ހުޅުމާލޭގެ ވިޔަފާރިތައް ކޮންޓްރޯލްކުރަނީ ބިދޭސީންކަމަށާއި އެކަމަށް ހައްލެއް ބޭނުންވާކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ސިޓީ ކައުންސިލްގެ އާންމު ޖަލްސާގައި މެމްބަރު ޝުޖާއު ވަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަކޮށް ހުޅުމާލޭގެ ރަށްވެހިންނަށް ދިމާވާ ދަތިތަކުގެ ވާހަކަތައް ހިއްސާކޮށްފައެވެ. މިކަންކަމުގެ ވާހަކަތައް ތަކުރާރުކޮށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ހަވާލުކޮށްފައިވާކަމަށާއި އެހެންނަމަވެސް އަދިވެސް ހައްލެއް ލިބިފައިނުވާކަމަށް ޝުޖާއު ވިދާޅުވިއެވެ.
ހުޅުމާލޭގެ ވިޔަފާރިތައް ކޮންޓްރޯލްކުރަނީ ބިދޭސީން ކަމަށާއި ހުޅުމާލޭގައި ހިންގާ ކަންމަތީ ފިހާރަތައް ހިންގަނީ ބިދޭސީންކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ހުޅުމާލޭގެ ރައްޔިތުން ހިންގާ ވިޔަފާރިތަކަށް އެކަމުގެ ގެއްލުންތައް ވަމުންދާކަމަށް ވިދާޅުވިއެވެ. މިފަދަ ކަންކަން ހުއްޓުވުމަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިދޭސީންނަށް ވިޔަފާރިތައް ނުހިންގޭ ގޮތަށް އަދި ސޭޓުކަން ނުކުރެވޭގޮތަށް އެކުލަވާލި ގާނޫނުތައް ވަނީ އޮޅާލާފައިކަމަށާއި އެއްވެސް ގާނޫނާކަށް މިހާރު އަމަލުކުރަމުން ނުދާކަމަށް ޝުޖާއު ވިދާޅުވިއެވެ.
”ރަބަރުގަސް މަގުގައި ހިންގާ ފިހާރަތަކަށް މޭޔަރު އަމިއްލައަށް ވަޑައިގެން ބައްލަވާ! މީގެ ކުރިން ދިވެއްސަކާއެކު ބިދޭސީއެއް އައިސް ދިވެހި މީހާ ކޮންޓްރެކްޓް ހަދާ މިކަންކަން ކުރާނީ. އެކަމަކު މިހާރު އެހެނެއް ނޫން. ހައްދުން ނައްޓާފައި މިއޮތީ.“ ޝުޖާއު
ޝުޖާއު ވިދާޅުވީ ހުޅުމާލޭ ދާއިރާގެ ކުދި ވިޔަފާރިތައް ހިންގާ މީހުންގެ ގިނަ ޝަކުވާތަކާއި ކަންބޮޑުވުންތައް މިކަމުގައި އެބަހުރިކަމަށެވެ. ހުޅުމާލޭގެ ވިޔަފާރި ކޮންޓްރޯލްކުރަނީ ބިދޭސީން ކަމަށާއި އެކަމުގެ ވާހަކަތައް ދައްކަންވީ ކޮން މުއައްސަސާއެއްގައިކަން މިހާރު ނުވިސްނޭކަމަށް ޝުޖާއު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި ގާއިމްކުރި ރަށު މާރުކާޓުގެ ގިނަ ގޮޅިތައް މިހާރު ހުރީ ބަންދުކޮށްފައި ކަމަށާއި އެގޮޅިތަކުން ވިޔަފާރިނުވާކަމަށް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ މާރުކޭޓުގެ 100 ގޮޅިން 70 ގޮޅި ހުންނަނީ ބަންދުކޮށްފައި ކަމަށެވެ. އަދި ރައީސް ޔާމީން އެމާރުކޭޓު ގާއިމްކުރީ މާރުކޭޓުގެ ގޮޅިތައް ބަންދުކޮށްފައި ބެހެއްޓުމުގެ ބޭނުމުގައި ނޫންކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވަނީ ހުޅުމާލޭގެ އާންމު ހިދުމަަތްތައް ފޯރުކޮށްދޭއިރު ހުޅުމާލޭގެ ރަށްވެހިންނަށް އަހަންމިއްޔަތުކަން ދޭންޖެހޭންކަން ފާހަގަކުރަައްވާފައެވެ. އެގޮތުން ހުޅުމާލޭގެ ރަށްވެއްސަކަށް ވީތީ ލިބެންޖެހޭ އިނާޔަތްތަކާއި އިމްތިޔާޒުތައް ހުންނަންވާނެކަމަށް ޝުޖާއު ވިދާޅުވިއެވެ. އެކަން އެގޮތަށް ނުވާނަމަ ހުޅުމާލެއަށް ނިސްބަތްނުވާ ރައްޔިތުން އައިސް ހުޅުމާލޭގެ ދަފްތަރުގައި ޖެހުމުގެ ބޭނުމެއް ނެތްކަމަށާއި މާރުކޭޓުން 50 ގޮޅި ދޫކުރާނަމަ 50 ގޮޅިން 25 ގޮޅި ދާއިރާގެ ރަށްވެހިންނަށް ލިބެންވާންކަމަށް ޝުޖާއު ވިދާޅުވިއެވެ.
ހުޅުމާލެ ރަށްވެހިންގެ ޝަކުވާތަކަށް ހައްލު ހޯދައިނުދެވޭނަމަ ކައުންސިލަރުގެ ގޮނޑީގައި އިނުމުގެ ބޭނުމެއް ނެެތްކަމަށް ޝުޖާއު ވިދާޅުވިއެވެ. ހުޅުމާލޭގެ އާންމު ހިދުމަތްތައް ރަނގަޅު ގޮތުގައި ފޯރުކޮށްދެވޭނީ ހުޅުމާލޭގެ ހިދުމަތްތައް ދިނުން ކައުންސިލާއި ހަވާލުކޮށްގެން ކަމަށާއި ހުޅުމާލޭގެ އާންމު ހިދުމަތްތައް ދިނުމަށް ކައުންސިލަށް ބަޖެޓެއް ދީފައި ނެތުމުގެ ސަބަބުން މިއަދުވެސް ޝުޖާއު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ހުޅުމާލޭގެ ރައްޔިތުން ޚާއްސަކޮށް ހުޅުމާލޭގައި ވިޔަފާރިތަކާއި މާރުކޭޓު ގޮޅިތައް ހިންގާ މީހުން އަންނަނީ ހުޅުމާލޭގެ ވިޔަފާރިތައް ބިދޭސީން ކޮންޓްރޯލްކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހުޅުމާލޭގައި ބިދޭސީން ހިންގާ ފިހާރަތަކުން މަގުމަތީގައި ބަހައްޓައިގެން މޭވާއާއި ތަރުކާރީ ވިއްކަމުންދާތީ މާރުކޭޓު ގޮޅިތައް ހިންގާ މީހުން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންނަމަވެސް މިޝަކުވާތައް ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވީއިރުވެސް، އެކަމަަށް ހައްލެއް އައިސްފައިނުވާކަން ގިނަބަޔަކު ފާހަގަކުރެއެވެ.

