންސާފު އޮޅުން ބޮޅުން ލާން ހެޔޮވެސް ވާވަރު ކަންކަމެއް ނޫނެވެ. ހަމައެހެންމެ ދަރިވަރުން ކިޔަވާ މާހައުލް އަމާން ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ޓީޗަރަކު، ތައުލީމީ މައިދާނަށް ނެރުމަކީ އެޑިއުކޭޝަނުން ކުރުން އެންމެ ބުއްދިވެރިކަމެއް ބާއޭވެސް ހިތަށް އަރައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: