ކުރީގެ ރައީސް އަބްދުﷲ ޔާމީން އަކީ ރާއްޖޭގެ ދެވަނަ ބޮޑުތަކުރުފާނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
އިދިކޮޅުން އިއްޔެ ބޭއްވި އެއްވުން ކުރިއަށްދިޔައިރު ރައީސް ޔާމީން ވަނީ ދިރިއުޅުއްވާ ގޭގެ ކުޑަދޮރަކުން ބޭރު ބައްލަވާ، ސަޕޯޓަރުންނަށް އަތްޕުޅުން ހަނައަޅުއްވާ ހިތްވަރު ދެއްވާފަ އެވެ. ފަހުން އެމަނިކުފާނު ހުންނެވީ ޕީޕީއެމްގެ ރަސްމީ ދިދަ އަކާއި ދިވެހި ގައުމީ ދިދައެއްވެސް ހިއްޕަވައިގެންނެވެ.
މިކަމާ ގުޅިގެން ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީން އިއްޔެ ދެެއްކެވީ ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ގުރުބާން ވާން ތައްޔާރަށް ހުންނެވި ކަމުގެ ރީތި މިސާލެއް ކަމަށެވެ.
”ރައީސް ޔާމީނަކީ ރާއްޖޭގެ ދެވަނަ ބޮޑުތަކުރުފާނު“ ސަލީމް ވިދާޅުވިއެވެ.
ރައީސް ޔާމީން އިދިކޮޅުން މާލޭގައި ބޭއްވި އެއްވުމުގައި ބައިވެރިވެވަޑައިގަތް މައްސަލަ ބަލާނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން ވަނީ ބުނެފައެވެ.
އެކަމާއި ގުޅުގެން ކޮމިޝަނަރު އޮފް ކަރެކްޝަން އަހުމަދު މުހައްމަދުފުޅު މިރޭ ވިދާޅުވީ، ރައީސް ޔާމީން މިއަދު އަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިގުރާރާ ހިލާފަށް ކަމަށެވެ.
”އެހެންކަމުން މި މައްސަލަ ބަލާ، ފިޔަވަޅު އަޅާނަން،“ އަހުމަދު މުހައްމަދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

