ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އެހީތެރިކަން ބޭނުންވާ އެމްޑީޕީ މެމްބަރުން އިންޑިޔާ އައުޓް ބިލާއި ދެކޮޅު: އާޒިމް

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އެހީތެރިކަން ބޭނުންވާ އެމްޑީޕީ މެމްބަރުން އިންޑިޔާ އައުޓް ބިލާއި ދެކޮޅުކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ މަޖިލީހުގައި ހިމެނޭ ސަރުކާރުގެ އެހީތެރިކަމަށް ބޭނުންވާ މެމްބަރުންނަށް އިންޑިޔާ އައުޓް ކެމްޕެއިނާއި ދެކޮޅަށް އެމްޑީޕީއިން ތައްޔާރުކުރަން މަސައްކަތްކުރަމުންދާ ބިލަކީ ނުތަނަވަސްކަމެއް ކަމަށެވެ. އާޒިމް އެއިޝާރާތް ކުރެއްވީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެފެކްޝަންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މެމްބަރުންނަށެވެ.

އާޒިމް ވިދާޅުވީ ބައެއް މެމްބަރުންނަށް މިބިލަކީ އެހާ ގަބޫލުކުރެވޭ ބިލަކަށް ނުވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިކަމާއި މެދު ގޮތެއް ނިންމާނެކަމަށް އާޒިމް ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން ބޭރުގެ ގައުމުތަކާއިއެކު ގާއިމްކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލު ޑްރާފްޓްކުރުމުގެ މަސައްކަތް އެމްޑީޕީއިން ވަނީ ފަށާފައެވެ. އެއީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގެ ތެރެއިން ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރެއް ހޮވުމަށް ބޭއްވި އިންތިހާބުގެ ކުރިންނެވެ. މިއީ ސީދާ އިންޑިޔާ އައުޓް ކެމްޕެއިނާއި ދެކޮޅަށް ޑްރާފްޓްކުރަން ފެށި ބިލެކެވެ. މިބިލު ގާނޫނަކަށް ވެއްޖެނަމަ އިންޑިޔާ އައުޓް ކެމްޕެއިންގައި ބައިވެރިވާ މީހުން ބޮޑެތި އަދަދުތަކުން ޖުރިމަނާކޮށް ޖަލު ހުކުމް އަންނާނެއެވެ.

އިންޑިޔާ އައުޓް ކެމްޕެއިން ފެށި މައިގަނޑު މަގްސަދަކީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމެވެ. މިހާރު އެކެމްޕެއިން ވެފައިވަނީ ސަރުކާރާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރަށެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގައި މިހަރަކާތް ހިންގަމުން އަންނައިރު ރައީސް އަބްދުﷲ ޔާމީން މިނިވަންވުމާއެކު މިހަރަކާތް ފުޅާވެ، ކުރީގެ ރައީސަކު މިފަދަ ކެމްޕެއިނެއް ލީޑުކުރައްވަމުން ދާތީ ސަރުކާރަށް ބޮޑެތި ޕްރެޝަރތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ކެމްޕެއިން ހުއްޓުވުމަށް ގޮވާލައި، ރައީސް ޔާމީން އަލުން ޖަލަަށް ދާން ޖެހިދާނެކަމުގެ އިންޒާރުދީ އަދި ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ރައީސް ޔާމީނަށް ދިނުން މެދުކަނޑާލުމަށްވެސް އެމްޑީޕީ ބައެއް މެމްބަރުން ވަނީ ގޮވާލައްވާފައެވެ.

އިންޑިޔާ އައުތް ކެމްޕެއިންގެ ސަބަބުން ޒަމާންވީ ގާތް ގުޅުމެއް އޮންނަ ރާއްޖެއާއި އިންޑިޔާއާއި ދެމެދު މައްސަލަތަކެއް ޖެހިދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. އަދި އިންޑިޔާއިން ދެމުންދާ އެހީތަކަށް އެއްވެސް ހުރަހެއް އެޅޭފަދަ ކަމެއް ބޭނުންނުވާ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިންޑިޔާ އައުޓް ކެމްޕެއިންގެ ސަބަބުން ރާއްޖެއަށް ވެދާނެ ގެއްލުންތައް ބަލައި ދިރާސާކުރުމަށް އެދި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީއަށް ހުށައަޅުއްވާފައެވެ. މިކަން ދިރާސާކުރުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކުގެ އިސްވެރިން އަންނަނީ މަޖިލީހުގެ 241 ކޮމެޓީއަށް ހާޒިރުކޮށް މިކަމާއި ގުޅޭގޮތުން ސުވާލުކުރަމުންނެވެ. މިހާތަނަށް އައިއިރު އިކޮނޮމިކް މިނިސްޓަރ، ހޯމް މިނިސްޓަރ، ކޮމިޝަނަރ އޮފް ޕޮލިސް އަދި ޑިފެންސް މިނިސްޓަރާއި އެމްއެންޑީއެފްގެ އިސްވެރިން މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށްފައިވާއިރު މިހުރިހާ ބޭފުޅުންވެސް ވަނީ އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބެގެން ވާނެ ގެއްލުމެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި އިންޑިޔާ އައުޓް ކެމްޕެއިނަކީ މިހާތަނަށް ހިންގާ އެންމެ ވިހަ ކެމްޕެއިންގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: