ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިން ބައިތިއްބާ ކުޑަކުދިންގެ ހިޔާގެ ކުދިންތަކެއް ކޭމްޕަކަށް ކުރި ދަތުރެއްގެ ތެރެއިން އަތުގައި ބިޑި އެޅުވުމަށް ފަހު އެއީ އެ ކުދިންގެ ރައްކަލަކަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ބުނެ ކުށުން ރެކިގަތުމުގެ ފުރުސަތު ނޯންނާނެކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެ އެވެ.
ކުޑަކުދިންގެ ހިޔާގެ ކުދިންނަށް އަނިޔާ ކުރާ މައްސަަލަތަކާއި، އެ ކުދިންނާއި މެދު އިހާނެތިކޮށް ހިތައި ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ދިން މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައި އެބަހުއްޓެވެ. އެންމެ ފަހުން މި ވާހަކަތައް މީޑިއާގައި ދެކެވުނީ 2017 ވަނަ އަހަރުގެ ތެރޭގައި ކ. ތުލުސްދޫގައި ހިންގި ކޭމްޕެއްގައި ބައިވެރިކުރުމަށް އުމުރުން 13 އަހަރުން މަތީގެ ކުދިން ގެންދަނިކޮށް ކަނޑުމަތީގައި ހިނގި ކަންތަކެއްގައި އެ ކުދިން ކޮންޓްރޯލް ކުރުމަށް އަތުގައި ބިޑި އެޅުވި މައްސަލައަކާއި ގުޅިގެންނެވެ.
ކުދިންނަށް ބާރަށް ހަޅޭލަވައި، ކޮންޓްރޯލު ކުރަންކަމަށް ބުނެ އަތުގައި ބިޑި އެޅުވި މައްސަލައިގައި އޭރުގެ ޖެންޑާރ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު ހިމެނޭހެން 30 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ހުށަހެޅި އެވެ. މައްސަލައިގައި ހުށަހަޅާފައިވާ ހެއްކަށް ބިނާކޮށް ޕީޖީން ނިންމީ އޭގެ ތެރެއިން އެ އަމަލުގައި ބައިވެރިވިކަމަށް ބުނާ 13 ފުލުހެއްގެ މައްޗަށް ދައުވާ ކުރުމަށެވެ.
އެންޓި ޓޯޗާ ގާނޫނުގެ 21 ވަނަ މާއްދާއާއި 26 ވަނަ މާއްދާގެ (ހ) އާއި 15 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 23 ވަނަ މާއްދާގެ (ކ) ގެ އެއްވަނަ ނަންބަރުގެ ދަށުން ކުރާ ދައުވާ ފުލުހުންގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ތިން މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ނޫސްވެރިއަކު ސުވާލު ކުރީ މި މައްސަލައިގައި މަތީ ރޭންކުގެ އޮފިސަރުންނަށް ދައުވާ ނުކުރި ސަބަބާއި ގުޅޭގޮތުންނެވެ. އަދި ދަށް ރޭންކުގެ އޮފިސަރުން އަމަލު ކުރާނީ އެ މީހުންގެ އޯޑަރަށް ނޫންތޯ ސުވާލު ކުރި އެވެ. މީގެ އިތުރުން ކަނޑުމަތީގައި ކުދިންގެ ކޮންޓްރޯލް ގެއްލުމުން ކަނޑަށް ފުންމާލަފާނެކަމުގެ ބިރަށް، އެއްވެސް ކުއްޖެއްގެ އަތުގައި ބިޑި އެޅުވޭނެ ހާލަތެއް އޮވެދާނެތޯ ސުވާލު ކުރި އެވެ.
ޖަވާނުގައި ޝަމީމް ވިދާޅުވީ، އެޗްއާރުސީއެމުން ހުށަހަޅާފައިވާ ޓޯޗާގެ މައްސަލައިގެ އިތުރަށް ވެސް ހިޔާގެ އެތެރޭގައި ހިނގާފައި ހުރި ގިނަ ހާދިސާތަކުގެ މައްސަލަ އަދިވެސް އެބަހުރި ކަމަށެވެ. މި ހުރިހާ މައްސަލައެއް ވެސް ސީރިއަސް ކޭސްތަކެއްގެ ގޮތުގައި ތަހުގީގުކޮށް، ކޮޅެއްގައި ޖެހެންދެން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ޝަމީމް ވިދާޅުވި އެވެ.
”މިއީ އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތެއް. ހަގީގަތުގަ ވަރަށް ސީރިއަސް މައްސަލަތަކެއް މިއީ….. އަދި ބިޑި އެޅުވި މައްސަލައިގައި ދައުވާ ކުރަން ފޮނުވީ ވެސް އެޗްއާރުސީއެމްއިން ތަހުގީގުކޮށް ރިޕޯޓު ހުށަހެޅުމުން. ކަނޑު މަތީ ތިބި ކުދިންތަކެއްގެ ރައްކާތެރިކަމަށް އަޅުވަންޖެހޭނީ ބިޑިއެއް ނޫން… ލައިފް ޖެކެޓް އަޅުވަން ޖެހޭނީ…. ވަރަށް ދެރަ ކަމެއް ފުލުހުންގެ މައްޗަށް ދައުވާ ކުރަން ޖެހުން މިއީ… އަޅުގަނޑުވެސް ހިތްހަމަ ޖެހި މާ އުފާވާ ކަމެއްވެސް ނޫން…. އެކަމަކުވެސް ކުރަން ޖެހޭ ކަމެއް.“ ޝަމީމް
ޝަމީމް ވިދާޅުވީ، ބިޑި އެޅުވެން އޮންނަނީ ދެގޮތަކަށް ކަމަށެވެ. އެ ދެގޮތުން ކޮންމެ ގޮތަކަށް ބިޑި އަޅުވާފައި ވަނިކޮށް ކޮންޓްރޯލުން ނެއްޓި ކުއްޖަކު ކަނޑަށް ފުންމާލިޔަސް ދާނީ އަޑިއަށް ކަމަށެވެ. އޭގެ ބަދަލުގައި ލައިފްޖެކެޓު އެޅުވުން މާ ބުއްދިވެރި ނޫންތޯ ޝަމީމް ސުވާލު އުފެއްދެވިއެވެ. އެހެން ކަމުން އެއީ ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ބުނެ، މައްސަލައިން ބަރީއަވެވެން ނޯންނާނެކަން ޝަމީމް ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ނޫސްވެރިއަކު ވަނީ މި މައްސަލައިގައި ފުލުހުންގެ މައްޗަށް ދައުވާ ކުރުމަށް ކޯޓަށް ހުށަހެޅުމުން ފުލުހުން އެކަމާ ނުރުހުން ފާޅުކޮށް ބަޔާނެއް ނެރުނުކަން ފާހަގަކޮށްފަ އެވެ. އަދި ގާނޫނާއި ހިލާފު އެއްވެސް އަމަލެއް ހިންގާފައި ނޯންނާނެކަމަށާއި، މީގެ ކުރިން އެފަދަ އެއްވެސް ޝަކުވާއެއް ފުލުހުންގެ އިދާރާއަށް ލިބިފައިނުވާކަމަށް ބުނެފައިވާ ކަމަށެވެ.
ޝަމީމް ވިދާޅުވީ ކުޑަކުދިންތަކެއްގެ އަތުގައި ބިޑި އެޅުވޭނެ އެއްވެސް ހާލަތެއް ނޯންނާނެ ކަމަށެވެ. އަދި ގާނޫނާއި ހިލާފުވެ، ކުށްވެރިވުމުން އެއްވެސް ބަޔަކަށް އަދަބުން ރެކިގަތުމުގެ ފުރުސަތެއް ނުދެވޭނެ ކަމަށް ވިދާޅުވި އެވެ. ހާއްސަކޮށް ކުޑަކުދިންނާއި މެދު ލާއިންސާނީ އަމަލެއް ހިންގައި، އޭގެއިން ދިފާއުވާން ދެއްކޭނެ ވާހަކައެއް ނޯންނާނެކަމަށް ޝަމީމް ވިދާޅުވި އެވެ.
މީގެ އިތުރުން ޝަމީމް ވިދާޅުވީ ޒެނީޝާ އާއި ބަޝީރުއަށް ދައުވާ ނުކުރުމަށް ނިންމީ އެއްވެސް ނުފޫޒެއް އޮވެގެން ނޫން ކަމަށެވެ.

