މި ސަރުކާރު ވެރިކަމަށް އައިފަހުން ދިގުރަށު ހެލްތް ސެންޓަރަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާކަމަށް ދިގުރަށު ކައުންސިލުން ފާހަގަކޮށް އެކަމަށް ޝުކުރުއަދާ ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލަރުންނާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކައުންސިލުންވަނީ ދިގުރަށުގެ ތަރައްގީއަށް ބޭނުންވާ ކަންތައްތަކާއި، ދިގުރަށު ރައްޔިތުންނަށް ދިމާވާ ދަތިތައް ވަރަށް ތަފްސީލުކޮށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާކުރައްވާފައެވެ.
އެގޮތުން، ޓުއަރިޒަމް ރަށުގައި ވަރަށް ބޮޑަށް ފުޅާވަމުންދާތީ ހެލްތު އެންޑް ސޭފްޓީއަށްޓަކައި ތަމްރީނު ވެފައިތިބޭ މީހުން ބޭނުންވާކަމަށާއި، ހެލްތު ސެންޓަރަށްވެސް އެކަމަށް ޙާއްޞަ އިތުރު ފެސިލިޓީސް ބޭނުންވާކަމުގައި ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ކައުންސިލުން ވަނީ ބަނދަރުގެ ޖާގައިގެ ދަތިކަން ފާހަގަކުރައްވާ ރަށުގެ ސްކޫލަށް ބޭނުންވާ ބައެއް ޚިދުމަތްތަކާއި ފެސިލިޓީތައް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ވަރަށް ތަފްސީލުކޮށް އެމަނިކުފާނާއި ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ރަށުގައި އޭ ލެވެލްއަށް ކިޔެވޭނެ ގޮތް ހެދުމަށް ބޭނުންވާކަމަށާއި، ޔޫތު ސެންޓަރެއް ހެދުމަށް ބޭނުންވާކަމުގައިވެސް ކައުންސިލުން ވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މި ސަރުކާރުން އެއްވެސް ރަށެއް ބަކީ ނުކޮށް ތަރައްޤީގެ މަޝްރޫޢު ހިންގުމުގައި ރަށުގެ ކައުންސިލްރަކާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ހަމަ އެގޮތަށް އެރަކަށް ވެފައިވާ ވަޢުދެއް ފުއްދުމަށް ސަރުކާރުން އަހަންމިއްޔަތުކަން ދެއްވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
ކައުންސިލުން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަމަށް އަލިއަޅުއްވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންތައްތައް އެކަމާ ގުޅޭ މިނިސްޓްރީތަކާއި ވާހަކަދައްކަވައިގެން ވީ އެންމެ އަވަހަކަށް ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި އެމަނިކުފާނު ވަނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިފައިވާ ބާރުގެތެރެއިން ކައުންސިލްގެ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ބާރުއަޅުއްވާފައެވެ. ހަމަ އެއާއެކު، ކައުންސިލުން އިސްނަގައިގެން ސްކޫލުކުދިންގެ ހުނަރު އިތުރުކުރުމަށް މަސައްކަތްކުރުމަށާއި ފަތަން ދަސްކޮށްދިނުމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވުމަށް އެމަނިކުފާނު ބާރުއެޅުއްވެވިއެވެ. އަދި ކުޑަކުދިންގެ ސަލާމަތާއި، ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ބާރުއަޅުއްވައި، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ކޮންމެ ކުއްޖަކަށްވެސް އުފާވެރިކަމާއެކު އުޅެވޭނެފަދަ މާހައުލެއް ގާއިމުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
މީގެ އިތުރުން ދިގުރަށުގައި ޓުއަރިޒަމްގެ ދާއިރާ ފުޅާވަމުންދާއިރު އެޗްޕީއޭގެ ގަވާއިދުތަކަށް ބަލައި ގަވާއިދުގެ ތެރެއިން ކަންކަން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެދިވަޑައިގެންފައެވެ.

