ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލްހާންގެ ރައްދު އެމްއެމްއޭ އާއި ބީއެމްއެލްއަށް: މިއީ އަލީގެ އަތުން ފައިސާ ނަގައި އަހުމަދަށް ދިނުމެއް ނޫން!

ކިންގްސް ކެޕިޓަލް ހޯލްޑިވްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިން ނުވަތަ ޕޮންޒީ ސްކީމާއި ގުޅުން ހުރި އެއްވެސް އަމަލެއް ހިންގާފައި ނުވާނެކަމަށާއި، ކުރި މުއާމަލާތެއް ނަމަ ލިއުމުން ފެންނަން އޮންނާނެކަމަށް “ކިންގްސް ކެޕިޓަލް ހޯލްޑިންގް” އިން ބުނެފި އެވެ.

ރާއްޖޭގެ އެތައް ބައެއްގެ އަތުން ފައިސާ ނަގައިގެން، ސްކޭމެއް ހިންގާކަމަށް ބުނެ އެކަމަށް ސަމާލުވުމަށް މިދިޔަ ބުރާސްފަތި ދުވަހު މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަޔާނެއް އާއްމު ކުރި އެވެ. ސީދާ ވަކި ބައެއްގެ ނަން ނުހިމަނައި ނެރުނު އެ ބަޔާނުގައި ވަނީ ސޯޝަލް މީޑިއާގެ ފޭސްބުކާއި، ޓެލެގްރާމް ޗެނަލްތައް ބޭނުންކޮށްގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް އަނބުރާ ދޭނެކަމަށް ބުނެ އިންވެސޓު ކުރުވައި ސްކީމްގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުން ކުރާ މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ ބަޔާނުގައި ވަނީ ސްކީމުގެ ކުރީކޮޅު ފައިސާ ނަގާ މީހުންނަށް އަނބުރާ ފައިސާ ދެނީ ފަހުން އަންނަ ގްރޫޕުތަކަށް ނަމަވެސް މިއީ ދެމެހެއްޓޭނެ ސްކީމުތަކެއް ނޫން ކަމަށެވެ. އަދި ސްކީމް ހުއްޓޭއިރު ގިނަ ބަޔަކަށް ފައިސާ ނުލިބޭނެކަމަށް ވެއެވެ. ބަޔާން ނިންމާލިއިރު ވެސް އެއީ ކޮން ބައެއްކަން އޭގައި ހިމަނާފައި ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ އަލްހާން ފަހުމީ ކުންފުނީގެ އިސްވެރިންނާއި އަދި އޭނާގެ ގާނޫނީ ވަކީލުންނާއި އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިކަމުގައި ވަރަށް ޒިންމާދާރުކަން ކުޑަކޮށް އަމަލުކޮށްފައިވާ ކަމަށެވެ. އޭނާއާއި ގުޅޭގޮތުން ބައެއް މީޑިއާތަކާއި، އަދި އެ ނޫން ވެސް ގޮތްގޮތުން ދައްކާ ވާހަކައިގެ ސަބަބުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހުނުއިރު އޭގެ ބަދަލު ހޯދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ، އެމްއެމްއޭ އާއި ބީއެމްއެލްގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށެވެ. މާލީ ގެއްލުންތަކުގެ ދައުވާ ކޯޓުގައި ކުރިޔަށް ގެންދާނެކަން ފާހަގަކުރައްވައި އަލްހާން ވިދާޅުވީ، އެނާއަކީ އޮންލައިން ނުވަތަ ފޮރެކްސް ޓްރޭޑިންގެ މާބޮޑު އިލްމެއް އުނގެނިގެން ހުރި މީހެއް ނޫނަސް މިއީ އެއްވެސް ގޯސް މަސައްކަތެއް ނޫންކަން އެނގޭ ކަމަށެވެ.

40 މިލިއަނަށް ވުރެ ގިނަ މީހުން ތިބޭ ޕްލެޓްފޯމެއްގައި އެތައް ފަހަރެއްގެ މަތީން އެއްވަނަ ޓްރޭޑާއެއްގެ ގޮތުގައި ރާއްޖޭގެ ދިދައާއި އެކު ހުރިތައް ރައްޔިތުންނަށް ފެނި އެކަން މީޑިއާތަކުން ވެސް ރިޕޯޓު ކުރާކަމަށް އަލްހާން ވިދާޅުވި އެވެ. އެކި ގޮތްގޮތަށް އޮންލައިން ޓްރޭޑިންގައި މަސައްކަތް ކުރާތާ 10 އަހަރުވީއިރު، މިވީ އެކި ދުވަސްތަކުގެ ތެރޭގައި ބީއެމްއެލްއިން އެކި ގޮތްގޮތުން ހުރަސްތަކާއި ކުރިމަތި ކުރުވިކަމަށް އަލްހާން ވިދާޅުވި އެވެ.

“ކާޑުން ޑިޕޮޒިޓް ނުކުރެވޭ ގޮތް ހަދާނެ، ޓްރޭޑިން ޕްލެޓްފޯމަށް ނުވަދެވޭ ގޮތް ހަދާނެ.. އެހެން ނޫނީ އީ ވޮލެޓްތައް ބޮލޮކް ކުރާނެ.. ދެން މިހެން ގޮސް މިކަހަލަ ދަތި ކުރުމުގެ އުނދަގޫތައް ބޭންކް އޮފް މޯލްޑިވްސްއިން އަންނަނީ އަޅަމުން.. ކުރަމުން އަންނަނީ..” އަލްހާން

މިއީ ރާއްޖޭގައި އެއްވެސް ގޮތަކަށް މަނާ މަސައްކަތަކަށް ނުވާތީ ޓްރޭޑުގެ ކަންކަން ކުރިޔަށް ގެންދަން ރޯދަ މަހުގެ ތެރޭގައި ނިންމައި މަސައްކަތް ފެށޭވަރު ވީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުކަމަށް އަލްހާން ވިދާޅުވި އެވެ.

“މީހުން އަތުން ފައިސާ ހޯދަން މި ނިންމާ ސަބަބަކީ، މީހުން އަތުން ފައިސާ ހޯދަނީ މި ފޮރެކްސް ޓްރޭޑު ކުރަން، އޮންލައިން ޓްރޭޑު ކުރަން ބޭނުންވާ ކެޕިޓަލް ބޮޑު ކުރަން.. ކެޕިޓަލް އިންސްވެޓުކޮށްގެން އެ ކެޕިޓަލްއިން ލިބޭ ބޮޑު ފައިދާ އެބޭފުޅުންނާއި މި ހިއްސާ ކުރަނީ.. ފޮރެކްސް ޓްރޭޑު ކުރުމަށްޓަކައި މި ހުށަހަޅާ ޕެކޭޖުތައް ސްލޮޓުތައް މި ވިއްކަނީ… މިސާލަކަށް އެއްލަކަ ރުފިޔާ ފޮރެކްސް ޓްރޭޑިންއަށް އަޅުގަނޑުމެންނަށް ހަރަދު ކުރަން ބޭނުންވާ މީހަކަށް މި ބުނަނީ އޭނައަށް ދެ އަހަރުގެ ތެރޭގައި އެބަލިބޭ ފަސް ލައްކަ ރުފިޔާ.. އެމްއެމްއޭއަށް ފެންނަ ގޮތުގައި ބޭންކް އޮފް މޯލްޑިވްސްއަށް ފެންނަ ގޮތުގައި މިއީ އެއްލަކަ ރުފިޔާ ހޯދައިގެން ފަސް ގުނަ އޯ މި ލިބެނީ.. މިއީ ބުއްދި ގަބޫލު ކުރާކަމެއް ނޫނޭ.. އާނ ބުއްދި ގަބޫލެއް ނުކުރާނެތާ ތަންދޮރު ނޭނގުނީމަ” އަލްހާން

އަލްހާން ވިދާޅުވީ ދުނިޔޭގެ ހިނގާ ކަންކަން ރަނގަޅަށް ހޯދައި ދިރާސާ ނުކުރާހާ ހިނދެއްގައި ތިބެން ޖެހޭނީ ވާނުވައެއްގައި ކަމަށެވެ.

އެކެއްގެ އަތުން ނަގާ ފައިސާ އެހެން މީހުންނަށް ދޫކުރަނީކަމަށް ބުނެ ދައްކާ ވާހަކައިގެ ރައްދަށް އަލްހާން ވިދާޅުވީ އެއީ ބީއެމްލްގެ އުސޫލު ކަމަށެވެ. އެގޮތުން ވަކި އަދަދެއް ސޭވިން އެކައުންޓުގެ ޑިޕޮޒިޓަށް ލުމުން އޭގެއިން ވަކި އިންސައްތައަކުން އެހެން މީހުންނަށް ބީއެމްއެލްއިން ލޯނު ދޭކަމަށް އަލްހާން ވިދާޅުވި އެވެ. ލޯނުގެ ގޮތުގައި ބޭނުން ކުރަން އޭގެ 90 އިންސައްތަ ފައިސާ ނަގާއިރު، ބޮޑު އިންޓްރެސްޓު ނަގައި ކުރަނީ ކީއްތޯ އަލްހާން ސުވާލު އުފެއްދި އެވެ.

ދިވެހިންގެ ދިރިއުޅުން އޮންނަ ގޮތުން ލިބޭ އެއްޗަކަށް ވުރެ ކުރާ ހަރަދު ބޮޑުއިރު، މުޅި މީހާގެ ހަޔާތް އެއްކޮށް އޮންނަނީ ޑެފިސިޓްގައިކަމަށް ބުނެ، އަލްހާން ވަނީ ދައުލަތް ވެސް އޮންނަނީ ހަމަ އެ ހާލެއްގައި ނޫންތޯ ވިދާޅުވެފަ އެވެ.

“އަދި އަޅުގަނޑުމެން ޓްރޭޑު ކުރަނީ ކިހިނެއްކަން ވެސް އެނގެނީކީ ނޫން.. އަޅުގަނޑުމެން ޓްރޭޑު ކުރާ ސީކްރެޓަކީ އަދި ކޮން ސީކްރެޓެއްކަން އެމްއެމްއޭއަކަށް ވެސް އަދި އެހެން މީހަކަށް ވެސް ނޭނގޭ ނޫންތޯ… އެހެންވީމަ އަޅުގަނޑުމެން އެ ޓްރޭޑު ކުރާ ގޮތަކަށް ޓްރޭޑުކޮށްގެން އެ ފަންޑު ހޯދައިގެން އެ ފައިސާ ލިބޭތީވެ އެވަރަށް ފައިސާ ދޭން ބުނަނީ.. އެއްގޮތަކަށް ވެސް ހަސަނުއަތުން ނެގި ފައިސާ މުހައްމަދުގެ އަތަށް ދީފައި އިބްރާހިމްއަތުން ނަގައި ހަސަންއަތަށް ދޭ ގޮތެއް ނޫން މިއީ… އެއީ ބޭންކް އޮފް މޯލްޑިވްސްއިން ހަދާ ގޮތް” އަލްހާން

މީހުންގެ އަތުން ފައިސާ ނަގައި އަމިއްލަ އެކި ކަންކަމުގައި ބޭނުންކޮށް ލޯނު ދައްކައި ގެ ވެސް ހެދިކަމަށް ދައްކާ ވާހަކައިގެ ރަށްދަށް އަލްހާން ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ހިނގާފައި ނޯންނާނެ ކަމަށެވެ.

ޓްރޭޑު ކުރަނީ އިންޓަނޭޝަނަލް ޕްލެޓްފޯމުތަކުގައިކަމަށާއި، މި މަސައްކަތް ކުރިޔަށް ދަނީ އިންޓަނޭޝަނަލް ބްރޯކާސްތައް މެދުވެރިކޮށްކަން އަލްހާން ފާހަގަ ކުރެއްވި އެވެ.

އަލްހާން ވަނީ އޭނާގެ ކުންފުންޏަކީ ދުނިޔޭގެ އެންމެ ބޮޑު ޓްރޭޑިން ޕްލެޓްފޯމު ޑެރިވްގެ އެފިލިއޭޓު ޕާޓްނަރުކަމަށް ވިދާޅުވެފަ އެވެ. ޕޮންޒީ ސްކީމް ހިންގާ ބަޔަކަށް މިހާ ބޮޑު ކުރިއެރުމެއް ހޯދިދާނެތޯ އެމްއެމްއޭއިންނާއި ބީއެމްއެލް ވެސް ދިރާސާއެއް ހެދުމަށް އަލްހާން ގޮވާލި އެވެ.

ޕޮންޒީ ސްކީމުގެ ސިފަތަކެއް މީގައި ހިމެނޭކަމަށް ބުނެ، ފައިސާ ވެސް އެތެރެވިޔަ ނުދީ ހިފެހެއްޓިކަމަށް އަލްހާން ވިދާޅުވި އެވެ. އޭނާއަށް މިހާބޮޑު ދަތި ކުރުމުގެ ފިޔަވަޅެއް އެޅީ، ބީއެމްއެލްގެ އެތައް ސޭވިން އެކައުންޓެއް މިކަމުގެ ތެރެއަށް ވަނުންކަމަށް އަލްހާން ވިދާޅުވި އެވެ.

“ދެން ނެތެއް ނޫންތޯ ބީއެމްއެލްއިން އެ ބުނާ ލޯނުތައް ދީ މި ސަކަރާތް ޖެހޭކަށް… މީހުން ނުބަހައްޓާނެތާ ނުއަގުގަ ފައިސާއެއް އެކައުންޓުގަ.. ބީއެމްއެލްގެ ހުންނަ ނުބައި ނުލަފާކަމަކީ އަޅުގަނޑުމެންގެ އަމިއްލަ ފައިސާ އެތަނަށް ލާފައި ހުއްޓާ، އަޅުގަނޑުމެންގެ ކާޑުން އެ ފައިސާ ބޭނުން ކުރަން އުޅުނީމާ މި ބުނަނީ ނޫނޭ ކަލޭ މެންނަށް ނެގޭނީ 250 ޑޮލަރޭ.. ހެޔޮ އެކައުންޓުގައި ޑޮލަރު ހުއްޓަސް.. 250 ޑޮލަރު ނޫން ގޮތަކަށް ކާޑުން ކެނޑޭކަމަކަށް ނުވޭ” އަލްހާން

ޑޮލަރުގެ ނެގޭނެ އަދަދުގެ ގޮތުގައި ބީއެމްއެލްއިން ކަނޑައަޅާފައިވާ އަދަދަށް ފާޑުވިދާޅުވެ އަލްހާން ވަނީ، އެ މީހެއްގެ އެކައުންޓުގައި ހުންނަ ފައިސާއެއް ނެގޭނީ ވަކި މިންވަރަކުންކަމަށް ބީއެމްއެލްއިން އަންގާ މައްސަލަ އެމްއެމްއޭއިން ބެލުން މާ ރަނގަޅުކަމަށް ވިދާޅުވެފަ އެވެ.

އަލްހާން ވިދާޅުވީ ރެގިއުލޭޓު ނުކުރެވުން އެއީ، މަނީ ލޯންޑާރ ކުރާކަމުގެ ތުހުމަތު އަޅުވަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

“ކިހިނެއް ވެގެންތޯ މި އުޅެނީ މި ދައުލަތަށް.. އަޅުގަނޑުމެން ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތެއް ކުރީމަ އެކަމަށް ވެސް ހުރަސްއަޅަން.. ދިމާވެގެން މިއުޅެނީ ކީއްކުރަންތޯ.. ކުރިކަމެއް އޮންނާނީ ލިޔުމުން ފެންނަން… ހުރިހާ އެއްޗެއް އޮންނާނީ ލިޔުމުން.. އެ ލިޔުން ޑިލިޓުކޮގެން ނުވާނެކަމަށް ވެސް ޓާމްސް އެންޑް ކޮންޑިޝަންގައި އޮންނާނެ” އަލްހާން

އަލްހާން ވަނީ މިއީ ދެފުށް ފެންނަ ގޮތަކަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި މިކަން ކުރަނީ ވެސް ބީއެމްއެލްގެ އެކައުންޓަކުން ޖަމާވާ ގޮތަށް ކަމަށެވެ. އެހެން ކަމުން ކޮންމެ އަދަދަކުން މަސައްކަތެއް ކުރިޔަސް، އެކަން އޮންނާނީ ފެންނަންކަމަށް އަލްހާން ވިދާޅުވި އެވެ.

“އަލީ ބާބާއިން ދަތްކޮއްޓާ އިލޮށި ގެންނަ ގޮތަށް، ކްރިޕްޓޯ ވެސް ގަނެގެން ގެނެވޭނެ” އަލްހާން

އަލްހާން ވިދާޅުވީ ފޮރިން ކަރަންސީ ބަދަލު ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އޮޅުވާލުމެއް، މަނީ ލޯންޑާގެ އެއްވެސް ކަމެއް ނުފެންނާނެކަމަށް އަލްހާން ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރި ގޮތުގައި މިއީ ކުންފުނި ކުރި އަރާތީ، ހުއްޓުވަން ކުރި މަސައްކަތެކެވެ. ގާނޫނަކުން ހުއްޓުވެން ނެތުމުން ބަޔާނެއް ނެރެ، އާއްމުންގެ ތެރޭގައި ޕެނިކެއް އުފެއްދީކަމަށް އަލްހާން ތުހުމަތު ކުރި އެވެ.

އަލްހާން ވިދާޅުވީ ބަޔަކު ދޭ އެއްޗަކަށް އެމްއެމްއޭ ވެސް، ބީއެމްއެލް ވެސް ޒިންމާވާން ނުޖެހޭނެ ކަމަށެވެ. އަދި މިކަމުގައި ކުރިއަރާފައިވާ އެތައް ބަޔަކު ބައިވެރިވާކަން އަލްހާން ފާހަގަ ކުރެއްވި އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: