ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ މެރިޓައިމް ސަވައިވަލް ސެންްޓަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފިއެވެ.
ގައުމީ ޔުނިވާސީޓީގެ ފަރާތުން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފެވެ.
އެ މަޝްރޫއުގެ ދަށުން ޝީޓް ޕައިލްކޮށްފައިވާ 1،200 ކިއުބިކް މީޓަރުގެ ލޭންޑް ފިލްކުރުމާއި، 35 މީޓަރުގެ އެއްގަމު ތޮށި ޝީޓް ޕައިލްކުރުމާއި، 27.25 މީޓަރުގެ އެއްގަމު ހުރަސް ތޮށީގައި ކޮންކްރީޓް ގާ ޖެއްސުމާއި 4.2 މީޓަރު ދިގުމިނުގެ 6.4 މީޓަރު ފުޅާމިނުގެ ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. އަދި ވާ އައްސާ މޫރިން ބޮލާޑް ހަރުކުރުމުގެ މަސައްކަތުގެ އިތުރުން އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
210 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި އެ ޕްރޮޖެކްޓަކީ 4.59 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީއްސުރެވެސް ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ މަސީލަތްތައް ބިނާކުރުމުގައި އެ ކުންފުނިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

