އައިޖީއެމްއެޗްގައި ނަރުހެއްގެ ގޮތުގައި މަސައްކަތް މަަސައްކަތް ކުރި، ފިލިޕީންސްގެ އަންހެން މީހާ މަރުވީ ބޮލަށް ލިބުބު ބޮޑެތި ޒަހަމްތަކެއްގެ ސަބަބުންކަމަށް އޭނާގެ ޕޯސްޓްމޯޓާމް ރިޕޯޓުން ދައްކައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެއްޖެއްގައި ފުލުހުން މިރޭ ބުނީ، މޭރީ ގްރޭސް މަރުވީ ދަންޖެހިގެންކަމަށް ނުބެލެވޭ ކަމަށެވެ. އަދި އޭނާ މަރުވި ސަބަބެއްކަމަށް ބެލެވެނީ، “ބްލަންޓް ފޯސް ޓްރޯމާ” ކަމަށެވެ. އެއީ ބާރުގަދަ އެއްޗަކުން ނުވަތަ ކުއްލި ގޮތަކަށް ގޮސް ތަނެއްގައި ޖެހިގެން ލިބޭ އަނިޔާ އެވެ.
ދަންޖެހިގެން މަރުވިކަމަށް ބުނާ މޭރީ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ އޭނާގެ ފިރިމީހާ އެވެ. މާވިން ނަމަކަށް ކިޔާ އެ ފިރިހެން މީހާއަކީ ވެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހެކެވެ. އަދި އެ ދެ މީހުންގެ ކުޑަ ކުއްޖެއް ވެސް ހުރެ އެވެ.
ދަންޖެހުނު ފިލިޕީންސް އަންހެނެއް ހޮސްޕިޓަލަށް ގެންދިޔަ ހަބަރާއި އެކު، ތަފާތު ގޮތް ގޮތަށް ވާހަކަ ދެކެވި އެ މަރާއި މެދު ސުވާލުތައް އުފެދިގެން ދިޔަ އެވެ. އާއްމުކޮށް ދަންޖެހިގެން ހޮސްޕިޓަލަށް ގެންދާ މީހުންގެ ކޭސްތައް، ފުލުހުންނަށް ރިޕޯޓު ކުރާނެ އެވެ.
މި މައްސަލައިގައި ސުވާލު އުފެދޭ ކަންތަކެއް ހުރުމުން ފުލުހުން، މޭރީގެ މަރުގެ މައްސަލައިގެ ތަހުގީގު ފެށީ މާވިންގެ ބައެއް ވާހަކަތައް ދިމާ ނުވާތީ އާއި ހޮސްޕިޓަލުން ލިބުނު ބައެއް މައުލޫމާތުތަކުގެ ސަބަބުންނެވެ.
އެހެންވެ މާވިންގެ ޕާސްޕޯޓު ހިފަހައްޓައި، މޭޭރީގެ ހަށިގަނޑު ޕޯސްޓްމޯޓަމްއަށް ރާއްޖެއިން ބޭރަށް ފޮނުވީ އެވެ. ޕޯސްޓްމޯޓަމުން ދެއްކީ ދަންޖެހިފައި ނުވަތަ ދަންޖައްސާފައިވާ ކަމަށް ބެލެވޭ އެއްވެސް އަނިޔާއެއް ނެތް ކަމަށެވެ.
އެ ރިޕޯޓުގައި ވާ ގޮތުން މޭރީގެ ބޮލަށް އެއްޗަކުން ޖަހައި ވަނީ އަނިޔާ ދީފަ އެވެ. އަދި ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް ވެއެވެ.