މި މަހުގެ ތެރޭގައި ފުލުހުން ޚިދުމަތްދެމުންދާ ނިޒާމަށް މުހިއްމު ބަދަލުތަކެއް ގެނެސް، މިހާރު ގާއިމުކުރެވިފައިވާ ހަތް ޑިވިޝަންގެ ބަދަލުގައި ފަސް ރީޖަން ކަނޑައެޅި، އެ ރީޖަންތަކަށް ކޮމާންޑަރުން ލެވިގެންދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ރަނގަޅު ޞުލްހަވެރި މުޖުތަމައަކީ މިހުންނަށް އަދަބުދޭން ޖެހޭ މުޖުތަމައެއް ނޫންކަމަށާއި ޖަލުތަކުގެ ފަހަތަށް ނުވަތަ ތޭރިތަކުގެ ފަހަތަށް އެ މުޖުތަމައުގެ ބޮޑު އަދަދެއް ލައިގެން އެކަމަށްޓަކައި ބޮޑެތި ހޭދަތަކެއްކޮށް، އެކަމަށްޓަކައި މައިންބަފައިންނާއި ތިމާގެ މީހުން ކަރުނައަޅަން ނުޖެހި އަޅުނޑުމެންގެ މުޖުތަމައު ސަލާމަތްކުރެވޭނީ އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ.
އޭގެ އިތުރުން، މި މަހުގެ ތެރޭގައި މިހާރު މި ޚިދުމަތްދެމުންދާ ނިޒާމަށް މުހިއްމު ބަދަލުތަކެއް ގެނެސް، މިހާރު ގާއިމުކުރެވިފައިވާ 7 ޑިވިޜަންގެ ބަދަލުގައި 5 ރީޖަން ކަނޑައެޅި، އެ ރީޖަންތަކަށް ކޮމާންޑަރުން ލެވި، އެ ކޮމާންޑަރުންނަކީ އިތުރު ބާރާއި، ވަޞީލަތްތަކާއި، ޚިދުމަތް ދިނުމަށް ފަހިކުރެވިފައިވާ އިސްބޭފުޅުންކަމުގައި ހަމަޖެހިގެންދާނެކަމަށް އިމްރާން ވިދާޅުވިއެވެ.
މިކަމުގެ ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުންނާ ގާތުން ފުލުހުން ޚިދުމަތް ދިނުމުގައި ފަސޭހަކަމާއި، އަވަސްކަމާއެކުގައި ނިންމަންޖެހޭ މުހިއްމު ނިންމުންތައް ނިންމައި ކުރިއަށް ގެންދަންޖެހޭ މުހިއްމު މަސައްކަތްތަކުގައި އެބޭފުޅުން ވަރަށް ހުނަރުވެރިކަމާއި، ގާބިލުކަމާއެކުގައި ކުރިއަށްދިއުމުގެ މަގު ތަނަވަސްވެގެންދާނެ ކަމުގައި މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މާފަރު ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވުމަށްފަހު އެ ސްޓޭޝަންގައި ގައުމީ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އިމްރާން ޢަބްދުﷲ އެވެ. ދިވެހި ފުލުހުންގެ ހިދުމަތުގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

