ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރަބިއްޔާ ސްކޫލްގެ ވަގުތީ އިމާރާތަކަށް ފޮރިން މިނިސްޓްރީ ވަގުތީގޮތުން ހިންގި އިމާރާތް!

ފޮރިން މިނިސްޓްރީ ވަގުތީގޮތުން ހިންގި އިމާރާތް/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަރަބިއްޔާ ސްކޫލަށް ވަގުތީ އިމާރާތަކަށް ފޮރިން މިނިސްޓްރީ ވަގުތީގޮތުން ހިންގި އިމާރާތް ދިނުމަށް ހަމަޖައްސާފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އަރަބިއްޔާ ސްކޫލްގެ ކަންކަން އާންމުންނާއި ހިއްސާކުރުމަށް ބޭނުންކުރާ އެކައުންޓްގައިވާ ގޮތުން އަރަބިއްޔާ ސްކޫލް ވަގުތީގޮތުން ހިންގުމަށްޓަކައި ވަކި އިމާރާތެއްގެ ގޮތުގައި ވަގުތީގޮތުން ފޮރިން މިނިސްޓްރީ ހިންގި އިމާރާތް ވަނީ ހަމަޖައްސާފައެވެ. އެހެންނަމަވެސް، މިކަން ސަރުކާރުންވެސް އަދި އެޑިޔުކޭޝަން މިނިސްޓްރީއިންވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ އިމާރާތް ހަލާކުވެ، އެ އިމާރާތު ތަނބުތައް ފަޅައިގެން ގޮސް އޭގެ ބައިތައް ވެއްޓި ކުދިންގެ ހަށްޓަށާއި ފުރާނައަށް ނުރައްކާވާ ހިސާބަށް ތަނުގެ ހާލަތު ގޮސްދާނެ ކަމަށް ލަފާކުރެވުމާއި އެކު 2018 ވަނަ އަހަރުން ފެށިގެން ސްކޫލުން ގެންދިޔައީ އެކަން އެޑިއުކޭޝަން މިނިސްޓްރީއަށް އަންގަމުން ކަމަށް ސްކޫލްގެ ޕީޓީއޭއިން ބުނެއެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް އިޖާބަ ދިނުމެއް ނެތި ސްކޫލުގެ އިމާރާތް މަރާމާތު ކުރުމަށް ބަޖެޓު ނެތް ކަމުގެ ބަހަނާ ދެއްކެވުމަށް ފަހު، އިމާރާތް މަރާމާތު ނުކުރައްވައި ލަސްކުރައްވަމުން ގެންދެވިކަމީ ޢަރަބިއްޔާ ސްކޫލަށް އެޑިއުކޭޝަން މިނިސްޓްރީން ގަސްތުގައި އިހުމާލުވެލައްވާފައިވާ ކަމުގެ ސާފު ހެއްކެއްކަމަށްވެސް ޕީޓިއޭއިން އަންނަނީ ބުނަމުންނެވެ.

މައްސަލަ ބޮޑުވެ، މީޑިޔާތަކަށް ތިލަވުމާއެކު އަދި ބެލެނިވެރިންގެ އިހުތިޖާޖުތަކާއެކު ސަރުކާރުން ނިންމީ ވަގުތީގޮތުން ދަރިވަރުން އިއްޒުއްދީން ސްކޫލަށް ފޮނުވުމަށެވެ. އެހެންނަމަވެސް، އިއްޒުއްދީން ސްކޫލަށް ދަރިވަރުން ފޮނުވުމަށް އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ވަނީ ދެކޮޅު ހަދާފައެވެ. އިއްޒުންދީން ސްކޫލަށް އަރަބިއްޔާގެ ދަރިވަރުން ގެންގޮސްގެން ކިޔަވައިދިނުމަކީ، ކުރެވޭނެ ވަރުގެ ކަމެއް ނޫންކަމަށާއި، އެކަން އެހެން ކޮށްފި ނަމަ ދަރިވަރުންގެ ކިޔެވުމާއި ސުލޫކަށް އަދި އެހެނިހެން ކަންކަމަށް ބޮޑެތި ނުރައްކަލާއި ފޫ ނބެއްދޭ ވަރުގެ ގިނަގުނަ ގެއްލުންތައް ވާނެކަމަށް ބެލެނިވެރިންވަނީ ބުނެފައެވެ.

އާ އިމާރާތް އެޅުމަށް ބާޖަމާލުއްދީން އިމާރާތް ހުރި ބިން ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް ވަގުތީގޮތުން ދަރިވަރުން އިއްޒުއްދީން ސްކޫލަށް ފޮނުވުމަކީ ކުރެވޭނެކަމެއް ނޫންކަމަށް ތަކުރާރުކޮށް ބެލެނިވެރިން އައީ ބުނަމުންނެވެ. މިމައްސަލާގައި އެޑިޔުކޭޝަން މިނިސްޓަރވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންނާއި ބައްދަލުކޮށްފައެވެ.

ބެލެނިވެރިންގެ އިހުތިޖާޖުތަކާއި ބޭނުންކުރަމުންދާ “ސޭވް އަރަބިއްޔާ” ސްލޯގަންގެ ސަބަބުން ވަނީ ނުތަނަވަސްކަން އުފެދިފައެވެ. އެއާއެކު މިނިސްޓަރވެސް ވަނީ އެސްލޯގަން ބޭނުންނުކުރުމަށް ގޮވާލާފައެވެ. އަދި މިސަރުކާރުން އަރަބި އިސްލާމް ތައުލީމަށް އަހަންމިއްޔަތުކަން ދޭކަމަށާއި އަރަބިއްޔާ ސްކޫލް އުވާލަން ނޫޅޭކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: