ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ގިނަ މިސްކިތްތަކަށް ފުރޮޅުލީ ގޮނޑީގައި ވަނުމަށް ހުރަސްތައް އެބަހުރި!

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކޮށް މަގުމަތީގައި ގާއިމްކޮށްފައިވާ ރޭމްޕެއް / ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ގިނަ މިސްކިތްތަކަށް ފުރޮޅުލީ ގޮނޑީގައި ވަދެ ނުކުތުމަށް ހުރަސްތައް އެބަހުރިކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ހިޔުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާލެ ސިޓީގެ 64 އިންސައްތަ މިސްކިތަށް ފުރޮޅުލީ ގޮނޑީގައި ވަނުމަށް ހުރަސްތައް އެބަހުއްޓެވެ. މާލޭގެ 75 އިންސައްތަ، ވިލިމާލެ އަދި ހުޅުމާލޭގެ 50 އިންސައްތަ މިސްކިތްތަކަށް ފުރޮޅުލީ ގޮނޑީގައި ވަނުމަށް ހުރަސްތައް ހުރިކަމަށް އެޗްއާރްސީއެމްއިން ފާހަގަކުރެއެވެ. ޖުމްލަގޮތެއްގައި ފާހަގަކުރެވިފައިވާ ހުރަސްތަކަކީ ރޭމްޕެގެ ކުރިމަތީގައި ސްޓެޕެއް ހުރުމާއި ދުއްވާ އުޅަންދު ޕާކްކޮށްފައި ހުރުމެވެ.

ތަފާސްހިސާބުތަކުގެ ތަފްސީލްތަކަށް ބަލައިލާއިރު މާލެ ސިޓީގެ 55 އިންސައްތަ މިސްކިތަށް ވަންނަ ތަނުގައި ސްޓެޕެއް ނުވަތަ އޮޅިގަނޑެއް ހުރިކަން ވަނީ ފާހަގަކޮށްފައެވެ. މާލޭގެ 50އިންސައްތަ، ވިލިމާލޭގެ 67 އިންސައްތަ އަދި ހުޅުމާލޭގެ 50 އިންސައްތަ މިސްކިތަށް ވަންނަ ތަންތަނުގައި ސްޓެޕެއް ނުވަތަ އޮޅިގަނޑެއް ހުންނަކަން ތަފާސްހިސާބުތަކުން ދައްކައެވެ.

މާލެ ސިޓީގެ ހުރިހާ މިސްކިތްތަކަށްވެސް ވަންނަންހުރި ދޮރުތައް ފުޅާކަންވެސް އެޗްއާރްސީއެމްއިން ފާހަގަކުރެއެވެ. އެހެންނަމަވެސް މާލެ ސިޓީގެ 27 އިންސައްތަ މިސްކިތަށް ވަދެވޭގޮތަށް ރޭމްޕެއް ނުވަތަ ސްލޯޕްއެއް ހެދިފައިނުވެއެވެ. ހުޅުމާލޭގެ ހުރިހާ މިސްކިތެއްގައި ރޭމްޕް ނުވަތަ ސްލޯޕެއް ހުރިއިރު މާލޭގެ 50 އިންސައްތަ އާއި ވިލިމާލޭގެ 33 އިންސައްތަ މިސްކިތަށް ވަދެވޭގޮތަށް ރޭމްޕް ނުވަތަ ސްލޯޕެއްވެސް ނެތްކަން އެޗްއާރްސީއެމްއިން ފާހަގަކުރެއެވެ.

މާލޭގެ 75 އިންސައްތަ މިސްކިތް ކުރިމަތީގައިވާ ދުވާރު ހަނިކަން އެޗްއާރްސީއެމްއިން ފާހަގަކުރެއެވެ. އެހެންނަމަވެސް ވިލިމާލެ އަދި ހުޅުމާލޭގައި މިމައްސަލަ ފާހަގަކުރެވިފައެއް ނެތެވެ. ސާވޭކޮށްފައިވާ މިސްކިތްތަކަށް ބަަލައިލާއިރު، މާލެ ސިޓީގެ 55 އިންސައްތަ މިސްކިތް ކުރިމަތީގައި އޮންނަ ދުވާރަށް ފުރޮޅުލީ ގޮނޑީގައި އަރައި ފޭބުމަށް ސްލޯޕެއް ނުވަތަ ރޭމްޕްްއެއްވެސް ނެތްކަން އެޗްއާރްސީއެމްއިން ފާހަގަކުރެއެވެ.

މާލޭގައި މިސްކިތް ކުރިމަތީގައި އޮންނަ ދުވާރަށް އަރައި ފޭބުމަށް ހުރަސްތައް ހުރިކަން ފާހަގަކުރެވުނަސް ވިލިމާލެ އަދި ހުޅުމާލޭގައި މިކަން ފާހަގަކުރެވިފައި ނެތެވެ. އެހެންނަމަވެސް ޖުމްލަގޮތެއްގައި ދުއްވާއުޅަނދު ޕާކްކޮށްފައި ހުންނަގޮތުން ފުރޮޅުލީ ގޮނޑީގައި ދުވާރަށް އަރައި ފޭބުމަށް ދަތިތަކާއި ކުރިމަތިވާކަން ފާހަގަކުރެވެއެވެ،

މާލެ ސިޓީގެ 27 އިންސައްތަ މިސްކިތް ކުރިމަތީގައި އެއްކޮޅުން އަނެއްކޮޅަށް ފުރޮޅުލީ ގޮނޑީގައި ދަތުރުކުރުމަށް ހުރަސްތައް އެބަހުރިކަންވެސް ތަފާސްހިސާބުތަކުން ދައްކައެވެ. ހުޅުމާލޭގެ އެއްވެސް ހިސާބެއްގައި މިފަދަ ދަތިކަމެއް ނެތްއިރު، މާލޭގެ 50 އިންސައްތައާއި ވިލިމާލޭގެ 33 އިންސައްތަ މިސްކިތް ކުރިމަތީގައި އޮންނަ ދުވާރުމަތިން މިދަތިކަމާއި ކުރިމަތިލާންޖެހޭކަން ތަފާސްހިސާބުތަކުން ދައްކައެވެ. މައިގަނޑު ގޮތެއްގައި ފާހަގަކުރެވޭ ހުރަސްތަކަކީ ދުވަރު ހަނިވުމާއި ކަރަންޓު ބޯޑުތައް ބަހައްޓާފައިހުރުމުގެ ސަބަބުން ދިމާވާ ދަތިތަކެވެ. ހަމައެއާއެކު މާލޭގައި ޑީވޯޓަރިން ހޮޅިތަކުގެ ސަބަބުން ދިމާވާ ދަތިތައްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދުނިޔޭގެ އާބާދީގެ 15 އިންސައްތަ މީހުންނަކީ ކޮންމެވެސް ބާވަތެއްގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. 2019 ވަނަ އަހަރުކޮށްފައިވާ ސާރވޭތަކުން ދައްކާގޮތުަގައި ރާއްޖޭގެ އާބާދީއަކީ 451،622 މީހުންނެވެ. މީގެތެރެއިން 9 އިންސައްތަ މީހުންނަކީ ކޮންމެވެސްކަހަލަ ނުކުޅެދުންތެރިކަމެއް ހުންނަ މީހުންނެވެ. އާބާދީގެ ކޮންމެ 10 މީހުންގެ ތެރެއިން އެކަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. މިތަފާސްހިސާބުތަކުން ދައްކާގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެންމެ ގިނަ މީހުންނަކީ ހިނގާބިނގާވެ އުޅުމަށް ދަތިކަން ހުރި މީހުންނާއި ފެނުމުގެ ދަތިކަން ހުރި މީހުންނެވެ.

ރާއްޖޭގެ ގާނޫނުތަކާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ގިނަ ހައްގުތަކެއް ދިނުން ވަނީ ލާޒިމްކޮށްފައެވެ. އެގޮތުން ރާއްޖެއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިނަލްއަގްވާމީ މުއާހަދާ “ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަނަލް ޑިސްއެބިލިޓީ” ގައި 2010 ވަނަ އަހަރު ބައިވެރިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: