”ކިންގްސް ކެޕިޓަލް ހޯލްޑިން“ ގެ އަބުރު ގެއްލޭ ގޮތަށް ދޮގު މައުލޫމާތު ފެތުރި މައްސަލައިގައި ބޭންކް އޮފް މޯލްޑީވްސް (ބީއެމްއެލް) ގެ މައްޗަށް ދައުވާ ކުރުމަށް ނިންމާފައިވާކަމަށް އެ ކުންފުނިން ބުނެފި އެވެ.
ރާއްޖޭގެ އެތައް ބައެއްގެ އަތުން ފައިސާ ނަގައިގެން، ސްކޭމެއް ހިންގާކަމަށް ބުނެ އެކަމަށް ސަމާލުވުމަށް މިދިޔަ ބުރާސްފަތި ދުވަހު މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަޔާނެއް އާއްމު ކުރި އެވެ. ސީދާ ވަކި ބައެއްގެ ނަން ނުހިމަނައި ނެރުނު އެ ބަޔާނުގައި ވަނީ ސޯޝަލް މީޑިއާގެ ފޭސްބުކާއި، ޓެލެގްރާމް ޗެނަލްތައް ބޭނުންކޮށްގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް އަނބުރާ ދޭނެކަމަށް ބުނެ އިންވެސޓު ކުރުވައި ސްކީމްގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުން ކުރާ މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެ ބަޔާނުގައި ވަނީ ސްކީމުގެ ކުރީކޮޅު ފައިސާ ނަގާ މީހުންނަށް އަނބުރާ ފައިސާ ދެނީ ފަހުން އަންނަ ގްރޫޕުތަކަށް ނަމަވެސް މިއީ ދެމެހެއްޓޭނެ ސްކީމުތަކެއް ނޫން ކަމަށެވެ. އަދި ސްކީމް ހުއްޓޭއިރު ގިނަ ބަޔަކަށް ފައިސާ ނުލިބޭނެކަމަށް ވެއެވެ. ބަޔާން ނިންމާލިއިރު ވެސް އެއީ ކޮން ބައެއްކަން އޭގައި ހިމަނާފައި ނެތެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ އަލްހާން ފަހުމީ ކުންފުނީގެ އިސްވެރިންނާއި އަދި އޭނާގެ ގާނޫނީ ވަކީލުންނާއި އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިކަމުގައި ވަރަށް ޒިންމާދާރުކަން ކުޑަކޮށް އަމަލުކޮށްފައިވާ ކަމަށެވެ. އޭނާއާއި ގުޅޭގޮތުން ބައެއް މީޑިއާތަކާއި، އަދި އެ ނޫން ވެސް ގޮތްގޮތުން ދައްކާ ވާހަކައިގެ ސަބަބުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހުނުއިރު އޭގެ ބަދަލު ހޯދާނެކަމަށް އޭނާ ވިދާޅުވި އެވެ.
އަލްހާން ވިދާޅުވީ މައްސަލަ އަންނަ ހަފްތާގައި ކޯޓަށް ހުށަހަޅާނެކަމަށާއި، އެކައުންޓު ހިފެހެއްޓުމުގެ ސަބަބުން ވެސް ގެއްލުންތައް ވަމުންދާ ކަމަށެވެ. މިއީ އެއްވެސް އޮޅުވާލުމެއް ނެތް، ސާފުކޮށް ފެންނަން އޮތް މަންޒަރެއްކަމަށާއި، ފައިސާ ބޭނުން ކުރަނީ ފޮރެކްސްއަށްކަމަށް އަލްހާން ތަކުރާރު ކުރެއްވި އެވެ. އަދި ވިދާޅުވީ މިކަމުގައި އޭނާއަށް ކާމިޔާބު ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
އޮންލައިން ޓްރޭޑިންއަކީ ގާނޫނުން މަނާކަމަކަށް ނުވާއިރު 2017 ގައި ވެސް ފޮރެކްސް އާއްމުވާކަމަށް ބުނެ އެމްއެމްއޭއިން ބަޔާނެއް އާއްމު ކުރި ކަމަށެވެ. ގާނޫނާއި ގަވައިދެއް ނެތްކަމަށް ބުނެ އޭރު ވެސް ވާހަކަ ދެއްކިކަމަށާއި، މިއަދު ވެސް އެ އުސޫލެއް ނެތްކަމަށް އޭނާ ފާހަގަ ކުރި އެވެ.
އަލްހާން ވިދާޅުވީ ކުންފުނިން ހިންގަނީ ”ޕޮންޒީ ސްކީމް“ ގެ ގޮތުގައި ނުބުނެވޭނެކަމަށެވެ. އަދި ކުންފުނި މަނީ ލޯންޑާރ ކުރަނީކަމަށް ބުނެ ދައްކާ ވާހަކަތަށް ކުށްވެރި ކުރެއްވި އެވެ.

