މިއަދު އިފްތިތާހުކުރެވުނު ޕޯޓަލްއާއެކު ބީލަންވެރިން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ރައްކާތެރިކަން ބިޑް ހުޅުވުމުގެ ވަގުތާއި ހަމައަށް ހިފެހެއްޓޭނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓްތަކާއި ގުޅިގެން ބަލައިގަނެވޭ ބިޑް ޕްރޮޕޯސަލްތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބަލައިގަތުމަށް ޑިވެލޮޕް ކޮށްފައިވާ ބީލަން ޕޯޓަލް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ އެއް މާލަމަކަށް ހާޒިރުވެ ބިޑް ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ހުރި ދަތިކަން އެންމެ ބޮޑަށް އިހްސާސް ކުރެވިގެން ދިޔައީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ކަމަށެވެ. އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބީލަންތައް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށްއެދި ބީލަންވެރިންނާއި އަދި ދައުލަތުގެ އޮފީސްތަކުން އެކަމުގެ ކަންބޮޑުވުންތައް ތަކުރާރުކޮށް މިނިސްޓްރީ އާއި ހިއްސާކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިނިސްޓްރީގެ އެންމެ ބޮޑު އެއް އަމާޒަކަށް ވެގެން ދިޔައީ އިލެކްޓްރޯނިކް ނިޒާމަކުން ބިޑް ބަލައިގަތުމުގެ ކަންކަން ހަމަޖެއްސިގެންދާއިރު ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމްގެ މަގްސަދު ހާސިލްވާނޭހެން އަދި ފަސޭހަގޮތަކަށް ބީލަންވެރިންނަށް ޕްރޮޕޯސަލް ހުށަހެޅޭނެފަދަ ގޮތަކަށް މިކަންކުރުމުގެ މަގު ފަހިކޮށްދިނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއަދު މި ލޯންޗުކުރެވުނު ޕޯޓަލް ފަރުމާކުރެވިފައިވަނީ ބީލަންވެރިން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ރައްކާތެރިކަން ބިޑް ހުޅުވުމުގެ ވަގުތާއި ހަމައަށް ހިފެހެއްޓޭނެގޮތަށް ކަމަށެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ބިޑް ހުށަހެޅުމަށް ބޭރު ގައުމުތަކަށް ނިސްބަތްވާ ބީލަންވެރިންވެސް އިސްތިސްނާވެގެން ނުވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި އެންމެ ބޮޑު އެއް އަމާޒަކީ ފަންޑު ދޭ އެޖެންސީތަކުގެ ޕްރޮކިއުމަންޓްތަކުގައި މި ޕޯޓަލް މެދުވެރިކޮށް ބިޑް ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކުރުމަށްޓަކައި، ޕްރޮކިއުމަންޓާއި ގުޅޭ ސިޔާސަތު ހަދާ ފަރާތާއި އެ ސިޔާސަތުތައް ތަންފީޒުކުރާ ފަރާތްތައް ވަކިކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން، ޕްރޮކިއުމަންޓްއާ ގުޅޭ ސިޔާސަތުތައް އެކުލަވައިލައްވައި، އެ ސިޔާސަތުތައް ތަންފީޒުކުރާ މިންވަރު ދެނެގަނެ މޮނިޓަރ ކުރުމަށްޓަކައި، ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު އެކުލަވާލެވިފައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
”ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސްޓޭޓް އިންޓާރނަލް އޮޑިޓް ކޮމެޓީ އުފައްދާ މަސައްކަތް ވާނީ ފުޅާ ކޮށްފައި. ބީލަމުގެ މައްސަލަ ބަލާ ކޮމެޓީ އާއި މާލިއްޔަތު މައްސަލަ ބަލާ ކޮމެޓީ އުފައްދާ ބޮޑެތި ބާރުތަކެއް ވާނީ ދީފައި. އެއާއެކު މިއަދު އެކޮމެޓީތަކަށް އެތައް މައްސަލައެއް ހުށަހެޅި އެ ހުށަހެޅިފައިވާ މައްސަލަތައް ބަލައި ފިޔަވަޅުދަނީ އަޅަމުން.“ މިނިސްޓަރ އަމީރު
މީގެ އިތުރުން މިފަދަ މެކޭނިޒަމްތައް ގާއިމްކުރުމުން ނިޒާމް ހަރުދަނާ ވެގެންދާނެކަމަށް ގަބޫލުކުރުމުގެ ބަދަލުގައި އެކުލަވާލާފައިވާ ނިޒާމް ހަރުދަނާ ސިފައެއްގައި ތަންފީޒުކުރުމުގެ މުހިންމުކަމަށް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ. ހަރުދަނާ ގޮތެއްގައި މިކަން ތަންފީޒުކުރުމަށް އެންމެ މުހިއްމު އެއްބަޔަކީ އެ ނިޒާމްތެރޭގައި ހަރަކާތްތެރިވާ ފަރާތްތައްކަމަށާއި މީގެތެރޭގައި ޕްރޮކިއުމަންޓްގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ބީލަންވެރިންނާއި އަދި ކޮންޓްރެކްޓަރުންވެސް ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”ޕްރޮކިއުމަންޓްގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަކީ ޕްރޮކިއުމަންޓާއި އޭގެ ސިޔާސަތުތަކުގެ މުހިއްމުކަން ދަނެގެން އެ މަސައްކަތް ކުރާ ބަޔަކަށް ހެދުމަށްޓަކައި، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އާއި ގުޅިގެން ޕްރޮކިއުމަންޓްގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ ޓްރެއިނިންގ ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރަން. އަޅުގަނޑުމެންގެ އަމާޒަކީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހު މި ޓްރެއިނިންގ ޕްރޮގްރާމް ވުޖޫދަށް ގެނެސް އެ އަހަރުގެ ފުރަތަމަ ދެ ކުއާޓަރ ނިމުމުގެ ކުރިން ދައުލަތުގެ އެކި އޮފީސްތަކުގެ ޕްރޮކިއުމަންޓްގެ މަސައްކަތުގައި ހަރަކާތްތެރިވާ 1200 އަށްވުރެ ގިނަ މުވައްޒަފުން މި ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަ ކުރުން.“ މިނިސްޓަރ އަމީރު
2019 ވަނަ އަހަރު ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ބޭއްވުނު ބީލަންވެރިންގެ މަހާސިންތާގައި ބީލަންވެރިން އެދުނު އެންމެ ބޮޑު އެދުމަކީ ދައުލަތުގެ ކުންފުނިތަކުގެ ޕްރޮކިއުމަންޓްތަކުގެ މައްސަލަތައް ހައްލުކޮށްދިނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން، ސަރުކާރު ކުންފުނިތަކުން އެކުންފުންޏެއްގެ އަމިއްލަ ޕްރޮކިއުމަންޓް ޕޮލިސީތަކަށް އަމަލުކުރަމުން އަންނަ އައުން ނިމުމަކަށްގެނެސް، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމަލުކުރުމަށްޓަކައި ޕްރޮކިއުމަންޓް ޕޮލިސީ ގައިޑްލައިން އެކުލަވާލައި އެ ގައިޑްލައިނާއި އެއްގޮތަށް އަމަލުކުރުމަށް އެކުންފުނިތަކަށް އަންގާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ކޮންޓްރެކްޓަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ދައުލަތުގެ އޮފީސްތަކަށް ހުށަހެޅޭ ބިލްތަކަށް ފައިސާ ލިބިމުގައި ދިމާވާ ދަތިތައްކަން ފާހަގަކުރައްވައި މިކަމަށް ހައްލެއް ހޯދައިދިނުމުގެގޮތުން ދައުލަތުގެ ކޮންމެ އޮފީހަކަށްވެސް ބިލް ހުށަހެޅޭ ފުރަތަމަ ތާރީޚުން ފެށިގެން މިނިސްޓްރީއަށް އެ ބިލް ޓްރެކް ކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

