ކުރިއަށް އޮތް ދެ އަހަރުތެރޭ އިންޑިޔާއިން ދިވެހިރާއްޖެއަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްނުދޭނެ ކަމަށާއި އިންޑިޔާއިން ރާއްޖެއަށް އެހީވާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޓޮމް ވިދާޅުވީ އިންޑިޔާއިން ދޭން ބުނެފައިވާ އެހީގެ އަދަދާއި ގާތްކޮށްވެސް ބަޖެޓުގައި އެ އަދަދު ހިމަނާފައިނުވާ ކަމަށެވެ. އިންޑިޔާއިން ދޭން ބުނި 300 މިލިޔަން ޑޮލަރުގެ ތެރެއިން ބަޖެޓުގައި ހިމަނާފައި އޮތީ އެންމެ 73 މިލިޔަން ޑޮލަރުކަމަށް ވިދާޅުވިއެވެ. އަދި އިންޑިޔާއިން ދޭން ބުނި 300 މިލިޔަން ޑޮލަރަކީ ރާއްޖެއަށް ލިބޭނެ އެއްޗެއް ނޫންކަމަށް ޓޮމް ވިދާޅުވިއެވެ.
ޓޮމް ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ބޮޑު ގައުމަކުން ރާއްޖޭގެ އިގްތިސާދީ ނިކަމެތިކަމުގެ ފައިދާ ނެގީކަމަށެވެ. އެހެންނަމަވެސް އެގައުމާއި އޮތް ގުޅުމާއިއެކީ ވަޒީރަށްވެސް ސަރުކާރަށްވެސް އެއްޗެއް ބުނަން ނުކެރުނީކަމަށް ޓޮމް ވިދާޅުވިއެވެ.
އިންޑިޔާއިން ރާއްޖެއަށް ދެމުންދާ ލޯނުތަކާއި ދަރަނިތަކަށް އިޝާރާތްކުރައްވާ ޓޮމް ވިދާޅުވީ 300 މިލިއަން ޑޮލަރާއި އަދި އިތުރު އެއް ލޯނު ރާއްޖޭގެ ބޮލުގައި އެޅުވުމަށްފަހު އެމީހުންގެ ސްޓެރެޓެޖިކް މުހިންމު ހުރިހާ ކަމެއް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް ދެ އަހަރު ތެރޭ އިންޑިޔާއިން ރާއްޖެއަށް އަޅައިނުލާނެ ކަމަށާއި އިންޑިޔާއިން ރާއްޖެއަށް އަޅާލަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވިއެވެ.
ޓޮމް ވިދާޅުވީ އިންޑިޔާއިން ބޭނުންވި ހުރިހާ ކަމެއް ވެއްޖެކަމަށެވެ. އެގޮތުން އުތުރުތިލަފަޅު އެއްބަސްވުމުގައި 15 އަހަރަށް ސޮއިކުރުމާއި، ޕޮލިސް އެކަޑަމީގެ ކަންކަން 25 އަހަރު ދުވަހަށް ސޮއިކޮށްފައިވާކަން ޓޮމް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓު ކުރަހަންވެސް އިންޑިޔާއާއި ހަވާލުކޮށްފައިވާކަމަށް ޓޮމް ވިދާޅުވިއެވެ. 150 މިލުޔަން ޑޮލަރު މިއަހަރާއި އޭގެ ކުރީ އަހަރު ދޭނަމޭ ކިޔުމަށްފަހު ރައީސާއި ފިނޭންސް މިނިސްޓަރު ވާ ވެއްދުމަށްފަހު
”ކެމްޕެއިންގައި ރައީސް ސޯލިހު ވިދާޅުވި ދަރިންގެ ދަރިންގެ ބޮލުގައި ދަރަނި އަޅުވާނެ މީހަކަށް ނުވާނަމޭ. ފަސް އަހަރު ނިމޭއިރު 100 ބިލިޔަން ޑޮލަރަށް އަރާނެ“ ޓޮމް
މީގެ އިތުރުން ޓޮމް ވިދާޅުވީ ބަޖެޓުގައި ހުރި ނަމްބަރުތަކަކީ ނުބައިކޮށް ޖަހާފައިވާ އަދަދުތަކެއް ކަމަށެވެ. އަދި ދިވެހިރާއްޖެ މިދަނީ ބޮޑު ދަރަންޏަކާއި ދިމާލަށް ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެންވާއިރު، ރާއްޖޭގެ ދަރަނި 100 ބިލިއަން ޑޮލަރަށް އަރާނެކަމަށް ޓޮމް ވަނީ އަންދާޒާކުރައްވާފައެވެ.
ޓޮމް ވިދާޅުވީ ވެރިކަމުގެ މަގާމަށް މިއަންނަނީ ވެވެން އޮތްހާ ވައުދެއް ވެގެންކަމަށެވެ. އެގޮތުން ނާސްތާ ޕްރޮގްރާމާއި ވިހޭގެއަށް ފޮށި ތަންމަތި ފޮނުވާނަމޭ ބުނެ ތަފާތު އެތައް ވައުދުތަކެއް ވެފައިވާކަމަށް ޓޮމް ވިދާޅުވިއެވެ. އެހެންނަމަވެސް، ދައުލަތަށް ލިބޭހާ ފައިސާ ”އަޗާ ތަޅާ“ ނިންމަނީކަމަށް ޓޮމް ވިދާޅުވިއެވެ.
ސަރުކާރުން ކޮވިޑްގެ ހާލަތުގައި އިގްތިސާދު މެނޭޖްކުރާނެކަމަށާއި ހަރަދުތައް ކުޑަކުރާނެކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ކުޑަކުރެވުނު ހަރަދަކީ ކޮބައިތޯ ސުވާލު އުފައްދަވައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ކޮވިޑްގެ ކުރީ އަހަރުތަކުގެތެރޭގައި ކުރި ހަރަދުތަކާއި ކޮވިޑްގެ ތެރޭގައި ކުރި ހަރަދުތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް ޓޮމް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ސަރުކާރުން އައީ ދަރަނި މައްޗަށް ދަރަނި އިތުރުކުރަމުންކަމަށް ޓޮމް ވިދާޅުވިއެވެ.

