ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

119 ކިލޯ ވެސް ގުޅެނީ މަސްތުވާތަކެތީގެ ބޮޑެއްކަމަށް ބުނާ އަރުޝަދާއި!

119 ކިިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުން/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިސެމްބަރުގެ 12 ގައި މާލޭގެ ސަރަހައްދުގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް ހުރީ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި އުފުލި ދައުވާއިން ސަލާމަތްވި އަރުޝަދު ހާލިދު ކަމަށް ފުލުހުން މައުލޫމާތު ދީފި އެވެ.

2020 ވަނަ އަހަރުގެ ކުރީކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަރުޝަދު ހައްޔަރު ކުރީ، މާލޭގެ ގެއެއް ބަލާ ފާސް ކުރުމުގެ ތެރެެއިން 09 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ. އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާދާއިރާއެއްގައި އެތަކެތީގެ ވިޔަފާރިކުރާ ބޮޑު ނެޓްވޯކެއްގެ އިސް ލީޑަރުކަމަށް ތުހުމަތު ކުރެވެ އެވެ. އަދި ޑައަމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލި އަރުޝަދު އެ މައްސަލައިން ވަނީ މިނިވަންވެފަ އެވެ.

މާލޭގެ 10 ގެއެއް ބަލާ ފާސްކޮށް ހިންގި އެ އޮޕަރޭޝަނުން ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ މީހުން ފިޔަވާ އެހެން އެންމެން ސަލާމަތްވި އެވެ. އެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ.

ފުލުހުންގެ އެ އޮޕަރޭޝަނުގައި އަރުޝަދާއި ގުޅުން ހުރި 4.6 މިލިއަން ރުފިޔާ ހޯދި އެވެ. އެ މައްސަލައިގައި ހައްޔަރުކުރި ބައެއް މީހުންގެ އެކައުންޓްތަކުގައި ހުރީ މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދި ފައިސާކަމަށް ތުހުމަތުކޮށް، އެ އެކައުންޓްތައް ފްރީޒް ކުރި އެވެ. ނަމަވެސް އަރުޝަދު ބުނާ ގޮތުން އޭނާގެ އަތުގައި އެ ފައިސާ ހުރީ ހުއިފިލަނޑާގެ ވިޔާފާރި ކުރާތީ އެވެ.

ރާއްޖެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަންނަމުން ދާ މިންވަރު އިތުރުވެފައި ވަނިކޮށް، ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ޓެކްސީއެއް ހުއްޓުވައި ބަލައި ފާސް ކުރިއިރު އޭގައި މަސްތުވާތަކެތި ބަންދުކޮށްފައި ހުރި 28 ޕެކެޓު ފެނިފައި ވެއެވެ. އެ މައްސަލައިގައި ދެ މީހަކު ހައްޔަރު ކުރިއިރު އެއީ އެއީ ގދ. ހޯނޑެއްދޫ، އިރުމަތީގެ އަހުމަދު ސުނައިނު (25 އ) އާއި އެރަށު ގުލޭނޫރަންމާގޭ، އަލީ ޒުބައިރު (52 އ) އެވެ. މި ދެ މީހުންނަކީ ވެސް ކުރީގެ ދައުވާއިން ކޯޓުން ސަލާމަތް ވި މީހުންނެވެ.

މީޑިއާތަކަށް ފުލުހުން ބުނީ، ޓެކްސީއިން ފެނުނު މަސްތުވާތަކެތި މާލެ ގެނެސްފައި ވަނީ، “ބަންގާ” ނަމަކަށް ކިޔާއި ލޯންޗެއްގައި ކަމަށެވެ. އަދި އެތަކެތި ލޯންޗަށް އެރުވުމުގައި ހަރަކާތްތެރިވެފައި ވަނީ ގދ. ހޯނޑެއްދޫ، ދޯދި، މުހައްމަދު އަކްރަމް އަބްދުލް ހަންނާނު، (31 އ) އާއި ގދ. ހޯނޑެއްދޫ، އަލޯރާ، އަހުމަދު މުޖާހިދު، (29 އ) ކަމަށެވެ. މަސްތުވާތަކެތި ގެނައުމުގައި އަމަލު ކުރަންވީ ގޮތުގެ އިރުޝާދު ދިނީ އަރުޝަދުކަމަށް ފުލުހުން ބުނެ އެވެ.

އަރުޝަދާއި އޭނާގެ ނެޓްވޯކްގެ މީހުންގެ މައްޗަށް ކުރި ދައުވާ ކްރިމިނަލް ކޯޓުން ސާބިތު ނުވުމުން މިހާރު ވަނީ ހައި ކޯޓުގައި މައްސަލަ އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލައިގައި ދައުލަތުން އަރުޝަދުގެ މައްޗަށް ތުހުމަތު ކުރާ ގޮތުގައި އެ މީހުން ވަނީ މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިއަށް އެޕާޓްމަންޓުތައް ކުއްޔަށް ނަގާފަ އެވެ. އަދި ގަނޑުކޮށް މަސްތުވާތަކެތި ރައްކާކޮށް ބަހައްޓާނެ ތަނާއި، އެކަމަށް ވަކި ބަޔަކު ހާއްސަކޮށް، ވިއްކުމަށް ވެސް ވަކި ބަޔަކު ކަނޑައަޅައި، ފައިސާގެ މުއާމަލާތަށް ވެސް ހާއްސަ ބަޔަކު ކަނޑައަޅާފައި ހުންނަކަމަށް ބުންޏެވެ. އެއީ އަރުޝަދު އިސްވެ ހުރެ ހިންގާ ނެޓްވޯމުގެ މަަސައްކަތްތައް ކުރިޔަށް ގެންދާގޮތް ކަމަށް ވެސް ދައުލަތުން ހައިކޯޓުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ފުލުހުން ވަނީ އަރުޝަދާއި ގުޅުން ހުރި ގެތަކުން ގަނޑުކޮށް މަސްތުވާތަކެތި ވިއްކުމަށް ޕެކްކޮށްފައި ހުރި ތަކެއްޗާއި، ކުދި ޕެކެޓުތަކުގައި ހުރި މަސްތުވާތަކެތި ވެސް ފެނިފައިވާކަމަށް ބުނެފަ އެވެ. އަދި އަރުޝަދު އެތެރެކޮށް ވިއްކާ މަސްތުވާތަކެތީގެ ޕެކެޓުތަކުގައި ނޫ ކުލައިގެ ރޮނގެއް ކުރަހާފައި ހުންނަކަން ފުލުހުން ފާހަގަ ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: