ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިރުދެއްކިކަމަށް ބުނާ އޯޑިޔޯއެއް ސައްހަކަން އެނގުނު ހިސާބުން ރައީސް ޔާމީން މިނިވަންވާން ޖެހޭ: ސައީދު

މެމްބަރު ސައީދު ކުރީގެ ރައީސް ޔާމީނާއިއެކު / ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުކުމްކުރީ ބިރުދައްކައިގެންކަމަށް ބުނާ އެއް އޯޑިޔޯއަކީ ސައްހަ އެއްޗެއްކަން އެނގޭއިރު ރައީސް ޔާމީން ބަންުދުގައި ހުންނަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން މެމްބަރު ސައީދު ވަނީ ސަރުކާރުން ޖުޑިޝަރީ ދާއިރާއަށް އަތް ބާނަމުންދާކަމަށް ވިދާޅުވެ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތަށްވެސް، އެހެން މީހެއްގެ ޝަރީއަތަށްވެސް ނުފޫޒު ނުފޯރުވުމަށް ސަރުކާރަށް ގޮވާލައްވާފައިވެއެވެ.

މެމްބަރު ސައީދު ވިދާޅުވީ، ރައީސް ޔާމީނާއި ސިޔާސީގޮތުން އެންމެ ވާދަވެރި ބޭފުޅަކީ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އަދި ރައީސް ނަޝީދު އިންނަވާ ބެންޗެއްގައި ރައީސް ޔާމީންގެ މައްސަލައަކަށް ވާނެގޮތް ވަރަށް ސާފުކަމަށްވެސް ސައީދު ވިދާޅުވިއެވެ. އަދި ބެންޗުގައި ބާކީ ތިއްބެވީވެސް ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގެ ބޭފުޅުންކަމަށް ސައީދު ވިދާޅުވިއެވެ.

އޯޑިޔޯ ލީކުވި މައްސަލަ ފެންމަތިވެ މަޖިލީހުގައި އެންމެ ފުރަތަމަ އެވާހަކަ ދެއްކި ދުވަހުވެސް ޖޭއެސްސީގެ ބައެއް މެމްބަރުން ގާޒީ ހުސެއިން ފާއިޒު ރަޝީދުގެ އަޑު ދިމާވާކަމަށް ވިދާޅުވިކަމަށް ސައީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެހެން ފަނޑިޔާރުންގެ އޯޑިޔޯތަކާއިމެދު އެއްޗެއް ދަންނަވަން ނޭންގޭކަމަށް އޭރުވެސް ވިދާޅުވިކަމަށް ސައީދު ފާހަގަކުރެއްވިއެވެ. އަދި އޯޑިޔޯގެ ވާހަކަ އެންމެ ފުރަތަމަ ދެއްކެވި ދުވަހުވެސް ފާއިޒުގެ އޯޑިޔޯއަކީ ސައްހަ އޯޑިޔޯއެއްކަން ދެނެގަނެވުނީ ކިހިނެއްތޯ ސައީދު ސުވާލު އުފެއްދެވިއެވެ.

”އޭގެ އެތައް ދުވަހެއްފަހުން ޖޭއެސްސީއިން ބަޔާނެއް މިނެރެނީ ފާއިޒްގެ އޯޑިޔޯ ސައްހަކަމަށް. އެހެން އޯޑިޔޯތަކުގައި ވޭރިއަންޓްތަކެއް ހުރިކަމަށް ވިދާޅުވީ.“ ސައީދު

ރައީސް ޔާމީނަށް ހުކުމްކުރެއްވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެއް ފަނޑިޔާރަކު، ރައީސް ޔާމީނަށް ހުކުމްކުރެއްވީ ބިރުދައްކައިގެންކަމަށް ވިދާޅުވެފައިވާކަން ފާހަގަކުރެއްވިއެވެ. ލިޔެފައި ދީފައިވާ ހުކުމެއް ކިޔާލީކަމަށް ފަނޑިޔާރަކު ވިދާޅުވެފައިވުމަކީ އެހާހިސާބުން، ރައީސް ޔާމީންގެ މުޅި ޝަރީއަތް ފެއިލްވެފައިވާކަމެއްކަމަށް ސައީދު ވިދާޅުވިއެވެ. އެހެންކަމުން، ސަރުކާރުން ރައީސް ޔާމީންގެ ޝަރީއަތަށް އަތް ބާނާފައިވާކަން ޔަގީންވާ ކަމަށާއި ރައީސް ޔާމީނަށް ދެމުންދަނީ އަނިޔާކަން މިހާރު މިވަނީ ޔަގީންކުރެވިފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

”އަޅުގަނޑުމެން އާދޭސް މިކުރަނީ އިންސާފު އަތަށް ނޯޅާށޭ. ސަރުކާރުން މީގެ ތެރެއަށް ނުވަންނާށޭ! ރައީސް ޔާމީނަށް ހުކުމްކުރީ ބިރުވެރިކަމެއް ތެރޭ ބަހައްޓައިގެންކަން ފަނޑިޔާރަކު އަމިއްލައަށް އިއުތިރާފްވެފައިވާ އޯޑިޔޯއެއް ސައްހަކަމަށޭ ޖޭއެސްސީއިން އެބުނަނީ. ދެން ކީއްވެތޯ ރައީސް ޔާމީން ޖަލުގައި އެހުންނަނީ؟“ ސައީދު

ޖޭއެސްސީއަށް މިފަދަ ބަޔާނެއް އާންމުކުރެވުނީ ކޮމިޝަނަށް މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު އޮތުމުން ނޫންތޯ ސުވާލުކުރުމުން ސައީދު ވިދާޅުވީ ހާމަކަންބޮޑު ގޮތެއްގައި މުޅި މުޖުތަމައުއަށް ކަމެއް ފެނުމުން، ފޮރުވައިގެން ކުރާނެކަމެއް ނޯންނާނެކަމަށެވެ. އެންމެ ފުރަތަމަ ކުރެއްވި ކަމަކީ މައްސަލަ ބެއްލެވ،ި އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް  މަގާމުން ދުރަށް ޖެއްސުންކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ހައިލަމްގެ ބަޔާނެއް ސީދާ އެމައްސަލާގައި އޮންނާނެކަމަށެވެ. އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ހައިލަމްއަށް ނުފޫޒު ފޯރުވިކަމަށް ހައިލަމް ވިދާޅުވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. އެހެންކަމުން، އެމައްސަލަވެސް ބަލަންޖެހޭ ކަމަށާއި މިމައްސަލަވެސް ރައީސް އޮފީހުގައި ފައިލްކޮށްފައިވާނެކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި އޯޑިޔޯ ތަހުލީލުކުރެވެން ނެތްއިރު އެކަމުގެ މަސައްކަތުގައި ކިރިޔާވެސް ހަރަކާތްތެރިވާ ބަޔަކުވެސް ގޮވާލަމުންދަނީ އޯޑިޔޯތައް ތަހުލީލުކުރުމަށް ބޭރަށް ފޮނުވުމަށްކަމަށް ސައީދު ވިދާޅުވިއެވެ. ރައީސް ޔާމީނަށް އެކި ގޮތްގޮތުން އަނިޔާ ލިބެމުންދާކަން ހާމަވާ އެތައްކަމެއް ތަކުރާރުކޮށް ފެންނަމުންދާކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެހުރިހާ ކަމެއް އިދިކޮޅު ކޯލިޝަނުން ކިޔައިދެމުން އަންނައިރު، އެންމެ ފަނޑިޔާރެއްގެ އޯޑިޔޯވެސް ސައްހަކަން ހާމަވި ހިސާބުން ޝަރީއަތް ބާތިލްވެއްޖެކަމަށް ސައީދު ވިދާޅުވިއެވެ.

ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވިކަމުގެ ކުށުގައި ދަށު ކޯޓުގައި މައްސަލަ ބެއްލެވި ބެންޗުގައި ފަސް ގާޒީން ހިމެނެ އެވެ. އޭގެ ތެރެއިން ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޟީ ހުސައިން ފާއިޒް ރަޝާދު އާއި، ގާޒީ މުހައްމަދު ސަމީރު އާއި، ގާޒީ އަލީ އާދަމްގެ އަޑު ހިމެނޭ ވަކި ވަކި ތިން އޯޑިއެއް ވަނީ ލީކުވެފަ އެވެ. އެ އޯޑިއޯތަކުގައި ގާޟީން ވަނީ ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ އެއީ ސިޔާސީ ނުފޫޒެެއްކަން ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފަ އެވެ.

ސިޔާސީ މީހުންގެ މައްސަލަތައް ބެލުމަކީ އެއީ ވަރަށް ފާޑެއްގެ ކަމެއްގެ ގޮތުގައި ސިފަކޮށް އޭގެއިން އެއް އޯޑިއޯއެއްގައި ހިމެނޭ ފަނޑިޔާރު ފާއިޒް ވަނީ ރައީސް ޔާމީނަށް ހުކުމް އިއްވީ ގާޒީން ރަހީނުކޮށްގެންކަމަށް ވިދާޅުވެފަ އެވެ.

އޭގެ ފަހަތުން ގާޒީ ފާއިޒް ވިދާޅުވަނީ ރަހީނު ކުރެވޭނެ ބައިވަރު ގޮތްތައް ހުންނަ ކަމަށެވެ. އެގޮތުން ސީދާ އޭނާ ރަހީނު ނުކުރި ނަމަވެސް އެ މީހެއްގެ އަނބިމީހާ ނުވަތަ ގާތް މީހަކު ރަހީނުކޮށްގެން ވެސް އަމަލެއް ހިންގިދާނެ ކަމަށް އެ ރިކޯޑިންގައި އޭނާ ވިދާޅުވެފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިން ތަކެއް ކަމަށް ބުނެ ދައުރުވި އޯޑިއޯތަކުގެ މައްސަލައިގައި ޖޭއެސްސީން ވަނީ އޯޑިއޯ އެނަލިސިސް ރިޕޯޓެއް ހަދާފަ އެވެ.

ކްރިމިނަލް ކޯޓުގެ ގާޟީ ޢަލީ އާދަމް އާއި ޑްރަގް ކޯޓުގެ ޤާޒީ ސަމީރުގެ އަޑާ އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހާގެ އަޑު ދިމާނުވާކަން ޖޭއެސްސީން ކަށަވަރުކޮށް ދެ އެވެ. އަދި ޤާޟީ ޢަލީ އާދަމް އާއި ޤާޟީ މުހައްމަދު ސަމީރުގެ މައްޗަށް އުފައްދާފައި ވަނީ ދޮގު ތުހުމަތުތަކެއް ކަމަށް ވާތީ އެ ބޭފުޅުންގެ މައްސަލައެއް ނެތްކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: