ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒްގެ ކެމްޕެއިން ޓްވީޓެއް ރައީސް އޮފީހުން ރީޓްވީޓު ކުރުން: ވައްޑޭ ގޮވާލީ ތަން ޖަގަހަަޔަކަށް ނުހެއްދެވުމަށް!

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޓްވިޓާ އެކައުންޓުން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕޭން ޓްވީޓެއް ރީޓްވީޓު ކުރުން އެއީ “އޮޅުމެއްގެ” ގޮތުގައި ބުނެ ނިންމާލެވެން ނެތްކަމަށް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ގެ ތަރުޖަމާނު އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

މޭއި 14 ބައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ފައްޔާޒާއި އިންތި ވާދަ ކުރައްވަނީ ޗެއާޕާސަންގެ މަގާމަށެވެ. އަދި ވާދަވެރިކަން އުފެދިފައިވާ މި ވަގުތު ކުރެވޭ އެންމެ ބޮޑު ތުހުމަތަކީ ވެސް ސަރުކާރުން ފައްޔާޒަށް ތާއީދު ހޯދައިދިނުމަށް ނުފޫޒު ބޭނުން ކުރަމުން ގެންދާ ވާހަކަ އެވެ. އޭގެ ތެރޭގައި ވަޒީފާގެ ޕްރޮމޯޝަންތައް ދިނުމާއި، ވަޒީފާއިން ވަކި ކުރާނެކަމުގެ އިންޒާރު ދިނުމުގެ އިތުރުން ދާއިރާތަކާއި ގުޅުން ހުރި ޕްރޮޖެކްޓުތަކަށް ބަޖެޓުން ބޭރުން ފައިސާ ހަރަދު ކުރުން ހިމެނެ އެވެ.

އިންތިހާބުގެ ކެމްޕެއިނަށް ފ އަތޮޅާއި މ އަތޮޅަށް ކުރެއްވި ދަތުރު ނިންމާލުމަށް ފަހު މާލެ ވަޑައިގެން ރޭ ޓްވީޓެއްކޮށް ފައްޔާޒް ވަނީ ރައްޔިތުންގެ ފަރާތުން ބޮޑު ތާއީދެއް ލިބުނުކަމަށާއި ޕާޓީގެ މެމްބަރުން ތިބީ އެމްޑީޕީ ހިންގާލަން ބޭނުންވެފައިކަމަށް ވިދާޅުވެފަ އެވެ. ފައްޔާޒް މި ޓްވީޓު ކުރިޔާ މާ ގިނަ ވަގުތުތަކެއް ނުވެ، ރައީސް އޮފީހުގެ ރަސްމީ އެކައުންޓުން ފައްޔާޒްގެ ޓްވިޓު ރީޓުވީޓު ކުރި އެވެ.

އާއްމުކޮށް ޓްވީޓެއް ރީޓުވީޓު ކުރަނީ އެ ދައްކާ ވާހަކައަކަށް ތާއީދު ކުރާކަން ނުވަތަ ގަބޫލު ކުރާކަން ހާމަ ކުރުމުގެ ގޮތުންނެވެ.

ސޯޝަލް މީޑިއާގައި މިކަމަށް ފާޑުކިއުން ވެސް ވަރަށް ބޮޑަށް އަމާޒުވި އެވެ. އެކަމަށް މައާފަށް އެދި ޓްވީޓު ޑިލިޓުކޮށް ރައީސް އޮފީހުން ބުނީ އެއީ “އޮޅުމެއް” ކަމަށެވެ. އަދި ވަރަށް ދިގުކޮށް އެކަން ހިނގައިދިޔަ ގޮތް ތަފްސީލުކޮށް ދީ މައްސަލަ ބަލާނެކަމަށް ބުންޏެވެ. ރައީސް އޮފީހުން ބުނީ ސިޔާސީ އެއްވެސް ކަމެއްގެ ތެރެއަށް ރައީސް އޮފީހުން ބަސް ނުބުނާނެކަމަށާއި ހާއްސަކޮށް ކެނޑިޑޭޓުންނާއި ގުޅުން ހުރި ކަންކަމުގައި އެގޮތަށް އަމަލު ނުކުރާނެ ކަމަށެވެ.

މިއީ އޮޅުމަކުން ހިނގި ކަމަކަށް ވެދާނެތޯ “ސަންގު” އިން ސުވާލު ކުރުމުން ވައްޑޭ ވިދާޅުވީ މިއީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭންގެ މަސައްކަތް ރައީސް އޮފީހުގައި ފުޅާ ދާއިރާއެއްގައި ހިންގާ ކަމުގެ ސާފު ހެއްކެއް ކަމަށެވެ. އަދި މިއީ އޮޅިގެން ހިނގި ކަމެއްގެ ގޮތުގައި ބުނެ ނިންމާލެވޭ ވަރަށް ވުރެ ސީރިއަސް މައްސަލައެއްކަން ވައްޑޭ ފާހަގަ ކުރެއްވި އެވެ.

ރައީސް އޮފީސް އަދި ސަރުކާރުގެ ވުޒާރާތުގެ އިސް މަގާމުތަކުގައި އުޅުއްވާ ބައެއް ބޭފުޅުންގެ މިފަދަ އަމަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ވަރަށް ބޮޑުކަމަށް ވައްޑޭ ވިދާޅުވި އެވެ.

އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ވައްޑޭ ފާހަގަ ކުރީ، އެކަން ކުރެވުމުން މާބޮޑަށް “ދިފާއަށް ކުޅެ” ޓްވީޓުތަކެއް ކުރަން ޖެހުމެވެ. ވައްޑޭ ވަނީ ރައީސް އޮފީހަށާއި، ރައީސުލްޖުމްހޫރިއްޔާއަށް ތަން ސިޔާސީ މަސައްކަތް ކުރާތަނަކަށް ނުހެދުމަށް ގޮވާލާފަ އެވެ. އަދި ރައީސް އޮފީހަކީ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބުތަކުގެ ކަންކަން ހިންގާ ޖަހަގައަކަށް ނެހެދުމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ވައްޑޭ ވަނީ ރައީސް އޮފީހުގެ ރަސްމީ ޓްވިޓާ އެކައުންޓު އާދައިގެ މީޑިއާ ސްޓާފެއްގެ އަތުގައި ނޯންނާނެކަން ވެސް ފާހަގަކޮށްފަ އެވެ.

އިންތިހާބާއި ދިމާކޮށް ސަރުކާރުން އެކި ގޮތްގޮތުން ނުފޫޒު ފޯރުވާކަމަށް ބުނެ އިންތިގެ ކެމްޕެއިން ޓީމުން ދަނީ ތަކުރާރުކޮށް އެކަން ފާހަގަ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: