ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭއި ހައެއްގެ ހަމަލާއަށް، އަލިމަނިކު: ކުރީގެ ހުކުމަށް މައާފު ދިނީ މި ދައުލަތުން!

އަލިމަނިކު އަކީ ހިމަންދޫ ހަމަނުޖެހުމުގެ މައްސަލައިގައި 10 އަހަރުގެ ހުކުމެއް ތަންފީީޒު ކުރި މީހެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަމަލާއެއްގައި ބައިވެރިވީކަމާއި މުޖްތަމައުއަށް ހުރި ނުރައްކަލެއްގެ ގޮތުގައި ތުހުމަތު ކުރާނަމަ، ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް މި ސަރުކާރުން އޭނާއަށް މައާފު ދިނީ ކީއްވެގެން ތޯ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލި މައްސަލައިގައި ދައުވާތަކެއް އުފުލާފައިވާ އަބްދުﷲ އަލިމަނިކު ބުނެފި އެވެ.

އައިއީޑީއެއް ގޮއްވާލައި ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގައި ފުލުހުން ޖުމްލަ 10 މީހަކު ހައްޔަރު ކުރި އެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންގެ ޝަރީއަތް ކޯޓުގައި ވަނީ ފަށާފަ އެވެ.

މިއަދުގެ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި އަލިމަނިކު މަސައްކަތް ކުރީ، އޭނާގެ ބަލިހާލަތަށް ކަރެކްޝަންސްއިން އެއްވެސް ސަމާލުކަމެއް ނުދެކަމަށް ބުނެ އެކަމުގެ ޝަކުވާތައް ހުށަހެޅުމަށެވެ. އޭނާ ބުނީ ހަމަލާގައި ބައިވެރިވިކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް ބަންދުގައި ހުންނަތާ، ފަސް މަސް ވެފައިވާއިރު މިއީ އާއިލާއަށް ދެވޭ އަނިޔާއެއް ކަމަށެވެ. އަނބިދަރިންނަށް ހަރަދުކޮށް، އެ މީހުން ބަލަން ޖެހޭއިރު އާއިލާއާއި ވަކިން އުޅުމަކީ ފަސޭހަކަމެއް ނޫންކަމަށް ބުނެ އޭނާ ވާހަކަ ދެއްކި އެވެ.

ގިނައިރު އިށީނދެ ހުންނަން ޖެހުމުގެ ސަބަބުން އެކަމުގެ ޝަކުވާކޮށް އަލިމަނިކު ބުނީ އޭނާއަކީ މައިބަދައިގެ މައްސަލަ ހުންނަ މީހެއް ކަމަށެވެ. އަދި ވަކި މުއްދަތެއް ފަހުން ޑޮކްޓަރަށް ދައްކަން ބުނި ނަމަވެސް، އެގޮތަށް އަމަލު ނުކުރާކަމަށް ބުންޏެވެ. ފަރުވާގެ ޝަކުވާތަކެއް ކުރަން ފެށުމުން އެކަމުގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ، އޭނާ ޑޮކްޓަރަށް ދައްކައި އެކަށީގެންވާ ފަރުވާ ދޭ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި އަލިމަނިކު އާއި ތަސްލީމް އެދުނީ އެ މީހުންގެ ބަންދަށް ލުޔެއް ދޭން ނަމަވެސް ޝަރީއަތުން ނިންމެވީ ދެ މީހުންގެ ބަންދަށް ވެސް އިތުރު ފަސް ދުވަސް ޖެހުމަށެވެ. ދައުލަތުން ވެސް ބުނީ، އަލިމަނިކާއި ތަސްލީމް ބަންދުން ދޫކޮށްފިނަމަ މުޖްތަމައުއަށް އޭގެ ގެއްލުންތަކެއް ކުރާނެކަމަށާއި، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ. އެވާހަކައަށް އިންކާރުކޮށް އަލިމަނިކު ބުނެފައި ވަނީ، އޭނާއަކީ ހިތްހަމަނުޖެހިގެން މީހަކަށް އަތް އިސްކޮށް ގައިގައި ޖެހި މީހެއް ވެސް ނޫން ކަމަށެވެ. އަދި އެފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައި ނުވާނެކަމަށް ވެސް އޭނާ ބުންޏެވެ.

