ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގެ 60 އިންސައްތަ ކުނީގެ މައްސަލަ ހައްލުވާނެ: ޝައުނާ

ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ / ޕީއެސްއެމް ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު އިފްތިތާހުކުރެވުނު މަޝްރޫއުއާއެކު 2023 ވަނަ އަހަރު ނިމިގެންދާއިރު ރާއްޖޭގައި އުފައްދާ ކުނީގެ ގާތްގަނޑަކަށް 60 އިންސައްތަ ކުނީގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ތިލަފުއްޓަކީ މީގެ 30 އަހަރު ކުރިން މި ސަރަޙައްދުގައި ގުދުރަތީ ގޮތުން އުފެދިފައި އޮތް ރީތި, ތިލަ ފަޅެކެވެ. އެހެންނަމަވެސް، މިއަދު އެތަނަކީ މުޅި ރާއްޖެއިން ވޭތުވެދިޔަ 29 އަހަރު ދުވަހު އުފެދުނު ކުނި ޖަމާ ކުރެވެމުން އައިސް ކުނިން އުފައްދާފައިވާ ރަށެކެވެ. ގެތަކުންނާއި, ސިއްހީ މަރުކަޒުތަކުންނާއި، ރިސޯޓުތަކުން, ފައިބަރު ދޯނީގެ ބޯޓު ޔާޑުތަކުންނާއި, އުޅަނދުތަކާއި, ކެމިކަލް އާއި, ބެޓަރީ އަދި އިމާރާތްތައް ތަޅާލުމުން އުފެދޭ ކުނިތައް 1991 ވަނަ އަހަރުން ފެށިގެން ޖަމާ ކުރަމުން މި އައީ ތިލަފުއްޓަށެވެ.

ޖުމްލަކޮށް މިހާތަނަށް ކުނި މެނޭޖްނުކޮށް,  އެއްވެސް ހަމައެއް ލަމައެއް ނެތި ކުނި އެތަނަށް އޮއްސާލަމުން, އަންދަމުން މިއަދާ ހަމައަށް އައި އިރު, އެގޮނޑު މިވަނީ އާންމު ނުރައްކަލަށް ވެފައެވެ. ގޮނޑުގެ އަލިފާންގަނޑުތައް ދުވަހަކުވެސް ނުނިވެއެވެ. އަދި ތިލަފުށިން އަރާ ވިހަ ދުމުގެ އަސަރު މާލެއާއި, މާލޭ ސަރަޙައްދުގެ ހުރިހާ ރަށަކަށްވެސް ކުރަމުން ދެއެވެ.

ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝައުނާ ވިދާޅުވީ ތިލަފުށީގެ ވެލިގަނޑުގެ ޓެސްޓުތައް ހަދައި ބެލިއިރު ކަންބޮޑުވާ އެތައްކަމެއް ހުރިއިރު، އެކަންކަން ހައްލުކުރުމަށްމިހާރު މަސައްކަތްކުރަމުްނދާ ކަމަށެވެ. ތިލަފުށި ފުރި ބާރުވެ, އިތުރަށް އެތަނަށް ކުނި ޖަމާނުކުރެވޭ މިންވަރަށް ކަންކަން ގޯސްވުމުގެ ސަބަބުންނާއި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުނި މެނޭޖް ކުރާނެ މަރުކަޒުތަކެއް ނެތުމުގެ ސަބަބުން ރާއްޖޭގެ ކޮންމެ ރަށެއްގައި މިހާރު މިވަނީ ތިލަފުށީގެ މިސާލު ފެންނާން ފަށާފައިކަމަށް ޝައުނާ ވިދާޅުވިއެވެ. އެތައް އަހަރެއް ވަންދެން ރަށްރަށުގައި އުފެދުނު ކުނިތައް ރަށުން ބޭރު ނުކުރެވި, ރާއްޖޭގެ ކޮންމެ ރަށެއް މިވަނީ ގާތްގަނޑަކަށް ކުނިވާން ފަށާފައި ކަމަށާއި އެކަމުގެ ނުރަނގަޅު އަސަރު އާންމު ސިއްޙަތަށާއި އާންމު ދިރިއުޅުމަށްވެސް ކުރަމުންދާއިރު، މިއީ ތާހިރު ދިރިއުޅުމަކަށް އޮތް ހުރައްގެ ގޮތުގައި ޝައުނާ ސިފަކުރެއްވިއެވެ.

ރާއްޖެ ފަދަ ޤައުމެއްގައި ކުނި މެނޭޖް ކުރުމަކީ ދަތި ކަމަކަށްވީއިރު މިކަމަކީ އަގުބޮޑު ކަމަކަށްވާނެކަމަށް ޝައުނާ ވިދާޅުވިއެވެ. ރަށްތަކުގެ ބިން ކުޑަވުމާއި, ދިރިއުޅުމަށް ބޭނުންކުރާ ހުރިހާ ތަކެއްޗަކީ އިމްޕޯޓުކޮށްފައިވާ ތަކެއްޗަށްވުމާއި, މެދުފަންތީގެ ޤައުމެއް ކަމުގައިވުމާއެކު ކުނި އުފެދޭ މިންވަރު މިއަންނަނީ ވަރަށް ބާރު ސްޕީޑުގައި އިތުރުވަމުންކަމަށް ޝައުނާ ވިދާޅުވިއެވެ. ކުނި އުފެދޭ މިންވަރު އިތުރުވިނަމަވެސް, ރޭވިގެން ކުނި މެނޭޖްކުރުމުގެ އިންތިޒާމް އަދި ރާއްޖޭގައި ނެތްކަމަށް ޝައުނާ ވިދާޅުވިއެވެ.

މިއީ “އޭބީސީ” ގެހިލޭ އެހީއާއި ކޮންސެޝަނަލް ލޯން އަދި “އޭއައިއައިބީ” ކޮންސެޝަނަލް ލޯން އެހީ އާއި ޖަޕާން ފަންޑް ފޯ ޕޮވަރޓީ ރިޑަކްޝަންގެ ހިލޭ އެހީގެ އިތުރުން ދިވެހި ސަރުކާރުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓަކީ ރާއްޖޭގެ ތިމާވެށީގެ ތާރީހުގައި މިހާތަނަށް ކުރެވުނު އެންމެ ބޮޑު ކޮންޓްރެކްޓް ކަމަށްވެސް ޝައުނާ ވިދާޅުވެފައިވެއެވެ. މި ޕްރޮޖެކްޓަށް ޖުމްލަ 304 މިލިއަން ޑޮލަރު ހަރަދުކުރެވިގެން ދާނެއެވެ.

މިއީ ދެފިޔަވައްސަކަށް ބަހާލައިގެން ހިންގޭ މަޝްރޫޢެއް ކަމަށްވާއިރު، ފުރަތަމަ ފިޔަވަހީގެ އިންފްރާސްޓްރަކްޗަ ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު މިވަނީ ނިމިފައެވެ. ތިލަފުށީގައި މި ފެންނަ ބޮޑު ގޮނޑު އެއްފަރާތްކޮށް އެތަނުގެ ހާބަރު ހަދައި, މުސްތަގްބަލުގައި ކުނި ގެނެސް ބާލާނެ ސަރަޙައްދު މިވަނީ ތަރައްގީކޮށް ނިމިފައެވެ. އަދި ކުނި ގެނެސް, ކިރައި, ބައިބައި ވަކިކޮށް, ޝްރެޑް ކުރުމަށްފަހު އިންސިނެރޭޓް ކުރުމަށް ބޭލް ކުރެވޭނެއެވެ. ހަމަމިއާކު، ޒަމާންތަކެއްވަންދެން އެގޮނޑުގައި ރޯވެފައިވާ އަލިފާންގަނޑު މިވަނީ ނިވާލާފައެވެ.

ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކުގެ ތެރޭގައި ކ,އއ, އދ އަދި ވ އަތޮޅުގެ ހުރިހާ ރަށެއްގައި ކުނިކޮށި ގާއިމުކޮށް މަރާމާތު ކުރެވޭނެއެވެ. އަދި ކުނި މެނޭޖް ކުރުމަށް އުޅަނދާއި އިކުއިޕްމަންޓް ފޯރުކޮށްދެވޭނެއެވެ. މީގެއިތުރުން މާލެއާއި, ވިލިމާލެ, އަދި ހުޅުމަލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ޤާއިމުކުރެވޭނެއެވެ. މި މަސައްކަތުގެ ކޮންޓްރެކްޓްގައިވެސް މިހާރުވަނީ ސޮއިކޮށްފައެވެ. އަދި މި ސަރަޙައްދުގައި ކުނި ތިލަފުއްޓަށް ގެންދިއުމަށް އުޅަނދުތައް ގަތުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ޝަައުނާ ވަނީ ވިދާޅުވެފައެވެ.

ދެވަނަ ފިޔަވަހީގެ މަސައްކަތަކީ ވޭސްޓު އެނާޖީ ޕްލާންޓް ޤާއިމުކުރުން ކަމަށްވާއިރު، ވޭސްޓް އެނާޖީ ޕްލާންޓް ގާއިމުކުރުމަށް މިހާރުވަނީ ސްޕޭންގެ މަޝްހޫރު ކުންފުންނެއް ކަމުގައިވާ އުރްބާސާއާ އެކު ޑިޒައިން, ބިލްޑް އެންޑް އޮޕަރޭޓު ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ. އަދި މިއީ ވާދަވެރި ބީލަން އުސޫލުން އޭޑީބީގެ ބެލުމުގެ ދަށުން ކުރިއަށް ދިޔަ ކަމެއް ކަމަށް ޝައުނާ ވަނީ ފާހަގަކުރަށްވާފައެވެ. އެހެންކަމުން، ވޭސްޓު އެނާޖީ ޕްލާންޓް ހިންގުމަށް އުރްބާސާއާއެކު ސޮއިކޮށްފައިވަނީ 15 އަހަރު ދުވަހުގެ މުއްދަތަށެވެ.

މި މުހިއްމު މަޝްރޫޢުއަކީ ތިލަފުށީގެ މަލަމަތި މުޅިން ބަދަލުކޮށް، ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ކުނި މެނޭޖްކުރުމަށް ކުރެވޭ މަސައްކަތުގެ ބިންގަލެވެ.

ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސަސްކޮށް، 8 މެގަވޮޓާއި، 8.5 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެއެވެ. މި ފެސިލިޓީ އޮޕަރޭޓްކުރުމުގައި ހިންގުމަށްދާ ހަރަދު ހޯދުމަށް ހަމަޖެހިފައިވަނީ މިފެސިލިޓީން އުފައްދާ ކަރަންޓާއި އަދި ކުނި އަންދައިގެން ލިބޭ އަޅި ބޮޓޮމް އޭޝް (އަޅި) ރިސައިކަލްކޮށް ވިއްކައިގެންނާއި އެހެނިހެން ގޮތްގޮތުން ލިބޭފައިސާއިންނެވެ.

މމަޝްރޫޢުގެ އަމާޒަކީ، ކުންޏަކީ އާމްދަނީ ލިބޭ ވަޞީލަތަކަށް ހެދުމަށެވެ. މިމަސައްކަތް 2023 ވަނަ އަހަރު ނިމިގެންދާއިރު ރާއްޖޭގައި އުފައްދާ ކުނީގެ ގާތްގަނޑަކަށް 60 އިންސައްތަ ކުނީގެ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ. މީގެއިތުރުން މިމަޝްރޫޢުގެ ދަށުން ގާއިމްކުރާ ނިޒާމަކީ ވަށައިޖެހޭ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކުނިމެނޭޖް ކުރެވޭނެ ނިޒާމެކެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުފަޅުގެ ރައްކާތެރިކަން ކަށަވަރު ކުރެވިގެންދާނެއެވެ. މީގެއިތުރުން، ދެމެހެއްޓެނިވި އުސޫލުން ރޭވިގެން ކުނި މެނޭޖް ކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: