ކ. މާފުށީ ޖަލަށް ތަކެތި ވައްދަން އުޅުނު ކަމަށް ބެލެވޭ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ ކ. މާފުށި ޖަލާ ދިމާލުން މޫދުގައި މީހަކު ގެނބިފައިވާ ކަމަށް ރޭ މެންދަމު 2:22 ގައި ފުލުހުންނަށް މައުލޫމާތު ލިބުނު ކަމަށެވެ.
އެ މީހާ ނަގައިގެން މާފުށި ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުންޏެވެ. މަރުވެފައިވަނީ 33 އަހަރުގެ ދިވެއްސެކެވެ.
ހާދިސާގެ އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ މައްސަލަ ބަލަމުންދާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެމީހާ މަރުވެފައިވަނީ ޖަލަށް ތަކެތި ވެއްދުމަށް ފަތާފައި ޖަލު ހުރި ސަރަހައްދަށް އަރަނިކޮށް އެތަނުގެ ސެކިއުރިޓީންނަށް ފެނުމުން މޫދަށް ފުންމާލުމުން ހޯދަމުން ދަނިކޮށް އެސަރަހައްދުގެ ކަނޑުގެ އަނޑިންނެވެ.

