ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީގެ އެންމެ މަޝްރޫއެއް ނަމަވެސް ނުހިންގާ ރަށެއް ނެތް: ނައިބްރައީސް

ނައިބްރައީސް ފައިސަލް ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ތަރައްގީގެ އެންމެ މަޝްރޫއެއް ނަމަވެސް ނުހިންގާ ރަށެއް ނެތްކަމަށް ނައިބްރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތްފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން ރޭ ފުވައްމުލަކު ހާފިޒު އަޙްމަދު ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބްރައީސް ވިދާޅުވީ ތަރައްޤީގެ ކަންކަމުގައި ސަރުކާރުން ގެންދަނީ ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއް ގެންނަމުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސަރުކާރުން ތަރައްގީގެ ކަންކަން މުޅިރާއްޖޭގައި ބާރަށް ކުރިޔަށްގެންދަވާކަން ފާހަގަކުރައްވައި ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނުގެ ރަށްތަކުގައި ތަރައްގީގެ އެންމެ މަޝްރޫއެއް ނަމަވެސް ނުހިންގާ ރަށެއް ނެތްކަމުގައި ވިދާޅުވިއެވެ. ހަމައެހެންމެ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ކުޑަރަށެއް ބޮޑުރަށެއް ތަފާތުކުރުމެއްނެތި ފުއްދަވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.

ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫޢުގެ މައްޗަށް އަލިއަޅުވާލައްވަމުން މިއީ ޒަމާނުއްސުރެ ފުވައްމުލަކު ސިޓީގެ ރައްޔިތުން އިންތިޒާރުކުރަމުންއައި މަޝްރޫޢެއް ކަމުގައި ވިދާޅުވިއެވެ. އެގޮތުން އަމަލީ މަސައްކަތް ފެށިގެން ދިޔަ މިމަޝްރޫޢަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެން ފެށުމަށް މަސައްކަތްކުރަމުންދިޔަ މަޝްރޫއެއްކަން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސަރުކާރުން ފުވައްމުލަކު ސިޓީގެ ތަރައްގީއަށް މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ކުރިޔަށްގެންދަވާ ކަން ފާހަގަކުރައްވައި އޭގެ ތެރެއިން ބައެއް މަޝްރޫއުތަކަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި މަޝްރޫއުގެ މަސައްކަތް ކޮންޓްރެކްޓް ކޮށްފައި ވަނީ ވަނީ އެމްޓީ ހޯގާޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއެވެ.

މި މަޝްރޫޢުގެ ދަށުން ފުވައްމުލަކު ސިޓީގެ ބަނދަރުގެ އުތުރުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2650 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. ޖުމްލަ 300,343,050 (ތިންސަތޭކަ މިލިއަން، ތިންސަތޭކަ ސާޅީސް ތިން ހާސް، ފަންސާސް ރުފިޔާ) ގެ މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ 606 ދުވަހުގެ ތެރޭގައެވެ. މި މަޝްރޫއަކީ ނެދަލެންޑް ސަރުކާރުގެ ހިލޭއެހީއާއި ކުވެއިތު ފަންޑުގެ ލޯނު އެހީއާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ކޮންޓްރެކްޓުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. އެމްޓީ ހޯގާޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޕެއަރ ވިންތަރ ލާސަންއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުންސިންގ އެންޑް އިންފްރާސްޓަރކްޗަރ މުޙައްމަދު އަސްލަމްއާ ނެދަރލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޓާންޔާ ގޮންގްރިޖް އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ވަޒީރުންނާއި، ނެދަރލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޓާންޔާ ގޮންގްރިޖްގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިންނާއި ފުވައްމުލަކު ސިޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފުވައްމުލަކު ސިޓީއަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: