އިންތިހާބު ފަސްކުރުމަކީ އެމްޑީޕީގެ ފަލްސަފާއާއި ހިލާފު ކަމެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މީކާއީލް މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސްކުރުމުން ދެ ކެޑިޑޭޓުންގެ ދެމެދު ކުރެވެމުންދާ ބަހުސްގެ ތެރެއިންނެވެ.
އިންތިހާބު ފަސްކުރުމަށް ކުރާ މި މަސައްކަތަކީ އިދިކޮޅު ޕީޕީއެމްގެ ސިފައެއްގެ ގޮތުގައި މީކާއިލް ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕެއިނަށް ބޭނުން ކުރާ ”ގަޓު ދައްކާލުން“، ”ސައިޒު ދައްކާލުން“ މިފަދަ ބަސްތަކަށް އިޝާރާތްކޮށް މީކާއިލް ވިދާޅުވީ މިއީ އެމްޑީޕީގެ ސިފަތަކާއި މުޅިން ހިލާފު ވާހަކަތަކެއް ކަމަށެވެ. ވޯޓުން ”ތެޅި ތެޅީނުން ތިރިކޮށްލަން“ ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތަކަކީ އެމްޑީޕީ އާއި ވަރަށް ބީރައްްޓެހި ބަސްތަކެއްކަން މީކާއިލް ފާހަގަ ކުރެއްވި އެވެ.
މީކާއިލް ވިދާޅުވީ ޕާޓީގެ އަސާސްތަކާއި، ޕާޓީ އުފެދުނު މަގްސަދާއި ދުރަށް ދާން ބަޔަކު ކުރާ މަސައްކަތް ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީ މަސައްކަތް ކުރަންވީ އެމްޑީޕީގެ ގޮތުގައިކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ އެތެރެއިން ސަރުކާރަށް ޖެއްސުން ކުރުމުގެ އަމަލުތަކެއް ހިނގަމުންދާކަމަށް ބުނެ ދެކެވޭ ވާހަކައިގެ ރަށްދުގައި މީކާއިލް ވިދާޅުވީ ކޮންމެ މައްސަލައަކާއި ހަމައިން ވެސް ވޮޓު ދެނީ އެކަމެއްގެ އަސްލަށް ވަރަށް ބޮޑަށް ވިސްނާފައި ކަމަށެވެ. އެހެން ކަމުން ވަކި ކަމަކަށް ބަހުސް ކުރުމުން އެއީ ސަރުކާރަށް ޖެއްސުން ކުރުންގެ ގޮތުގައި ނުބުނެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.
އެތެރޭގެ އިންތިހާބު ފަސް ކުރުމަށް ވޯޓު ދިން އެންމެ ބޮޑު ސަބަބަކީ އެއީ އެމްޑީޕީގެ ވިސްނުމާއި މުޅިން އިދިކޮޅު ވާހަކަތަކަށް ވުންކަމަށް މީކާއިލްގެ ވާހަކައިގައި ވިދާޅުވެފައި ވެއެވެ.
ބާރާއި ނުފޫޒުގެ ތެރެއިން ވެސް ވޯޓު ފޮއްޓަށް މަކަރު ނަހަދާ ނަޒާހަތްތެރިކަމާއި އެކު ކުރިއަށް ހިގައްޖެނަމަ އިންތި މަގާމަށް ހޮވޭނެ ކަމުގެ 100 އިންސައްތަ ޔަގީންކަން މީކާއީލް ވަނީ ދެއްވާފައެވެ
”އައްޑޫ، ފުވައްމުލަކަށް މިތައްތަނަށް ކުރި ދަތުރުތަކުން އަޅުގަނޑުމެންނަ ހަމަ ޔަގީން ކުރެވޭ މިއަދު އިންތިހާބެއް ބޭއްވިޔަސް އިންތިޔާޒު ފަހުމީ ކާމިޔާބު ކުރާނެ ކަމުގަ“ މީކާއީލް
ނަމަވެސް އެބޭފުޅުންގެ ވާދަވެރިންނަށް މިފަދަ އިތުބާރެއް އޮތްކަމަށް ފާހަގަ ނުކުރެވޭ ކަމަށް މީކާއީލް ވިދާޅުވިއެވެ. މިކަމުގެ ސަބަބެއް ކަމުގައި އޭނާ ފާހަގަ ކުރެއްވީ އެ ޔަގީންކަން އޮތް ނަމަ އިންތިހާބު ފަސް ކުރެއްވުމަށް މަސައްކަތް ނުކުރީސްކަމަށް މީކާއިލް ވިދާޅުވި އެވެ.
މިކަމާއި ގުޅިގެން އެމްޑީޕިގެ ގައުމީ މަޖިލީހުގައި ވަނީ ބަހުސް އެއްވެސް ބޭންވިފައެވެ. އަދި މިކަމަށް ނެގި ވޯޓުން އިންތިހާބު ފަސްކުރުމަށް ވަނީ ހަމަޖެހިފައެވެ. ފަސްކުރެވިފައިވަނީ މެއި މަހުގެ 14 ވަނަ ދުވަހަށެވެ.

