ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ މިނިވަންކަމަށް ބުރު އަރާފަދަ އެއްބަސްވުމެއް ނެތް: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ މެންބަރު މުޙައްމަދު އަސްލަމް :- ފޮޓޯ_ ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭފަދަ އެއްވެސް ކަމެއް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުންތަކުގައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި 241 ކޮމިޓީގެ މުގަރިއްރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ އާއި ވާހަކަދައްކަމުން އަސްލަމް ވިދާޅުވީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ވެފައިވާ އެންމެހާ އެއްބަސްވުންތަކަކީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކުން ލިބޭ ހުއްދައެއްގެ ދަށުން ވެވުނު އެއްބަސްވުންތަކެއް ކަމަށާއި މި އެއްބަސްވުންތަކުގެ ދަށުން ކުރެވޭ އެއްވެސް މަސައްކަތަކުން ގަވާއިދާއި ހިލާފު އެއްވެސް ކަމެއް ކުރެވިގެން ނުދާނެ ކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ލިބޭ ކޮންމެ ގެއްލުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮންނާނެ ކަމަކަށްވީ އިރު، އެކަންތައް ބެލުމަށް މަޖިލީހުން ހާއްސަ އިސްކަމެއްދީ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ އެކުލަވާލި ކަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން ކޮމިޓީއިން ވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މަޖިލީހަށް ހުށައެޅި މިނިވަންކަމާއި ގުޅުންހުރި މައްސަލަ ދިރާސާކޮށް ކޮމިޓީގެ މެންޑޭޓުގައި ވާ ފަދައިން ބަލައި ނިންމާފައި ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައިގެ ދަށުން ޖުމްލަ 4 ޑޮކިއުމެންޓެއް ދިރަސާކޮށް ބެލި އިރު، މުގައްރިރެއްގެ ހައިސިއްޔަތުން ކަންބޮޑު ވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް އަސްލަމް ފާހަގަ ކުރެއްވިއެވެ. އާދަމް ޝަރީފު ހުށައެޅި މި މައްސަލައިގައި އުތުރުތިލަފަޅު ތަރައްގީ ކުރުމަށް އިންޑީއާ އާއި ވެފައިވާ އެއްބަސްވުމަކީ 2016 ވަނަ އަހަރު ދެ ގައުމުގެ ދެމެދު ހެދިފައި އޮތް އެކްޝަން ޕްލޭނެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވި ގޮތުގައި މައްސަލައާއި ގުޅިގެން ދިރާސާ ކުރެވުނު 4 ޑޮކިއުމެންޓް ގެ ތެރޭގައި 2 އެއްބަސްވުމަކާއި އެކު، ޑޯނިއާ ފްލައިޓް ހަދިޔާ ކުރުމާއި ގުޅުން ހުރި ލެޓަރ އޮފް އެކްސްޗޭންޖް އާއި ހައިޑްރޮގްރަފީއާއި ގުޅުން ހުރި އެމްއޯޔޫއެއް ހިމެނެއެވެ. މިއިން ކޮންމެ ލިޔެކިޔުމަކާއި ބެހޭ ގޮތުން ސަރުކާރުން ތަފްސީލު ޕްރެޒެންޓޭޝަންތައް ކޮމިޓީއަށް ހުށައެޅި ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ. މި ޕްރެޒެންޓޭޝަން ތަކުން އެއްބަސްވުންތަކާއި ގުޅޭ އެންމެހާ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި އެއްބަސްވުންތަކުގައި ހިމެނޭ ބައިތަކާއި އެބައިތަކުގެ ތަފްސީލު ދީފައިވާ ކަމަށްވެސް އަސްލަމް ފާހަގަކުރެއްވިއވެެ.

ޕްރެޒެންޓޭޝަން ތަކުގައި ރާއްޖެއާއި އިންޑިއާއާއި ދެމެދު ހެދިފައިވާ އެއްބަސްވުންތަކުގެ ސަބަބުން ކުރާނެ ފައިދާތަކާއި ގައުމަށް ލިބިގެންދާ މަންފާތަކަށް އަލި އަޅުވާލައިފައިވާ ކަމަށް މެމްބަރު އަސްލަމް ވިދާޅުވިއވެެ. އެގޮތުން ޑޯނިއާ ފްލައިޓުތަކުގެ ސަބަބުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކުރާ ދަތުރު ތަކުގެ އިތުރުން އެހެނިހެން ހިދުމަތްތައް ފޯރު ކޮށްދިނުމުގައި ފަސޭހަތައް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކަނޑު މަސްތައް ހިމާޔާތް ކުރުމުގެ މުހިންމުކަމާއި އެކަމާއި ގުޅުންހުރި ކަންތައް އެއްބަސްވުންތަކުގައި އެކުލެވިގެންވާ ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ކޯސްޓް ގާޑުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ފެންވަރު ރަނގަޅު މަގެއް ފަހި ކޮށްދިނީ އިންޑިއާ ސަރުކާރުން ކަމަށާއި ކޯސްޓް ގާޑުގެ އެންމެ މުހިންމު ދެ އުޅަނދަކީ އިންޑިއާ ސަރުކާރުން ފޯރުކޮށްދީފައިވާ ވަސީލާތްތަކެއް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

މެމްބަރު އަސްލަމް ދެކޭ ގޮތުގައި މިއިން އެއްވެސް އުޅަނދެއް މަރާމާތުކުރުމަށް އިންޑީއާއަށް ގެންދަން ޖެހުމަކީ ތަކުލީފެކެވެ. އަދި ކޮމާޝަލް މެއިންޓެނެންސް ފެސިލިޓީ އެއް ގާއިމުކުރެވިގެން ދިއުމަކީ މުހިންމު ކަމެއްކަމަށް ވެސް އޭނާ ގާބޫލުކުރެއެވެ. އުތުރުތިލަފަޅުގައި ވަކިން ޑޮކްޔާޑެއް ގާއިމުކުރެވި މިފަދަ ފެސިލިޓީއެއް ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން އެކުލަވާލި އެކްޝަން ޕްލޭނުގައި ހިމެނޭ އުތުރުތިލަފަޅު ތަރައްގީ ކުރަން ނިންމާފައިވާ ނިންމުމަކީ ގޯސް ނިންމުމެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ. ރަންވޭއަކާއި އެކު، މިލިޓަރީ ބޭސް އެއްގެ ގޮތުގައި ބޭނުން ކުރެވޭ ފަދަ ގޮތަކަށް އުތުރުތިލަފަޅު ތަރައްގީ ކުރަން ނިންމާފައިވާ ޕްލޭނަކީ ގޯސް ޕްލޭނެއް ކަމަށް އެއްވެސް ބަޔަކު ގަބޫލު ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު އުތުރުތިލަފަޅުގެ ކުޑަ ސަރަހައްދެއް ‘ސިފަވަރު’ ގެ ނަމުގައި ކަނޑައަޅައި އެ ސަރަހައްދުގައި ޑޮކްޔާޑަކާއި އެކު މަދު ފެސިލިޓީތަކެއް ގާއިމުކުރަން ނިންމާފައިވާ ކަން އަސްލަމް ފާހަގަކުރެއްވިއެވެ. އަދި މިފަދައިން މަސައްކަތް ކުރުމަކީ އެއްވެސް ފަރާތެއްގެ ކަންބޮޑުވުން ތަކެއް ހުރި ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެމްބަރު އަސްލަމް ވިދާޅުވީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު ވެފައިވާ އެއްވެސް އެއްބަސްވުމެއްގެ ސަބަބުން ގައުމުގެ މިނިވަންކަމަށް ގެއްލުން ލިބި، ސިޔަދާތު ގެއްލޭ ފަދަ އެއްވެސް ކަމެއް ހިމެނިފައި ނުވާކަމަށާއި، މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގައި ގިނަ ހިދުމަތްތައް، ފެންވަރު ރަނގަޅުގޮތުގައި ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: