ސަރުކާރުގެ ފަރާތުން ފަށާފައިވާ ހިލޭ ޑިގްރީ އަށް ކިޔެވުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 13،000 އަށް ވުރެ ގިނ ދަރިވަރަކު ތައުލީމް ހާސިލްކޮށްފިއެވެ.
މިކަން ފާހަގަ ކުރައްވައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަން ވިދާޅުވީ ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން 13،284 ދަރިވަރުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ކަމަށެވެ. އެގޮތުން ފާއިތުވެ ދިޔަ ތިން އަހަރުގެ ތަފާސް ހިސާބުގެ ތެރޭގައި:
2019 ވަނަ އަހަރު 4,804 ދަރިވަރުންނާއި، 2020 ވަނަ އަހަރު 4،818 ދަރިވަރުންނާއި، 2021 ވަނަ އަހަރު 3،301 ދަރިވަރުންގެ އިތުރުން 2022 ވަނަ އަހަރު ހިމެނޭ 361 ދަރިވަރުން ވަނީ ޑިގްރީ ހާސިލްކޮށްފައެވެ.
މީގެ އިތުރުން ނިމިދިޔަ 2021 ވަނަ އަހަރު ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލް ކުރުމަށް ބޭނުންވި 1،500 އަށް ވުރެ ގިނަ ދަރިވަނުންނަށް ވަނީ ސްޓޫޑެންޓް ލޯނު ހަމަޖައްސައި ދީފައި ކަމަށާއި އަދި މިއަހަރު އިތުރު 720 ފުރުސަތެއް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ. މީގެ އިތުރުންވެސް ރާއްޖެއަށް ބޭނުންވާ ތަފާތު އެކި ދާއިރާތަކުން ދިވެހި ޕްރޮފެޝަނަލުން އުފެއްދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން ކަމަށާއި އެގޮތުން ދިވެހި ޑޮކްޓަރުން އުފެއްދުމަށް 124 ދަރިވަރަކަށް ލޯން ދޫކޮށްފައިވާ ކަމުގައިވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
އެގޮތުން މިއަހަރު ސްޓޫޑެންޓް ލޯން ސްކީމްގައި ރާއްޖެއާއި ރާއްޖޭން ބޭރުން މަތީތައުލީމް ހާސިލް ކުރުމަށް ބޭނުންވާ ދަރިވަރުން ކިޔެވުމަށް ބޭނުންވާ ތަފާތު އެކި ދާއިރާތަކުން ފުރުސަތުތައް ހުޅުވާލެވިފައިވެއެވެ. އެގޮތުން ޑިޕްލޮމާ ފެންވަރުގެ ކޯސް ތަކުން ފެށިގެން މާސްޓަރސް ޑިގްރީ ފެންވަރުގެ ކޯސް ތައްވެސް މި ލޯން ސްކީމްގައި ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނޭ ދާއިރާ ތަކުގެ ތެރޭގައި ޕައިލެޓުކަމާއި، ޑޮކްޓަރުކަމާއި، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އިކޮނޮމިކްސް އަދި އައިޓީ ހިމެނެއެވެ.
މި ސްކީމް އަމާޒު ކޮށްފައި ވަނީ މަތީ ތައުލީމް އަލަށް އުގެނޭ ދަރިވަރުންނާއި މިހާރުވެސް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކަން ފާހަގަކޮށްލެވެއެވެ.
މިއަހަރު ހުޅުވާލެވުނު ސްޓޫޑެންޓް ލޯނަށް ހުށައެޅުމުގެ އެންމެ ފަހު ތާރީހެއް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވަނީ މިއަންނަ މާޗް މަހުގެ 3 ވަނަ ދުވަހެވެ.
މިސަރުކާރުން ވަނީ ސްޓޫޑަންޓް ލޯނުގެ އިންޓްރަސްޓް ރޭޓަށް ދެ ފަހަރަކު ބަދަލު ގެނެސްފައެވެ. އެއީ ކޮވިޑްގެ ހާލަތާއި ގުޅިގެން އިންޓްރަސްޓް ރޭޓް 3 ޕަސެންޓަށް ކުޑަކޮށް އަދި މިހިނގާ 2022 ވަނަ އަހަރު އެ އަދަދު 1 ޕަސެންޓަށް ކުޑަކޮށްފައެވެ. އަދި ކޮވިޑް19 އާއި ގުޅިގެން މުޅި ގައުމަށް ލިބުނު ހީނަރުކަމުގައި 2020 ވަނަ އަހަރުގެ ފަހު ކޮޅުގައި ސްޓޫޑެންޓް ލޯންތައް ދެއްކުން ރައީސް ސޯލިހު ވަނީ ހަމަސްދުވަހަށް ފަސްކޮށްދީފައެވެ.
މަތީ ތައުލީމްގެ ފުރުސަތު ހިލޭ ކޮށްދިނުމަކީ ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.

