ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓާ ނޫން ގޮނޑިތަކަކީ ހަމައެކަނި ފިރިހެނުންނަށް ޚާއްސަ ގޮނޑިތަކެއްކަމަށް ދެކޭ: އެޗްއާރްސީއެމް

ރައީސުލްޖުމްހޫރިއްޔާ މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޓާގެ ދަށުން ދޫކޮށްފައިވާ ގޮނޑިތައް ފިޔަވައި އެހެން ގޮނޑިތަކަކީ ހަމައެކަނި ފިރިހެނުންނަށް ޚާއްސަ ގޮނޑިތައް، ކަމަށް އާންމުން ޤަބޫލުކުރާކަން ހާމަވެފައިވާކަމަށް ހިޔުމަން ރައިޓްސް ކޮމިޝަންގެ ރިޕޯޓުން ދައްކައިފިއެވެ.

އެޗްއާރްސީއެމްގެ އަހަރީ ރިޕޯޓުގައި އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމުގައި ސިޔާސީ މައިދާނުގައި ގޮތް ނިންމާ ލެވެލްގައި އަންހެނުން ބައިވެރިވާ މިންވަރަށް ވަނީ އަލިއަޅުވާލާފައެވެ. ސިޔާސީ މައިދާނުގައި ބައިވެރިވުމަށް އަންހެނުންނަށް ގޮންޖެހުމެއް ނެތަސް، ގާނޫނީ އޮނިގަނޑުގެ ތެރެއިން އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށާއި ސިޔާސީ މައިދާނުގައި މައިދާނުގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް އެންމެ އެދެވޭ ގޮތަކަށް މަސައްކަތް ކުރެވިފައިނުވާކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ގާނޫނު ނަމްބަރު 18/2016 (ޖެންޑަރ އިކުއޭލިޓީގެ ގާނޫނު)ގެ 38 ވަނަ މާއްދާގައި ޖެންޑަރ އިކުއެލިޓީ ގާއިމްކުރުމަށް އެޅިދާނެ ޚާއްސަ ފިޔަވަޅުތައް ބަޔާންކޮށްފައިވާއިރު ޤާނޫނުގެ 37 ވަނަ މާއްދާގައި މިފަދަ ފިޔަވަޅުތައް ވަގުތީގޮތުން ނުވަތަ ދިގު މުއްދަތަކަށް އެޅުން މި ޤާނޫނުން ހުރަސްނާޅަކަމަށް ބަޔާންކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކުރެއެވެ. މިއީ ހަމައެކަނި އެޅިދާނެ ފިޔަވަޅުތަކެއްކަން ނުވަތަ ފިޔަވަޅު އެޅުމަށް ހުރަހެއްނެތްކަން ބަޔާންކޮށްފައިވުމަކީ އެފަދަ ފިޔަވަޅުތައް އެޅުމަށް ލާޒިމުކުރާކަމެއް ނޫންކަން ފާހަގަކުރެވިފައިވާކަމަށް ކޮމިޝަނުން ބުނެއެވެ. އަދި ނަތީޖާއެއްގެ ގޮތުން ޖެންޑަރ އިކުއަލިޓީ ޤާނޫނަށް ޢަމަލުކުރަން ފެށިތާ 5 އަހަރުވެފައިވާއިރު، ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެފައި ނެތްކަން ކޮމިޝަނުން ފާހަގަކުރެއެވެ.

ލޯކަލް ކައުންސިލްތަކުގައި އަންހެނުންނަށް 33 އިންސައްތަ ގޮނޑި ޚާއްސަކޮށް ކޯޓާއެއް ކަނޑައެޅުމަށްފަހު ބޭއްވި ފުރަތަމަ ލޯކަލް ކައުންސިލް އިންތިޚާބުގައި 833 އަންހެން ކެންޑިޑޭޓުން ވާދަކުރިކަން އެޗްއާރްސީއެމްއިން ފާހަގަކުރެއެވެ. މިއީ 2017 ވަނަ އަހަރާ އަޅާބަލާއިރު 73 އިންސައްތަ ގިނަ އަދަދެއްކަން ކޮމިޝަނުން ފާހަގަކުރެއެވެ. ލޯކަލް ކައުންސިލްތަކުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްސަކޮށްފައި ވާއިރު، މިފަދަ ކޯޓާއެއް ލުމުގެ މަގްސަދު އާންމުންނަށްވެސް މިކަމުގައި މަޝްޣޫލުވާ މީހުންނަށްވެސް ނޭނގޭކަން ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން، އަންހެނުންނަށް ކުރިމަތިލެވެނީ ހަމައެކަނި ކޯޓާގެ ދަށުން ޚާއްސަ ކޮށްފައިވާ ގޮނޑިތަކަށްކަމަށް ބައެއް ފަރާތްތަކުން ދެކޭކަން ފާހަގަކުރެވިފައިވާއިރު އާއްމު ގޮނޑިތަކަށް ކުރިމަތިލާފައިވަނީ ހަމައެކަނި 2 އިންސައްތަ އަންހެނުންކަން ކޮމިޝަނުން ފާހަގަކުރެވެއެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ކައުންސިލްތަކަށް އިންތިޚާބުވެފައިވާ ފަރާތްތަކުންވެސް ކުރިމަތިލާފައިވަނީ ކޯޓާ ގޮނޑިތަކަށްކަން ކޮމިޝަނުން ފާހަގަކުރެއެވެ. ހަމައެހެންމެ، ކައުންސިލްތަކުގެ އިސް މަޤާމްތަކަށް ކުރިމަތިލާފައިވާ އަންހެނުންގެ އަދަދު މަދުކަމާއި މިމަޤާމުތަކަށް އެއްވެސް އަންހެން ކެންޑިޑޭޓެއް އިންތިޚާބުވެފައި ނުވާކަންވެސް ކޮމިޝަނުން ފާހަގަކުރެއެވެ. ހަމައެއާއެކު ކޯޓާގެ ދަށުން ދޫކޮށްފައިވާ ގޮނޑިތައް ފިޔަވައި އެހެން ގޮނޑިތަކަކީ ހަމައެކަނި ފިރިހެނުންނަށް ޚާއްސަ ގޮނޑިތައް، ކަމަށް އާންމުން ޤަބޫލުކުރާކަން ކޮމިޝަނުގެ މީޑިއާ މޮނިޓަރިންގ މަސައްކަތުން ފާހަގަކުރެވިފައިވާކަމަށް ކޮމިޝަނުން ބުނެއެވެ.

ލޯކަލް ކައުންސިލްތަކުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްސަ ކުރާގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިސްލާހާއި ގުޅިގެން އެ އިސްލާހު ބާތިލްކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހަޅައި ދިވެހިރާއްޖޭގެ ހައިކޯޓުން އެ ނިންމުން ރަނގަޅުކަމަށް ނިންމުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށްވެސް މިމައްސަލަ ވަނީ ހުށައަޅާފައެވެ. ސުޕްރީމް ކޯޓުންވެސް ވަނީ އެއީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ޚިލާފުކަމެއް ނޫންކަމަށް ނިންމައި ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ.

ޢާއްމު އަދި ސިޔާސީ މަޤާމްތަކުގައި އަންހެނުންގެ ބައިވެރިވުމަށް ހުރި ގޮންޖެހުންތަކުގެ ގޮތުގައި ކޮމިޝަނުްނ ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި މާލީ ތަނަވަސްކަން ނެތުމާއި، ޢާއިލާއާއި މުޖްތަމަޢުގެ އެއްބާރުލުން ނުލިބުމާއި، ކެމްޕެއިނުގެ ތެރޭގައި އަންހެން ކެންޑިޑޭޓުންނަށް ފުރައްސާރަކުރުމާއި، މީޑިއާގައި ޢާއްމު އަދި ސިޔާސީ މަޤާމުތަކުގައި އުޅޭ އަންހެނުން ނޭދެވޭ ގޮތުގައި ތަމްސީލްކުރުމާއި، އަންހެނުންގެ ގާބިލްކަމާމެދު ސުވާލު އުފެއްދުން އަދި އަންހެނުންނާއި ފިރިހެނުންގެ ގާބިލްކަން މިނެކިރުމުގައި ތަފާތުކުރުން ގެންގުޅުން ހިމެނޭކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ގޭތެރޭގެ ދިރިއުޅުމުގައި ކުރަންޖެހޭ ކަންކަމަކީ އަންހެނުންގެ ޒިންމާކަމުގައި ދުށުމަށް މާބޮޑު ބަދަލެއް އައިސްފައި ނެތްކަމާއި ދަރިން އަދި އުމުރުން ދުވަސްވީ މައިންބަފައިން ބެލުމުގެ ޒިންމާ ގިނަފަހަރަށް އުފުލަންޖެހެނީ އަންހެނުން ކަމަށްވީއިރު، މިފަދަ ޒިންމާތަކަށް ލުއި ލިބޭނޭ އިންތިޒާމް ދައުލަތުން ހަމަޖައްސައިދިނުމަށް މިހާތަނަށް ފިޔަވަޅުތަކެއް އަޅާފައި ނެތްކަން ކޮމިޝަނުން ފާހަގަކުރެއެވެ. އެގޮތުން، ވަޒީފާއަދާކުރާ ވަގުތު ކުދިން ބޭތިއްބޭނެ ޑޭކެއަރ ސެންޓަރފަދަ ފެސިލިޓީތަކާއި އުމުރުން ދުވަސްވީ ފަރާތްތައް ބޭތިއްބޭނެފަދަ އެލްޑަރލީ ހޯމް ހަމަޖެހިފައި ނެތުމުގެ ސަބަބުން އަންހެނުން ސިޔާސީ މައިދާނަށާއި ވަޒީފާގެ މައިދާނަށް ނުކުތުމަށް ގޮންޖެހުންތައް ދިމާވާކަން ކޮމިޝަނުން ފާހަގަކުރެއެވެ.

