ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޔަވަތީ ކުދިންގެ އުޅުމަށް ބަދަލު އައީ ސްކޫލަށް ދާން ފެށި ފަހުން: ޝިހާބް

ޖެންޑާރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝިހާބް/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުން ބަލަހައްޓަމުން ދާ ކުދިންގެ ތެރެއިން ފިޔަވަތީގައި އުޅޭ ކުދިންގެ އަހުލާގާއި އުޅުމަށް ބަދަލުތައް އަންނަން ފެށީ ސްކޫލުތައް ހުޅުވުނު ފަހުންކަމަށް ޖެންޑާރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އާއިލާގެ ލޯތްބާއި އަޅާލުމުން މަހުރޫމްވެ، އެކަށީގެންވާ ގޮތެއްގައި އެ ކުދިން ނުބެލެހެއްޓުމުގެ ސަބަބުން އަހަރަކު އެތައް ކުދިންނެއް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެ އެވެ. މި ހުރިހާ ކުދިންނަކީ ވެސް ތަފާތު އެކި މާހައުލުތަކުންނާއި، ތަފާތު އެކި ހާލާތްތަކުގެ ތެރެއިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވޭ ކުދިންނެވެ. އަދި ބައެއް ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގަނީ ކުށުގެ ވެށީގެ ތެރެއިން ނަމަވެސް، އެ ކުދިންނަށް ބޭނުންވާ ރިހިބިލިޓޭޝަންގެ އެއްވެސް ޕްރޮގްރާމެއް ނުހިންގެ އެވެ.

ހުޅުމާލޭގައި ހުންނަ ފިޔަވަތި އަކީ އުމުރުން 13 އަހަރުން ދަށުގެ ކުދިން ބައިތިބާ ތަނެއް ނަމަވެސް މިހާރު އެތަނުގައި އެކި އުމުރުފުރާތަކުގެ ކުދިން އެބަތިއްބެވެ. އޭގެ ސަބަބުން އެއް ކުއްޖެއް އަނެއް ކުއްޖެއްގެ ފަރާތުން އަންނަ ނޭދެވޭ އަސަރުތައް ވެސް ގިނަ އެވެ. ފިޔަވަތީގައި މި ނިމުނު ހަފްތާގެ ތެރޭގައި އެތަނުގެ ކުދިންތައް ފުރާޅު މައްޗަށް އެރުމާއި، ފިލަން މަސައްކަތް ކުރުން، އަދި ކުދިންތަކުގެ ދެމެދު މާރާމާރީގެ މައްސަލަތައް ފެންމަތިވެފައި އެބަހުއްޓެވެ. މިއީ އަބަދުމެ ހިނގާ ކަމެއް ނަމަވެސް އިއްޔެ ހަވީރުފަހުން ތަނުގެ ކޮންޓްރޯލް ނެއްޓި، ފުރާޅު މައްޗަށް އަރައި މަގުމައްޗަށް ތަކެތި އުކަމުން ގެންދިޔަ އެވެ.

އެއަށް ފަހު، ބެޑްޝީޓެއް ނަގައި އޭގައި ރޯކޮށްލި އެވެ. ރޭގަނޑުގެ 11:30 ވީއިރު ވެސް ތަން ކޮންޓްރޯލް ކުރެވިފައި ނުވެ އެވެ. ފުލުހުން ވެސް ކުދިން އެތަނުން ނެރެން މަސައްކަތް ކުރި އެވެ. އެކަމަކު ހެދިފައި ހުރި ބައެއް އުސޫލުތަކުގެ ސަބަބުން ބާރުގެ ބޭނުން ނުކުރެވޭނެކަމަށް ފިޔަވަތިން އެންގި އެވެ.

މައްސަލަ ގޯސްވެ، މީޑިއާތަކުން ވެސް ފިޔަވަތި ސަރަހައްދަށް ޖަމާވި އެވެ. އަދި ޖެންޑާރ މިނިސްޓްރީގެ ވަޓްސްއަޕް މީޑިއާ ގްރޫޕުގައި މިނިސްޓަރު ކޮބައިތޯ ތަކުރާރުކޮށް ސުވާލު ކުރުމުން، ތަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދާދި ފަހުން އެ މިނިސްޓްރީގެ ސްޓޭޓެއްގެ ގޮތުގައި އައްޔަން ކުރި ޝިހާބަށް ގުޅާށެވެ. އެހެންވެ، ނޫސްވެރިންތައް އެއްވެ ޝިހާބަަށް ގުޅައި އޭނާއާއި ސުވާލު ކުރުމުން އެންމެ ފުރަތަމަ ވެސް ވިދާޅުވީ ”އެ މީހުންނަށް ނޭނގި ފިޔަވަތީގައި އެއްވެސް ކަމެއް ނުހިނގާނެ“ ކަމަށެވެ.

މިނިސްޓްރީން މިވަގުތު އަޅަމުންދާ ފިޔަވަޅަކީ ކޮބައިތޯ އާއި، ތަނުގައި އުމުރުފުރާތައް އެއްވެފައި ތިބެންޖެހޭ ސަބަބަކީ ކޮބައިތޯ ސުވާލު ކުރުމުން ޝިހާބް ވިދާޅުވީ މީޑިއާތަކުން ވެސް މައްސަލައިގެ އަސްލު އޮޅުވާ ނުލުމަށެވެ. އަދި މިނިސްޓްރީގެ އިސް ބޭފުޅުން އެކަމަށް އެޓެންޑު ކުރަމުން ދާ ކަމަށް ވިދާޅުވި އެވެ.

ފިޔަވަތީގެ ހާލަތަކީ ކޮބައިތޯ އާއި، މިއީ ކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫންކަމަށް ބުނުމުން ޝިހާބް ވިދާޅުވީ، އެފަދަ އެއްވެސް މައުލޫމާތެއް އޭނާއަށް ލިބިފައި ނުވާ ކަމަށެވެ. ކުދިންގެ އުޅުމަށް ބަދަލު އަންނަ ސަބަބަށް ޝިހާބް ވިދާޅުވީ، އެ ކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާ ދެމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ކުދިންގެ އަހުލާގަށް މިހާ ބޮޑެތި ބަދަލުތަކެއް އައީ ސްކޫލަށް ދާން ފެށުނު ފަހުން ކަމަށެވެ.

މިއީ ސްކޫލަށް ދިއުމުން ވާނެ ކަމެއް ނޫންކަމާއި ތަނުގެ ހާލަތު މިނިސްޓްރީއަށް ނުބެލެހެއްޓި ކޮންޓްރޯލުން ނެއްޓިގެން ދިޔައީ ނޫންތޯ ސުވާލު ކުރުމުން ޝިހާބް ވިދާޅުވީ، މިނިސްޓްރީގެ ބޭފުޅުން މިހާރު ވެސް އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ކުދިންނަށް ބޮޑު އަޅާކުމެއް ބޭނުންވާކަން ފާހަގަކޮށް، ޝިހާބް ވިދާޅުވީ މިނިސްޓްރީން މިހާރު ފަށާފައިވާ ޕްރޮގުރާމްގެ ދަށުން އެކުދިން ރައްކާތެރި މާހައުލަކަށް ބަދަލު ކުރެވޭނެ ކަމަށެވެ.

ފިޔަވަތި އާއި ކުޑަ ކުދިންގެ ހިޔާގައި އަބަދުވެސް މިފަދަ މައްސަލަތައް ފެނެ އެވެ. އެހެން ނަމަވެސް ހައްލު ނުވުމުގެ ނަތީޖާއަކީ ތަނުގެ ހާލަތު ވަރަށް ބޮޑުތަނުން ގޯސްވެ ކޮންޓްރޯލުން ނެއްޓިގެން ދިއުމެވެ. މި ކުދިންނަށް ރަނގަޅަށް އަޅާ ނުލެވުމާއި، ކުދިންނަށް ދޭން ޖެހޭ ރައްކާތެރިކަން މުވައްޒަފުންގެ ފަރާތުން ނުލިބެ އެވެ. އަދި އެކުދިންނަށް އެކި ގޮތް ގޮތުން ޖިސްމާނީ، ނަފްސާނީ، އަދި ޖިންސީ ގޯނާ އާއި ކުރިމަތިލާން ޖެހޭއިރު، ދާފި ފަހުން ވެސް ތަނުގެ މުވައްޒަފުން ކުދިންނަށް އަނިޔާކުރާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

ފިޔަވަތީގައި ހިނގައިގެން އުޅޭ ހަމަނުޖެހުން ގޯސްވެގެން ދިޔައިރު ވެސް ޖެންޑާރ މިނިސްޓްރީގެ އެއްވެސް އިސް ބޭފުޅެއް އެ ސަރަހަައްދަށް ވަޑައި ނުގަންނަވަ އެވެ. އެތަނުގައި ހުންނެވީ މިނިސްޓްރީގެ ޑިރެކްޓަރުން ފެންވަރުގެ ބޭފުޅެކެވެ.

މީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން ވެސް އެތަނުގައި ތިއްބެވެ. އެބޭފުޅުން ވެސް މީޑިއާތަކުގެ ސުވާލުތަކަށް އެކަށީގެންވާ ޖަވާބެއް ނުދެވުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 10%ވަރަށް ދެރަ 70%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: