ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލައި އިދިކޮޅުން ފަށާފައިވާ ”އިންޑިއާ އައުޓް“ ކެމްޕޭނަށް ކުރީގެ ރައީސް އަބްދުالله ޔާމީން ފ.ނިލަންދޫ އަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޔާމީން ނިލަންދޫ އަށް ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު ކަމަށާއި އެ ދުވަހު ހަވީރު އެ ރަށުގައި ބާއްވާ ހަރަކާތުގައި ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެރޭ ނިލަންދޫގައި ބާއްވާ ޖަލްސާގައި ވެސް ޔާމީން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
މިދިޔަ ހަފްތާގައި ޔާމީން ވަނީ ގުރައިދޫ އާއި ތުލުސްދޫއަށް ވެސް ވަޑައިގެންފަ އެވެ. މިއީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ޔާމީން ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

