ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫއިން ސަބްމެރިން ކޭބަލަކުން ކުޅުދުއްފުށްޓާއި ސިންގަޕޫރު އަދި ޔޫރަޕް ގުޅުވާލަނީ!

ސަބްމެރިން ކޭބަލްގެ މައުލޫމާތު ދިނުމަށް އުރީދޫން ބޭއްވި ރަސްމިއްުޔާތުގެ ތެރެއިން/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށި ސިޓީ އާއި ސިންގަޕޫރު އަދި ޔޫރަޕް ގުޅުވާލަދޭ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް ފަށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް އުރީދޫއިން ހާމަކޮށްފި އެވެ.

އުރީދޫގެ ހިދުމަތް ފުޅާކުރުމަށް ކޮލަމްބޯއާއި މާލެއާއި ދެމެދު ސަބްމެރިން ކޭބަލްއެއް އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމާއި ގުޅޭގޮތުން އެންމެ ފުރަތަމަ އުރީދޫން މައުލޫމާތު ހިއްސާ ކުރީ މިދިޔަ މޭއި މަހު ތެރޭގަ އެވެ. އޭރު ކުންފުނީގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ، ޑިޖިޓަލް ހިދުމަތާއި އިންޓަނެޓުގެ ބޭނުން ރައްޔިތުންނަށް އެންމެ މުހިންމު ވަގުތަކަށް ވެގެން ދިޔައީ ކޮވިޑު-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށެވެ. އަދި ދިރިއުޅުމުގައި ހޯދަން ޖެހޭ ކޮންމެ ހިދުމަތެއް ވެސް ފުރިހަމަކަމާއި އެކު އެއްވެސް ޑީލޭއެއް ނެތި އިންޓަނެޓުގެ ޒަރިއްޔާއިން ހޯދުމުގެ ގާބިލުކަން ޓެކްނޮލޮޖީގެ ޒަރިއްޔާއިން ލިބިފައިވާކަން ނަޖީބް ފާހަގަ ކުރެއްވި އެވެ.

”ޕީސް ކޭބަލް“ ގެ ނަމުން ނަން ދީފައިވާ ސަބްމެރިން ކޭބަލް އެޅުމުގެ ހިދުމަތާ ބެހޭ ގޮތުން މިއަދު ނަޖީބު ވިދާޅުވީ ކޭބަލް ގުޅާލުމަށް ކުޅުދުއްފުށި ހިޔާރުކުރި ސަބަބަކީ ޑޭޓާ ޓްރެފިކަށް އިތުރު ދޮރުތައް ހުޅުވައިދީ، ޑިޖިޓަލް ހިދުމަތްތަކާއެކު ފަހި ވެގެން ދާނެ ފުރުސަތުތަކާއި މަންފާ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.ޕީސް ކޭބަލް އަކީ ކަސްޓަމަރުންނަށް މެދުކެނޑުމެއް ނެތި ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަށް، ބައިނަލްއަގްވާމީ ޑޭޓާ ފޯރުކޮށްދިނުމުގެ ގާބިލްކަން އިތުރުކޮށް ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ވަރުގަދަ ކޮށްދޭނެ ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލް ސިސްޓަމެކެވެ. މި ކޭބަލްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާވެ، ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީއަށް ބޭނުންވާ ވަސީލަތްތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށް އުރީދޫން ބުނެ އެވެ.

ޕީސް ސަބްމެރިން ކޭބަލް އެޅުމަށް އުރީދޫ މޯލްޑިވްސްއިން ހަމަޖައްސާފައި ވަނީ ކުޅުދުއްފުށި ސިޓީއިން ސިންގަޕޫރާއި ޔޫރަޕްގެ ގިނަ ރަށްތަކެއް ހިމެނޭގޮތަށެވެ.

ސަބްމެރިން ކޭބަލްގެ ސަބަބުން ސިންގަޕޫރާއި ޔޫރަޕްގެ 15 ގައުމުގެ އިތުރުން އިރުމަތީ އެފްރިކާ އާއި ރާއްޖެ ގުޅާލެވޭނެ އެވެ. އުރީދޫން ސަބްމެރިން ކޭބަލްއަށް އިންވެސްޓު ކުރުމަށް ނިންމާފައި ވަނީ އިންޓަނެޓްގެ ހިދުމަތުގެ ލޭޓެންސީ ރަނގަޅުކޮށް، ކެޕޭސިޓީ އިތުރު ކުރުމަށެވެ. މި ކޭބަލްއާއި އެކު 5 ޖީގެ ގާބިލުކަން އިތުރުކޮށް، އިޖާދީ ހިދުމަތްތަކަށް ފުރުސަތު ހުޅުވި ޑިޖިޓަލް ރާއްޖެއެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.

”5 ޖީ ނެޓްވޯކް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކާއި އިންޓަނެޓް އޮފް ތިންގްސް އަދި ކްލައުޑް ހިދުމަތްތަކުގެ އިތުރުން 5 ޖީ ނެޓްވޯކްގެ ބާރު ސްޕީޑްތަކާއެކު އީޖާދުވާ ހިދުމަތްތައް ދަނީ ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން… އެހެންކަމުން އިންޓަނެޓް ބޭނުންކުރާވަރު އިތުރުވެ، ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަށް ވަރުގަދަ އިންފްރާސްޓްރަކްޗަރ އެއް ބިނާކުރުމަކީ މުހިންމުކަމެއް… އެހެންކަމުން މިފަދަ އިންވެސްޓްމަންޓްތަކާ އެކު ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފުރިހަމަ މަންފާ ދިވެހި މުޖުތަމައުއަކަށް ފަހިކޮށްދިނުމުގައި އުރީދޫ މޯލްޑިވްސް ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން.“ ނަޖީބް ޙާން

ޕީސް ކޭބަލްގެ ލޭންޑިންގ ސްޓޭޝަންއަށް ކާމިޔާބުކަމާއެކު ގުޅާލުމާއެކު ރާއްޖޭގެ އުތުރު ވެގެންދާނީ އިރުމައްޗާއި ހުޅަނގަށް ޑިޖިޓަލް ފުރުސަތުތައް ފަހިކޮށްދޭނެ މަންޒިލަކަށެވެ. ހައިޕަސްކޭލަރ ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތުތަކުގެ އިތުރުން ކުޅުދުއްފުށީގައި ޑޭޓާ ސެންޓަރުގެ ހިދުމަތް ހޯސްޓްކުރުމުގެ ފުރުސަތު ހުޅުވިގެން ދާނެ އެވެ. ހަމައެހެންމެ، އުތުރުގެ ރަށްތަކުގައި ޑިޖިޓަލް ވިޔަފާރިތަކާއި ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ފެސިލިޓީތައް ކުރިއަރައިގެން ދާނެއެވެ. މި ކޭބަލް ވެގެން ދާނީ ދުނިޔޭގެ އެހެން ހިސާބުތަކަށް އިންފޮމޭޝަން ހައިވޭއަކަށް ކަމަށްވާތީ، މި ކޭބަލްގެ ސަބަބުން އާ ވަޒީފާތައް އުފެދި، އައު ހުނަރާއެކު މުޖުތަމައު ތަރައްގީވެ، ދުނިޔޭގެ ޑިޖިޓަލް މާހައުލުގައި ވާދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

”އުރީދޫ މޯލްޑިވްސް އިން އިސްނަގައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫއު އާއިއެކު ކުޅުދުއްފުށި ވެގެންދާނީ މާލެ ސިޓީގެ އިތުރުން ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލެއް މެދުވެރިކޮށް ގުޅާލެވޭ ފުރަތަމަ ރަށަށް… މި ފަހުރާއެކު އުތުރުގެ ރައްޔިތުންގެ އިތުރުން މުޅި ރާއްޖެއަށްވެސް އެތަކެއް ކުރިއެރުންތަކަކާއި ފުރުސަތުތަކެއް ފަހިވެ އައު އުސްމިންތަކަކަށް ވާސިލްކުރާނެ ކަމުގެ ޝައްކެއްވެސް ނެތް.. މި އާ އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލްގެ ލޭންޑިން ސްޓޭޝަން ހޯސްޓު ކުރުމަށް ކުޅުދުއްފުށި ސިޓީ އިހުތިޔާރު ކުރިކަމަށްޓަކައި އުރީދޫ މޯލްޑިވްސްއަށް އަޅުގަނޑުމެން ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން“ ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް

އުރީދޫން ލަފާ ކުރާ ގޮތުގައި ޕީސް ކޭބަލްގެ މަސައްކަތް ފުރިހަމަކޮށް، 2023 ވަނަ އަހަރުގެ ކުރީކޮޅު ހދ. ކުޅުދުއްފުށީގައި ކޭބަލް ގުޅުވާލެވޭނެ އެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން އައު ޓެކްނޮލޮޖީއާއި، އައު އީޖާދުތަކާއި، އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީ އާއި ގުޅުވާލަދޭ އިންގިލާބީ 5ޖީ ގެ ހިދުމަތް ފޯރުކޮށްދިނުމަށް ނެޓްވޯކް ތައްޔާރަށް އޮތް މިންވަރު އިތުރުވެގެންދާނެ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: