ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީއިން ބުނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ފެށިގެން މިމަސައްކަތް ކުރިއަށްދާ ކަމަށެވެ.
އެކުންފުނިން އިތުރަށް މަޢުލޫމާތު ދިން ގޮތުގައި މިމަޝްރޫއުގެ ދަށުން 45،795 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 2320 އަކަމީޓަރުގެ ސަރަހައްދުގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރުބައްތިއާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމުގައެވެ. މި މަޝްރޫއުގެ އަގަކީ 52.7 މިލިއަން ރުފިޔާ އެވެ.
މިސަރުކާރުން ވެރިކަމާއި ހަވާލުވި ފަހުން ރާއްޖެތެރޭގެ ގިނަ ރަށްތަކެއްގައި ތަރައްޤީގެ އެކި މަޝްރޫއު ތައް ހިންގަމުން އަންނަކަން ފާހަގަ ކުރެވިފައިވެއެވެ.

