ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާޒީންގެ ލީކުވި އޯޑިއޯ: ދިމާވަނީ ފާއިޒުގެ އަޑު އެކަނި!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތަށް ނުފޫޒު ފޯރުވާފައިވާކަމަށް ދޭހަވާ މޭރުމަކުން  ފަނޑިޔާރުންތަކެއް ދެއްކެވި ވާހަކަތަކެއް ކަމަށްބުނެ ލީކުވި އޯޑިއޯތަކުން ދިމާވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އަޑު އެކަނިކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ބުނެފިއެެވެ.

ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވިކަމުގެ ކުށުގައި ދަށު ކޯޓުގައި މައްސަލަ ބެއްލެވި ބެންޗުގައި ފަސް ގާޒީން ހިމެނެ އެވެ. އޭގެ ތެރެއިން ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޟީ ހުސައިން ފާއިޒް ރަޝާދު އާއި،ޣަ ގާޟީ މުހައްމަދު ސަމީރު އާއި، ގާޟީ އަލީ އާދަމްގެ އަޑު ހިމެނޭ ވަކި ވަކި ތިން އޯޑިއެއް ވަނީ ލީކުވެފަ އެވެ. އެ އޯޑިއޯތަކުގައި ގާޟީން ވަނީ ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ އެއީ ސިޔާސީ ނުފޫޒެެއްކަން ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފަ އެވެ.

ސިޔާސީ މީހުންގެ މައްސަލަތައް ބެލުމަކީ އެއީ ވަރަށް ފާޑެއްގެ ކަމެއްގެ ގޮތުގައި ސިފަކޮށް އޭގެއިން އެއް އޯޑިއޯއެއްގައި ހިމެނޭ ފާނޑިޔާރު ފާއިޒް ވަނީ ރައީސް ޔާމީނަށް ހުކުމް އިއްވީ ގާޒީން ރަހީނުކޮށްގެންކަމަށް ވިދާޅުވެފަ އެވެ.

އޭގެ ފަހަތުން ގާޟީ ފާއިޒް ވިދާޅުވަނީ ރަހީނު ކުރެވޭނެ ބައިވަރު ގޮތްތައް ހުންނަ ކަމަށެވެ. އެގޮތުން ސީދާ އޭނާ ރަހީނު ނުކުރި ނަމަވެސް އެ މީހެއްގެ އަނބިމީހާ ނުވަތަ ގާތް މީހަކު ރަހީނުކޮށްގެން ވެސް އަމަލެއް ހިންގިދާނެ ކަމަށް އެ ރިކޯޑިންގައި އޭނާ ވިދާޅުވެފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިން ތަކެއް ކަމަށް ބުނެ ދައުރުވި އޯޑިއޯތަކުގެ މައްސަލައިގައި ޖޭއެސްސީން ވަނީ އޯޑިއޯ އެނަލިސިސް ރިޕޯޓެއް ހަދާފަ އެވެ.

ކްރިމިނަލް ކޯޓުގެ ގާޟީ ޢަލީ އާދަމް އާއި ޑްރަގް ކޯޓުގެ ޤާޟީ ސަމީރުގެ އަޑާ އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހާގެ އަޑު ދިމާނުވާކަން ޖޭއެސްސީން ކަށަވަރުކޮށް ދެ އެވެ. އަދި ޤާޟީ ޢަލީ އާދަމް އާއި ޤާޟީ މުހައްމަދު ސަމީރުގެ މައްޗަށް އުފައްދާފައި ވަނީ ދޮގު ތުހުމަތުތަކެއް ކަމަށް ވާތީ އެ ބޭފުޅުންގެ މައްސަލައެއް ނެތްކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ޖޭއެސްސީން ބުނީ ފޮރެންސިކް ތަހުލީލަށް ފޮނުވި ތިން އޯޑިއޯއަކީ ވެސް ޓެމްޕާކޮށް ރެކޯޑިންގައިވާ ވަކި ބައެއް ޑިލީޓްކޮށް ނުވަތަ ވަކި ވަކި ކްލިޕްތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ފޮރެންސިކް އެނާލިސިސްއިން އެނގޭ ކަމަށެވެ.

މައްސަލަ ފުލުހަށް ހުށަހަޅައި، ކުރިޔަށް ގެންދިޔަ ތަހުލީލުތަކުގެ ނަތީޖާ ދައްކާ ގޮތުން ތިން ފަނޑިޔާރުންގެ ތެރެއިން، ގާޟީ ފާއިޒު ރަޝާދާއި އޯޑިއޯ ދިމާވެ އެވެ. ނަމަވެސް ޖޭއެސްސީން ބުނީ ފާއިޒްގެ އޯޑިއޯކަމަށް ބުނާ އޯޑިއޯ ވެސް ޓެމްޕަރ ކޮށްފައިވާ ކަމަށެވެ. އަދި ގާޟީ ފާއިޒް އެއީ އޭނާގެ އަޑުކަމަށް އިންކާރު ކުރި ނަމަވެސް، އަޑު ދިމާވާތީ މައްސަލަ ކޮމިޝަންގެ އިސްނެގުމަށް ތަހުގީގު ކުރުމަށް ނިންމައި ކޮމިޓީއެއް މިހާރުވަނީ އެކުލަވާލަފައިވާ ކަމަށެވެ.

ޤާޟީ ފާއިޒު ރަޝާދުގެ އަޑާ ދިމާވާ އޯޑިއޯގައި ބައެއް އުނި އިތުރުތަކެއް ހުރިއިރު، ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީޢަތާ ގުޅިގެން ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ ބޭނުމަށް އެއްވެސް ފަނޑިޔާރަކާ ބައްދަލުކޮށްފައިވާކަން ނުވަތަ ބައްދަލު ކުރަން އެދިފައިވާކަމަށް ބުނެފައި ނުވާކަމަށް ކޮމިޝަނުންގެ ބަޔާނުގައި ވެއެވެ.

ނަމަވެސް، އެ އޯޑިއޯގައި ކޯޓުގެ ޝަރީޢަތަކާ ގުޅޭގޮތުން ކޯޓުން ބޭރުގައި ގިނަ ވާހަކަތަކެއް ދައްކާފައިވާކަމާއި، އެގޮތަށް ފަނޑިޔާރު އަމަލު ބެހެއްޓެވުމުގެ ސަބަބުން، ބަޔަކަށް އޭގެ ނާޖާއީޒް ފައިދާ ނެގުމުގެ ފުރުސަތު ފަހިވެ، އެހެން ފަނޑިޔާރުންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭގޮތަށް، އޯޑިއޯތަކެއް ހަދައިގެން ދައުރުކުރުމުގެ އަމަލު ހިންގުމަށް މަގު ފަހިވެގެން ދިޔުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ޖޭއެސްސީން ފާހަގަ ކުރި އެވެ.

”ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯތަކެއްކަމަށް ބުނެ، ބަޔަކު ހަދައިގެން ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކޮށް ދައުރުކުރި ޞައްޙަ ނޫން އޯޑިއޯތަކާއި، އެމައްޗަށް ބިނާކޮށް ފަނޑިޔާރުންގެ މައްޗަށް މަތިކުރި ދޮގު ތުހުމަތުތައް މިކޮމިޝަނުން ކުށްވެރިކުރަމެވެ.”ޖޭއެސްސީ

ރައީސް ޔާމިންގެ މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ބުނެ އިދިކޮޅުން އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން ސަރުކާރު މެމްބަރުން ބުނީ އެއީ އިދިކޮޅުން އަމިއްލައިން އުފައްދާފައިވާ އޯޑިއޯތަކެއް ކަމަށެވެ.

މި މައްސަލައިގައި އެންމެ ބޮޑު ތުހުމަތެއް ކުރަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށެވެ. އެކަމަކު އޭނާ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: