ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލާފައިވާ ގޮތް މި ދައުރުގައި ބަދަލުކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.
ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ މަސައްކަތް ފެށުން ލަސްވެފައިވާ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ އެކަން ހަމަޖެހިގެންދާނީ ސީދާ ކޮން ތާރީޚެއްގައި ދަންނަވަން ދަތި ކަމަށާއި ނަމަވެސް ދައުރު ނިމުމުގެ ކުރިން އެ އެކުލެވުން ބަދަލު ކުރާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.
”ރައީސުލްޖުމްހޫރިއްޔާ އެބަވޭ ބައެއް ލީގަލް އެކްސްޕާޓުންގެ އޮޕީނިއަން އަށް އައްސަވާފައި މިފަދަ ކޮމްޕޮޒިޝަނެއް ގެނައުމުގައި އެ ބޭފުޅުންގެ ހިޔާލު ހޯދުމަށް،“ މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް ބޭނުންވާނަމަ ޖޭއެސްސީ އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

