އައްޑޫގައި އިމާރާތްކޮށްފައިވާ ޕޮލިސް އެކަޑަމީ ނުވަތަ ”ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓް“ މިއަހަރު ތެރޭގައި ހުޅުވާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ފުލުހުންގެ 33 ވަނަ ތަމްރީން ޕްރޮގްރާމް ނިންމުމަށް ދ. ވާނީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިމްރާން ވިދާޅުވި ގޮތުގައި މި ކޮލެޖް ހުޅުވިގެން ދިއުމާއެކު ފުލުހުންގެ ތަމްރީނުތަކުގެ ފެންވަރު ބޮޑުތަނުން ރަނގަޅުވެ، ޓްރެއިނިންތަކަށް މީގެ ކުރިން ކުރަމުން އައި ހަރަދުތަކަށް ލުޔެއް ލިބިގެންދާނެ އެވެ.
މީގެ ކުރިން ހަތަރު މަހަށް ދެމުން އައި ޓްރެއިނިންތައް އެއް އަހަރު ދުވަހަށް ބަދަލު ކުރި އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އިމްރާން ވިދާޅުވީ، ފުލުހުންނަށް ރަނގަޅު ޓްރެއިނިންއެއް ދިނުމަށެވެ. އަދި ފުލުހަކަށް ވުމަށްޓަކައި ތަމްރީނާއި ޤާބިލްކަމަކީ ފުލުހުންގެ ކިބައިގައި ހުރުން މުހިންމު ދެ ސިފަ ކަމުގައި ވިދާޅުވިއެވެ.
ފުލުހުންނަކީ ވަކި ހާއްސަ ތަމްރީނުތަކެއް ލިބިގެން މުޖުތަމައުއަށް ނިކުންނަ ބައެއް ކަމަށާއި އެ ތަމްރީނުތައް ހެދުމަށް ހޭދަކުރަނީ ނިސްބަތުން ކުޑަ މުއްދަތެއް ނަމަވެސް މި އެއް އަހަރުގެ ތެރޭގައި ވަރަށް ގިނަގުނަ އިލްމާއި ހުނަރު ފުލުހުންނަށް އުގަންނައިދެވޭކަން އިމްރާން ފާހަގަ ކުރެއްވި އެވެ. އެހެންވެ އެ ތަމްރީނުތަކުގެ ބޭނުން ފުލުހުންގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފުރިހަމައަށް ބޭނުން ކުރުމަށް އިމްރާން އިލްތިމާސް ކުރެއްވިއެވެ.
ދިވެހި ރައްޔިތުން އެދޭފަދަ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފުލުހުންތަކެއް މުޖުތަމައުއަށް ނެރުމަކީ ފުލުހުންގެ އަމާޒުކަން ވެސް މިނިސްޓަރުގެ ވާހަކައިގައި ވިދާޅުވިއެވެ.
ފުލުހުންގެ ޓްރޭނިންނަކީ ފަހުރުވެރި ޓްރޭނިންއެއްގެ ގޮތުގައި ފާހަގަ ކުރެއްވައި އިމްރާން ވިދާޅުވީ ލިބިގެންދިޔަ އިލްމާއި ހުނަރަކީ މުޅި މަސައްކަތުގެ ހަޔާތަށް އޭގެ އަލިކަމުގެ ނޫރު މުޅި އުމުރަށް ފާއްދާލާފައި ހުންނަން ވާނެ ކަމުގައެވެ.

