2020 ވަނަ އަހަރު ރާއްޖޭގައި ކޮވިޑުގެ ހާލަތު އެންމެ ގޯސްވެގެން ދިޔަ ދުވަސްވަރު، ބަލީގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގައި ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ހެލްތް މިނިސްޓްރީގެ ތެރެއިން އަމަލުކޮށްފައި ވާތީ ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުށަހެޅި މައްސަލައިގައި އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ހުރުމުން، އިސްލާހު ކުރަންޖެހޭ ކަންތައް ބަލަމުންދާ ކަމަށް އޭސީސީއިން ބުނެފިއެވެ.
ސަންގު އަށް މައުލޫމާތު ދެމުން އޭސީސީ ގެ މީޑިއާ އޮފިޝަލް ހަސަން މަނިކު ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލަ ޕީޖީއަށް 3 ވަނަ ފަހަރަށް ހުށައެޅުމާއި އެކު އިސްލާހު ކުރަންޖެހޭ ބައެއް ކަންތައް ހުރިކަމަށް ޕީޖީ އޮފީހުން ބުނިކަމަށެވެ. އެހެންކަމުން މައްސަލައިގައި އިސްލާހު ކުރަންޖެހޭ ކަންތައް ބަލައި، އެކަންތައް އިސްލާހު ކުރުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭސީސީ ގެ ގިނަ މައްސަލަތައް ޕީޖީއަށް ހުށަހެޅުމުން އަނބުރާ ކޮމިޝަނަށް ފޮނުވާކަމަށާއި ކަން މިހެން ހިނގަން މެދުވެރިވާ ސަބަބަކީ ކޮބައިތޯ ސުވާލުކުރުމުން، ހަސަން ވިދާޅުވީ، އެއީ އެކަން އޮންނަ ގޮތަކުން، އަނބުރާ ފޮނުވަނީ ކަމަށެވެ. ޕީޖީ އޮފީހުން އޭސީސީގެ މައްސަލަތައް ދެވަނަ ފަހަރަށް ނުވަތަ ތިން ފަހަރަށް އަނބުރާ ކޮމިޝަނަށް ފޮނުވަން ޖެހޭ ވަކި ހާއްސަ ސަބަބެއް ނެތް ކަމަށާއި ކަން މިހެން ހިނގި ނަމަވެސް، ކޮމިޝަނުގެ މައްސަލަތައް ޕީޖީއަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