އަލިމަނިކަކީ 2007 ގައި އއ. ހިމަންދޫގައި ހިނގައިދިޔަ ހަމަނުޖެހުމަށްފަހު ދައުލަތުން ދައުވާކުރި 18 މީހުންގެ ތެރެއިން އެކަކެވެ. އޭނާގެ މައްޗަށް ކޯޓުން އިއްވީ 10 އަހަރުގެ ހުކުމެކެވެ. އެހެން ނަމަވެސް އޭނާގެ ހުކުމުގެ ދުވަސްތަކެއް ބާކީ އޮއްވައި، މައާފު ދީ މިނިވަން ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. އެކަމަށް އިޝާރާތްކޮށް އަލި މަނިކު ޝަރީއަތުގެ އަޑުއެހުމުގައި ބުނީ، އިއްވި 10 އަހަރުގެ ހުކުމަށް ރައީސް ސޯލިހު އޭނާއަށް މައާފު ދެއްވީ ނުރަކަލެއް ނެތުމުން ކަމަށެވެ. އޭނާ ވަނީ ހަމަލާއެއްގެ އެއްވެސް ޝައްކެއް ކުރެވޭނަމަ ނުވަތަ އެފަދަ އަމަލެއް ހިންގަފާނެކަމުގެ ތުހުމަތެއް އޮތްނަމަ މައާފު ނުދިނީސް ކަމަށެވެ. އެހެންވެ، އޭނާ އެދުނީ ޝަރުތުތަކެއްކޮށް ވިޔަސް ބަންދުން ދޫކޮށް ދިނުމަށެވެ.

މި ވާހަކަތަކަށް އިއުތިރާޒުކޮށް ދައުލަތުން ބުނެފައި ވަނީ، އަލިމަނިކު އަކީ މީގެ ކުރިން ވެސް ޓެރަރިޒަމްގެ ސީރިއަސް ތުހުމަތުތަކެއްގައި ހުކުމެއް ތަންފީޒު ކުރި މީހެއް ކަމަށެވެ. އަދި އޭނާގެ ކުށުގެ ރިކޯޑަށް ބަލާއިރު ވެސް އެއީ ނުރައްކާތެރި މީހެއްކަން ސާފުވާ ކަމަށެވެ.

އަލިމަނިކަކީ ހިމަންދޫގައި ހިނގައިދިޔަ ހަމަނުޖެހުމަށްފަހު ދައުލަތުން ދައުވާކުރި 18 މީހުންގެ ތެރެއިން އެކަކެވެ. އޭނާގެ މައްޗަށް ކޯޓުން އިއްވީ 10 އަހަރުގެ ހުކުމެކެވެ. އަދި ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔައިރު އޭނާ ތިން ފަހަރެއްގެ މަތިން ޖަލުން ފިލާފައި ވެއެވެ. އެގޮތުން އަލިމަނިކު ޕީއާރުއެސްގެ ބެލުމުގެ ދަށުގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒްކުރަމުން ދަނިކޮށް ދެ ފަހަރެއްގެ މަތިން ފިލި އެވެ.

އަދި ގދ. ތިނަދޫގައި ފިލައިގެން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 2009 ވަނަ އަހަރުގެ ތެރޭގައި ގދ. ތިނަދޫ އިން ބޯޓެއްގައި ހައްޔަރުކޮސް މާލެ ގެންނަނަނިކޮށް ވ. ފެލިދޫ އާއި ހިސާބުން ކަނޑަށް ވެސް ފުންމާލާފައި ވެއެވެ. އޭނާ ކަނޑަށް ފުންމާލީ، ނަމާދު ކުރަން ބޭނުންކަމަށް ބުނުމުން، ދިން ފުރުސަތުގައި ނަމާދު ކުރުމަށްފަހު އެވެ. އޭގެ ފަހުން 2010 ވަނަ އަހަރުގެ ތެރޭގައި ޖަލުން ފިލައިގެން އުޅެނިކޮށް، ހައްޔަރުކުރީ ކ. ތިލަފުށީގައި ހުއްޓަ އެވެ.

ޕާކިސްތާނުން ކިޔަވައިގެން ރާއްޖެ އައިސް ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރުމުގައި އަލިމަނިކު އިސްކޮށް ހަރަކާތްތެރިވީކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެ އެވެ. އޭނާގެ އެންމެ ފުރަތަމަ މަސައްކަތްތަކުގެ ތެރޭގައި ހިމަންދޫގައި ހަރުކަށި ފިކުރުގެ ގްރޫޕަކާއި އެކު ފުލުހުންނާއި ކުރިމަތިލުން ހިމެނެ އެވެ.

މިދިޔަ މޭއި މަހުގެ 06 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން އެ ހަމަލާގެ މައްސަލައިގައި އަލިމަނިކުއަށް ސީރިއަސް ތުހުމަތުތަކެއް ކުރެވެ އެވެ. އޭނާ ހައްޔަރު ކުރީ ހަމަލާއެއް ދީފާނެކަމުގެ އިތުރު ތުހުމަތުތަކަކާއި އެކު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: