އަތޮޅުތެރޭގައި ތިން ހޮސްޕިޓަލެއް އިމާރާތްކުރުމަށް ބަޔަކު ހޯދުމަށް އިއުލާންކޮށްފިއެވެ.
ކޮންޓްރެކްޓަރ ފައިނޭންސިން އުސޫލުން ހޮސްޕިޓަލްތައް އިމާރާތްކުރުމަށް ނިންމާފައިވަނީ ނ. ކެނދިކުޅުދޫ، ހއ. އިހަވަންދޫ އަދި ޅ. ހިންނަވަރުގައެވެ.
ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ނޮން ރީފަންޑަބަލް ފީއެއްގެ ގޮތުގައި 1500 ރުފިޔާ ދައްކަންޖެހެއެވެ. އަދި ބިޑް ސެކިޔުރިޓީގެ ގޮތުގައި 690،000 ރުފިޔާ ނުވަތަ އެމިންވަރަށްވާ އަދަދުން ޑޮލަރު ދައްކަންޖެހެއެވެ.
ބީލަމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތެއް ހޮވުމުގެ މަސައްކަތް ކުރިއަށްގެންދެވޭނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ މަތިންނެވެ. މިމަޝްރޫއުތުތަކުގެ ބީލަމުގައި ބައިވެރިވާ ދިވެހިން ކުންފުނިތަކުން ”އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދު“ގައި ރަޖިސްޓްރީވާން ޖެހެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ގަވާއިދުގައި ރަޖިސްޓްރީވެ ވަކި ކަންތައްތަކެއް ފުރިހަމަވާކަމުގައިވާނަމައެވެ. ބީލަމުގައި ބައިވެރިވާ ބޭރު ކުންފުނިތަކުން ”އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދު“ގައި ރަޖިސްޓްރީވާން ނުޖެހޭނެއެވެ. އެހެންނަމަވެސް، ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ލިޔެކިޔުންތަކާއެކު ހުށައަޅަންޖެހޭނެއެވެ.
މިމަސައްކަތްތަކާއި ބެހޭ ލިޔެކިޔުންތައް ޖެނުއަރީ 30 ވަނަ ދުވަހުން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެކަމަށް މިނިސްޓްރީއިން ބުނެއެވެ. މަޝްރޫއުތަކާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ ފެބްރުއަރީ 24 ވަނަ ދުވަހުގެ މެންްދުރު 1:30ގެ ކުރިން މިނިސްޓްރީއަށް މެއިލްކުރުމަށް ވަނީ އެދިފައެވެ.

