ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާޖަމާލުއްދީނުގައި އަރަބިއްޔާ އެޅުމުގެ ބަދަލުގައި އެމްޑީޕީ ކައުންސިލަރުން ބޭނުމީ ޕާކެއް އަޅަން!

ބަޖާލުއްދީން ބިމުގައި ޕާކެއް އަޅަން ތާއީދު ކުރި އެމްޑީޕީގެ ތިން މެމްބަރުން/ ފޮޓޯ: ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ތައުލީމަށް އާ އިމާރާތެއް އެޅިތާ ދިހަ އަހަރު ނުވަނީސް އެ އިމާރާތުގައި ރެނދުލައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމުން، ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކޮށް ސްކޫލު އަޅަން ސަރުކާރުން ނިންމި ބާ ޖަމަލުއްދީން ބިން ޕާކިން ޒޯނަކަށް ބަދަލުކުރަން އެމްޑީޕީގެ މާލެ ސިޓީ ކައުންސިލްގެ މެމްބަރުން ހުށަހަޅައިފި އެވެ.

އިއްޔެ ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މި ހުށަހެޅުން ހުށަހެޅުއްވީ މައްޗަންގޯޅި މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ޒަމީރެވެ. އިންތިހާބާއި ބެހޭ މަރުކަޒުގެ ގޮތުގައި މިހާރު ވެސް ބާ ޖަމާލުއްދީންގެ ބައެއް ބޭނުން ކުރެ އެވެ. އަރަބިއްޔާ އިމާރާތުގައި ހުރި މައްސަލަތަކާއި، އެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ބެލެނިވެރިން ހިއްސާ ކުރުމުން އެމަނިކުފާނު ނިންމެވީ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން ފޮރިން މިނިސްޓްރީގެ ވަގުތީ އިމާރާތަށް ބަަދަލުކޮށް، ބާ ޖަމާލުއްދީން ހުރި ބިމުގައި އާ އިމާރާތެއް އެޅުމަށެވެ.

އެކަން ރައީސުލްޖުމްހޫެރިއްޔާގެ އޮފީހުން މީޑިއާތަކާއި ވެސް ހިއްސާކޮށްފައިވަނިކޮށް އިއްޔެ އޮތް ކައުންސިލްގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ރައްޔިތުންގެ ބިމެއް، ރައްޔިތުން ބޭނުން ނޫން ގޮތަކަށް ނުވަތަ ބޭނުން ކުރާނެ ގޮތުގެ ބަހެއް ހޯދުމެއް ނެތި ވަކި އިންތިޒާމުތަކެއް ހަމަނުޖެއްސޭނެކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ ކަމަށެވެ. މާލެއަކީ ޕާކިންގެ ޖާގަ ކުޑަތަނެއްކަމާއި، އެކަމުގެ ޝަކުވާތައް އަބަދުވެސް ރައްޔިތުންގެ ފަރާތުން އިވޭއިރު މާލޭގެ ބައެއް ސަރަހައްދުތައް އެއީ ރައްޔިތުން ހަމަޖެހިގެން ނޭވާލާނެ ތަންކޮޅެއް ވެސް ނެތް ސަރަހައްދުތަކެއްގެ ގޮތުގައި ޒަމީރު ސިފަ ކުރެއްވި އެވެ. އަދި ވިދާޅުވީ ސިޓީ ކައުންސިލުގެ ވިސްނުން ހުރީ ބާ ޖަމާލުއްދީން ބިމުގައި ބޭސްމަންޓެއް ހަދައި އަޑިއަށް ޕާކު ކުރެވޭ ގޮތް ހެދުން ކަމަށެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ބާ ޖަމާލުއްދީނަށް ސްކޫލެއް ބަދަލު ކުރުމުން ސަރަހައްދުގެ ޓްފެކް ފްލޯއަށް ބާރު ބޮޑެވެ އުނދަގޫތަކާއި ކުރިމަތިވާނެ ކަމަށެވެ. ސްކޫލު އެތަނަށް ބަދަލު ނުކުރެވޭނެ އިތުރު ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ، މިނި ބަސްތަކަށް އެތަނުން ދަތުރު ކުރަން އުނދަގޫވުމެވެ. އެހެން ކަމުން ބަސް ރޫޓުތަކަށް ފަސޭހަ ގޮތްތައް ހޯދުން އެއީ ކައުންސިލާއި ސަރުކާރުގެ ޒިންމާއެއްކަމަށް އޭނާ ވިދާޅުވި އެވެ.

މިވާހަކަތަކަށް ބާރު ދިނުމުގެ ގޮތުން ޒަމީރު ވަނީ، ނިކަގަސް މަގުގެ ޓްރެފިކަށް ބާރު ބޮޑުވެ، ތޮއްޖެހޭކަމަށް ވިދާޅުވެފަ އެވެ. އަދި ހަމަ އެ ބްލޮކުގައި އެހެން ސްކޫލެއް ހުރުމުން ވެސް ޓްރެފިކަށް ބާރު ބޮޑުވެ އުނދަގޫތަކެއް ވާކަމަށް ވިދާޅުވެފަ އެވެ.

“މިއީ ހަމައެކަނި އެ ސަރަހައްދުން ދެކުނުން އުތުރަށް މަޖީދީމަގަށް ނިކުންނަށް އޮތް މަގު..” ޒަމީރު

އެހެންވެ ޒަމީރު ހުށަހެޅީ ސްކޫލު ނާޅައި “އަވަށުގެ” ރައްޔިތުން އެދޭގޮތަށް ތަނުގައި ޕާކިން ޒޯނެއް އެޅުމަށެވެ.

ސްކޫލު އެޅުމާއި ދެކޮޅަށް ޒަމީރު ދެއްކި ވާހަކައަށް އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު ސައިފް ފާތިހާއި، ގަލޮޅު ހުޅަނގު ދާއިރާގެ މަރިޔަމް ނާޒިމާ ވެސް ތާއީދު ކުރި އެވެ.

ސައިފު ވެސް ވިދާޅުވީ މާލޭގެ ރައްޔިތުންނާއި އެކި ބައްދަލުންތަކުގައި އައި ހުށަހެޅުމަކީ، އެ ސަރަހައްދު ފަސޭހަތަނަކަށް ހެދުން ކަމަށެވެ. ނަމަވެސް މިއީ އަރަބިއްޔާގެ މައްސަލަ އައުމުގެ ކުރިން ދެކެވުނު ވާހަކަތަކެއްކަން ފާހަގަކޮށް ސައިފް ވިދާޅުވީ ރައްޔިތުން ހުށަހަޅަނީ ޕާކެއްގެ ސިފައިގައި ތަނެއް ތަރައްގީ ކުރުމަށް ކަމަށެވެ. އެއީ އެ މީހުން ހުސް ވަގުތު ހޭސަކުރުމަށްކަމަށް ވެސް ސައިފް ވިދާޅުވި އެވެ.

“މިހިސާބުގެ ކުދިން ނިކުމެ، ބޯޅައެއް ކުޅެލާނެ ތަނެއް ނެތޭ… އެ ޖާގައެއް ނެތޭ.. ސޯޝަލް ބޭނުމަށް މިކަހަލަ ބޭނުމެއް ތަނެއް އެކަހަށަޅައި ދޭށޭ ރައްޔިތުން އެދެނީ.. މިއެދުން ހާއްސަކޮށް މައްޗަންގޯޅީގެ ރައްޔިތުންގެ ފަރާތުން އާދޭ” ސައިފް

އަރަބިއްޔާ ކުދިންނަށް ރަނގަޅު ބިމަކާއި، ކިޔެވުން ކުރިޔަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހެންޖެހޭކަން ގަބޫލު ކުރާކަމަށް ސައިފް ވިދާޅުވި އެވެ. ސްކޫލުގެ ދަރިވަރުންނަށް ބޭނުންވާނެ އިންތިޒާމުތަކަށް ސިޓީ ކައުންސިލަށް، ރައީސް އޮފީހަށް ނުވަތަ އެޑިއުކޭޝަނަށް ހުށަހެޅިދާނެކަމަށް ސައިފު ވިދާޅުވި އެވެ. އެނާ ހުށަހެޅީ ޕާކިން ޒޯނަކަށް ހެދުމުގެ ހުށަހެޅުން ސަރުކާރަށް ހުށަހަޅާއިރު ކައުންސިލުން އެހެން ބިމެއް ދެއްކުމަށެވެ. އަދި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބިންތަކަށް މަޝްވަރާ ކުރެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ބާޖަމާލުއްދީނުގައި އެހެން ސްކޫލެއް އެޅުން އެއީ ޓްފިކަށް އަނެއްކާވެސް އަންނަނެ ބާރެއްކަން ގަބޫލު ކުރަންޖެހޭކަމަށް ސައިފް ވިދާޅުވި އެވެ.

ކައުންސިލް ބައްދަލުވުމުގައި ނާޒިމާ ވިދާޅުވީ، އަރަބިއްޔާ ސްކޫލް ބަދަލުކުރެވޭނެ އެހެން ބިމެއް ލިބޭތޯ މުއައްސަސާތަކާއި މަޝްވަރާ ކުރަންޖެހޭ ކަމަށެވެ.

ހުށަހެޅުންތަކަށް މާލޭ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ބާޖަމާލުއްދީން ހުރި ބިމުގައި އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އަޅަން ސަރުކާރުން ނިންމެވީ، ދާއިރާގެ ރައްޔިތުންގެ ހިޔާލު ހޯދި ފަހުން ކަމަށެވެ. އެ ނިންމުން އައިސްފައިވާތީ، ދާއިރާގެ ރައްޔިތުންގެ ހިޔާލު އަލުން ހޯދަން ޖެހޭކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި ރައްޔިތުން ވެސް އެދެނީ ބާ ޖަމާލުއްދީނުގައި އަރަބިއްޔާގެ އާ އިމާރާތް އެޅުމަށް ނަމަ ސަރުކާރުގެ ނިންމުމަށް ތާއީދު ކުރާނެކަމަށް ވެސް ވިދާޅުވި އެވެ.

އެހެންވެ ރައްޔިތުންގެ ހިޔާލު ހޯދަން އިއްޔެ ޖަލްސާގައި ފާސްކުރި އެވެ. 

އަރައްބިޔާ ސްކޫލު ދަރިވަރުންނަށް 2010 އެގައި އާ އިމާރާތެއް އަޅައި، ތަން ބޭނުން ކުރަން ފެށިތާ މާ ގިނަ އަހަރުތަކެއް ނުވެ އިމާރާތުގައި ރެނދުލައި ބޭނުން ނުކުރެވޭ ވަރަށް ތަން ހަލާކުވެފައިވާތީ ބެލެނިވެރިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. 2020 އިން ފެށިގެން ބެލެނިވެރިންގެ ފަރާތުން ހުށަހެޅި ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ނުލިބި ވަނިކޮށް، މައްސަލަ ގޯސްވީ އިމާރާތުގެ ހާލަތު މީޑިއާގެ ސަމާލުކަމަށް ގެނެސް ސޯޝަލް މީޑިއާގައި ފޮޓޯތައް ދައުރުވާން ފެށުމުންނެވެ.

މާޒީގައި އަރަބިއްޔާގެ ދަރިވަރުންނާއި މުވައްޒަފުން ވަނީ ހިތްދަތި ތަޖުރިބާތަކެއް ކޮށްފައިކަމަށް ވުމުން، ސްކޫލަށް ދެރަގޮތެއް ވިޔަނުދޭން އެދި ރައީސުލްޖުމްހޫރިއްޔާއަށް ބެލެނިވެރިން ހުށަހަޅާފައި ވެއެވެ.

އަރަބިއްޔާގެ ދަރިވަރުން މީގެ ކުރިން ވެސް އެހެން ސްކޫލަކާއި އެއް ކުރުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ދިމާވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: