ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އަލަށް ތަރައްގީކުރި އާ އޭޕްރަން ހުޅުވައިފިއެވެ.
ވީއައިއޭގެ އާ އޭޕްރަން ހުޅުވާފައިވަނީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޗީވް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގް ޑިރެކްޓަރ ގޯދަން އެންޑްރިއު ސްޓެވާޓް، އައިލޭންޑް އެވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު މިހާދުގެ އިތުރުން އެއާލައިން އޮޕަރޭޓަރ ކޮމިޓީގެ ޗެއާމަން މަހުޖޫބް އަބްދުﷲ ބައިވެރިވެވަޑައިގެންނެވެ.
ދެކުނު ފަރާތުގައި އަަލަށް ހުލުވި އޭޕްރަންގައި އިއްޔެ ވަނީ ފުރަތަމަ ފަހަރަށް ބޯޓެއް ޕާކްވެސްކޮށްފައެވެ.
މި އޭޕްރަން ހުޅުވުމުގެ ގޮތުން އެންމެ ފުރަތަމަ ޕާކު ކޮށްފައިވަނީ އިންޑިއާއިން ރާއްޖެއަށް އައި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެކެވެ. އެ ބޯޓު ޕާކު ކުރުމުން އެއާޕޯޓުން ވަނީ ބޯޓަށް ވޯޓަ ސެލިއުޓަކުން މަރުހަބާ ކިޔާފައެވެ.

އެމްއޭސީއެލް އިން ބުނީ މި އޭޕްރަންގައި ކޯޑް ސީ މަރުކާގެ ހަ މަތިންދާ ބޯޓާއި ކޯޓް އޭ މަރުކާގެ ދެ ބޯޓު އަދި ކޯޑް ސީ މަރުކާގެ އެއް ބޯޓާއެކު، ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ފްލައިޓްތައް ހިމެނޭހެން ޖުމްލަ ނުވަ މަތިންދާ ބޯޓު ޕާކު ކުރެވޭނެ ކަމަށެވެ.
އެއާޕޯޓުގެ އާ އޭޕްރަންގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބީޔޫސީޖީ ކުންފުނިންނެވެ.
ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުޚާރުގެ އެއާޕޯޓު ތަރައްޤީ ކުރުމަށް ފެށި މަޝްރޫޢުގެ ދަށުން މިހާތަނަށް ބޮޑެތި ގިނަ މަސައްކަތްތަކެއް ވަނީ ނިމިފައެވެ. އޭގެ ތެރޭގައި އައު ރަންވޭއަށް ޓެސްޓް ފްލައިޓް ޖައްސާ އޮޕަރޭޝަނަށް ތައްޔާރުވެފައިވާއިރު، އިންޓަނޭޝަނަލް ގިނަ ބްރޭންޑް ތަކާއެކު ވޯޓަރ ފްރަންޓް ރެސްޓޯރަންޓްވެސް ވަނީ ހުޅުވާފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އެއްކޮށް ތަރައްޤީކޮށް ނިމުމުން އެއްފަހަރާ 7 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެއެވެ.