މީގެ އިތުރުން ކެބިނެޓްގެ މަގާމުތަކުގައި އަންހެނުންގެ އިންސައްތަ އިތުރުވެފައި ވީނަމަވެސް، އެހެނިހެން ސިޔާސީ މަޤާމުތަކުގައި އަންހެނުން ތަމްސީލު ކުރަނީ 25 އިންސައްތަކަން ކޮމިޝަނުން ފާހަގަކުރެއެވެ. ސިޔާސީ އަދި އިޖްތިމާޢީ މައިދާނުގައި އަންހެނުން ބައިވެރިވެ އުޅުމަށް ޤާނޫނީގޮތުން ހުރަސްތަކެއް ނެތްނަމަވެސް، މުޖްތަމަޢުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުމަށް ގިނަ ގޮންޖެހުން ހުރިކަން ކޮމިޝަނުން ފާހަގަކުރެއެވެ. މީގެ ސަބަބުން ޖެންޑަރ އިކުއަލިޓީ ގާނޫނުގައިވާ ކަންކަން އެދެވޭ ގޮތުގައި ތަންފީޒުކުރެވިފައި ނުވާކަން ފާހަގަކުރެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން ޢައްޔަން ކުރެވިގެންދިއުމަކީ ގޮތްނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ޝަރުޢީ ދާއިރާގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަށް ލިބިގެންދިޔަ މުހިއްމު ކުރިއެރުމެއްގެ ގޮތުގައި އެޗްއާރްސީއެމްއިން ދެކެއެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ނިސްބަތަށް ބަލާއިރު، އަންހެން މެންބަރުން ތަމްސީލް ކުރާ މިންވަރު މަދުކަމަށާއި މަޖިލީހުގައި އަންހެނުންގެ ނިސްބަތަކީ 4.5 އިންސައްތަކަން ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެއީ 87 މެންބަރުންގެ ތެރެއިން 4 މެންބަރުންނެވެ. ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީތަކުގެ ޤާނޫނު)އަށް އިޞްލާޙު ގެންނަންޖެހޭކަން ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް 2019 ވަނަ އަހަރު ގެނައި 8 ވަނަ އިޞްލާޙާއެކު، ލޯކަލް ކައުންސިލްގެ 33 އިންސައްތަ އަންހެނުންނަށް ވަނީ ޚާއްސަ ކުރެވިފައެވެ. އަންހެނުންނާމެދު ކުރެވޭ އެންމެހާ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ ބައިނަލްއަޤުވާމީ މުޢާހަދާ (ސީޑޯ)ގެ 7 ވަނަ މާއްދާގެ ދަށުން ހުރިހާ އިންތިޚާބުތަކާއި ޚިޔާލު ހޯދުމުގެ އެންމެހާ ވޯޓުތަކުގައި ވޯޓުލުމުގެ ޙައްޤާއި، ޢާއްމުކޮށް އިންތިޚާބުކުރެވޭ މުއައްސަސާތަކަށް ކުރިމަތިލުމުގެ ހައްގާއި ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ބައިވެރިވުމާއި،  އެސިޔާސަތުތައް ތަންފީޒުކުރުމުގައި ބައިވެރިވުމާއި، އާއްމު މަގާމުތައް ފުރުމާއި، ސަރުކާރުގެ އެންމެހާ ގިންތިތަކެއްގައި ޙަރަކާތްތެރިވުމުގެ ހައްގު ކަށަވަރުކުރުމަށް ދައުލަތަށް ލާޒިމުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: